
ދޮންބައްޕަ
މުޙައްމަދު މުނީރު (ނީރު) އދ.ހަންޏާމީދޫ
ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ގެއިންބޭރަށް ނުކުތުމަށްއެޅި ފުރަތަމަ ފިޔަވަޅާއެކުހެން އިވިގެންދިޔަ އަޑުގެސަބަބުން އަކުރަމަށް ހުއްޓުންއެރިއެވެ. ހަމަ އެހެންމެ އެވާހަކަތައް ގަބޫލުނުކުރާ ކަހަލަގޮތަކަށް ދެއަތަކަށް ބޯހޫރާލިއެވެ. ދައްކަމުންދާ ތިވާހަކަތަކަކީ ދޮގެކޭ ބުނެވުނީ ވެސް އެއްވެސް އިޙްތިޔާރަކާނުލައެވެ.
“ އަހަރެން މިދައްކާވާހަކަ ގަބޫލުނުކުރަންޏާއި ރުއްދަނޑާދިމާ އަތިރިއަށް ހިނގާ. ” އަކުރަމަށް ބަލާންހުރެ
ސަރުހީލުބުންޏެވެ. ހަމައެހެންމެ އެކަމުގެ އަސްލު ހަމަލޮލުންދެކި އަތުންހިފުމަށް ދިއުމަށް ދަޢުވަތުދިނެވެ.
ސަރުހީލުގެ އެވާހަކަތައް ނުކުރާކަހަލަގޮތަކަށް ހުރެގެން އެބުނާ ދިމާއަށް ދިއުމަށް އަކުރަމު މިސްރާބުޖެހިއެވެ. އޭނާއާ އެކުގައި ސަރުހީލު ވެސް ހިނގައި ގަތެވެ. އޭރު އަކުރަމުގެމޫނުމަތިން ފާޅުވަމުންދަނީ ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއްގެ އަސަރުތަކެވެ.
ސަރުހީލުއާއިއެކު ރުއްދަނޑާދިމާއަށް ހިނގަމުންދިޔަ އަކުރަމަށް ފެނުނީ ރަށުގެ ވަރަށްގިނަބަޔަކު ރުއްދަނޑަށް އެއްވެގެން އުޅޭ މަންޒަރެވެ. އެއާއިއެކުހެން ސަރުހީލުގެ ވާހަކަތަކާމެދު އަކުރަމަށްވިސްނާލެވުނެވެ. ހަމައެހެންމެ މުހިންމުކަމެއް ނުވަތަ އާދަޔާހިލާފުކަމެއް ނުހިނގާނަމަ އެހާގިނަމީހުން އެގޮތަށް އެއްތާކަށް އެއްނުވާނެކަމަށް ވެސް ގަބޫލު ކުރެވުނެވެ.
އަކުރަމު އަވަސްއަވަހަށް އެތަނަށްގޮސްބަލާލިއިރު ސަރުހީލުގެ ވާހަކަތައް އެއީ ހަމަޙަޤީޤަތެވެ. މަރާލާފައި ބޮޑުކޮތަޅަކަށް ލާފައިވާ ތުއްތުތުއްތު ކުއްޖެއްގެ މުޅަމަސްގަނޑު ފެނުނެވެ. އެކަން އެނގުނީ މިއަދުހެނދުނު ކަސްރަތައްނުކުމެ އުޅުނުމީހަކަށް އެކޮތަޅު ހޮވުނީމައެވެ. އޭގެތެރޭ ކުނިވެފައިވާ މުޅަމަސްގަނޑު އެތަނުގެމެދުގައި ކަހަލަގޮތަކަށް އޮތެވެ. އެކުއްޖާ މަރާލުމުގެ އިތުރުން އެކުއްޖާއަށް ވަރަށް އަނިޔާވެސް ކޮށްފައިވެއެވެ.
އެތަނުގައިތިބި މީހުންނާއި ވާހަކަދައްކާލާ މަޢުލޫމާތު ހޯދާލުމުން އެނގުނީ ފަތިސްގަޑީ ކަސްރަތަށް ދުވާންނުކުމެ އުޅުނުމީހަކަށް ކޮތަޅެއްހޮވި އޭގެތެރޭން އެ ތުއްތުކުއްޖާ ފެނުމުން ރަށުމީހުންނަށް މަޢުލޫމާތުދިނީ ކަމެވެ.
ރަށުތެރެއަށް ޚަބަރުފެތުރޭވަރަކަށް އެތަނަށް ޖަމާވާމީހުން ގިނަ ވަމުން ދިޔައެވެ.
ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް އެޚަބަރު ލިބުމާއެކުހެން އެކަން ތަހުގީގުކުރުމަށްޓަކައި، ޑޮކްޓަރަކާއިއެކު ޕޮލިހުންގެޓީމެއް އެރަށަށް ފޮނުވައިފިއެވެ. ހެނދުނުއަށެއްޖަހާކަން ހާއިރު އެޓީމުއެރަށަށް އައިސް ތަހުގީގު ފަށައިފިއެވެ.
ފެނިގެންދިޔަ މަންޒަރުތަކުގެސަބަބުން ގިނަބަޔެއްގެ ހިތުގައި ހާސްކަމާއިކަންބޮޑުވުން އުފެދިފައިވެއެވެ. ހަމައެހެންމެ އެފަދަރަހުމުކުޑައަމަލެއް ހިންގާފައިވާތީ އެކަމާ ރުޅިއައިސްފައިވާ މީހުންވެސް ނުހަނު ގިނައެވެ.
ނުބައިނުލަފާ ރަހުމުކުޑަ އެއަމަލުހިންގިމީހަކު ނުވަތަ އެކަންކުރި ބަޔަކުހޯދާ އަދަބުދިނުމަށް ރަށުގެގިނަބަޔަކު ބުނަމުންދިޔައެވެ.
ވަގުތުތައްފާއިތުވަމުންދިޔައިރު ރަށްޔިތުންގެހިތުގައި އުފެދެމުންދާ ސުވާލުތައް ގިނަވަމުންދިޔައެވެ.
ވަރަށް ރަހުމުކުޑަ އަދި އެހާމެ އަނިޔާވެރިގޮތަކަށް މަރާލާފައިވާ އެތުއްތުކުއްޖާ ހިނަވާކަފުންކޮށް ވަޅުލާނިމުނީ މެންދުރެއް ހާއިރުއެވެ.
ވާނުވާނޭނގިފައިތިބި ރައްޔިތުންނަށް ކުއްލިސިހުމެއް ލިބުނީ ޕޮލިހުން ކުރަމުންދާ ތަހުގީގަށްޓަކައި ލޫސިޔާ ރަށުއޮފީހަށް ހާޒިރުކުރިވާހަކަ ރަށުތެރެއަށް ފެތުރުމުންނެވެ. އެއާއެކުހެން އެތައްބަޔަކު ރަށުއޮފީސްކައިރިއަށް ޖަމާވާންފެށިއެވެ.
ލޫސިޔާއަކީ އުމުރުންއަށާރަވަރަކަށް އަހަރުގެޒުވާނެކެވެ. އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ފެންބޮއިގެން އާދޭސް ކުރަމުންދާ އެތައްޒުވާނުންނެއް މިހާރު ވެސް ރަށުގައިއެބަތިއްބެވެ. މެދުނުކެނޑި ކަހަލަގޮތަކަށް ލޯބީގެހުށަހެޅުންތަކާއި ދަޢުވަތުތައް ލިބެމުން ދިޔަނަމަވެސް އެއިންއެއްވެސް ހުށަހެޅުމަކަށް ލޫސިޔާ އަޅައެއްނުލައެވެ. ހަމައެހެންމެ އެއީ ކީއްވެގެންކަމެއްވެސް ނުބުނެއެވެ. އަދި އެކަންއެނގޭ މީހަކުވެސް ނެތެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވި އޭނާ ހާޒިރުކުރެވުނު ކަންތަކާއި ލޫސިޔާ ދެކޮޅުހެދިއެވެ. އެހެނަސް އޭނާގެމައްޗަށް ތުހުމަތުކުރެވޭފަދަ ކަންތައްތަކެއް ފެނިފައި ވާތީ ޑޮކްޓަރު މެދުވެރިކޮށް ޓެސްޓްތަކެއް ހެދުމަށް ޕޮލިހުން ނިންމިއެވެ.
ޑޮކްޓަރު މެދުވެރިކޮށް ޓެސްޓްހަދާން ޕޮލިހުން އުޅުމުން ލޫސިޔާ އެކަމާ ދެކޮޅުހެދިއެވެ. ހަމައެހެންމެ އޭނާގެ ސިއްހީހާލަތުހުރިގޮތުން މިވަގުތުއެފަދަޓެސްޓެއް ހެދޭން ނެތްކަމަށްބުނެ ދޮގުހެދިއެވެ.
ޑޮކްޓަރުގެ ކުރިމަތީގައި އޭނާގެ ބައްޔާއި ބެހޭގޮތުން އެއްވެސް ހެއްކެއްނުދެއްކި އަނގަބަންދުވުމުން، ޓެސްޓްހަދާން ލޫސިޔާ އެއްބަސްވިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ، ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކާއި ނުތަނަވަސްކަމުގެ ކުލަވަރެވެ.
ޑޮކްޓަރު ހެދިޓެސްޓްތަކުން އެނގިޔަގީންވީ މީގެތިންރެއެއްކުރިން ލޫސިޔާ ވިހާފައިވާކަމެވެ. ޑޮކްޓަރީހެކިތަކާއި ޕޮލިހުން ދައްކަމުންދިޔަ ވާހަކަތަކުގެ ސަބަބުން ލޫސިޔާއަށް މަޖުބޫރުވީ ޙަޤީޤަތް ހާމަކުރާށެވެ.
ޑޮކްޓަރު ދެއްކިވާހަކަތައް އެއީ ޙަޤީޤަތްކަމާއި ރަށުގޮނޑުދޮށުން ހޮވި ތުއްތުތުއްތު ކުއްޖާއަކީ އޭނާގެ ދަރިއެއްކަމަށް ލޫސިޔާ ބުނިއިރު އޭނާއިނީ ރޯލަރޯލަ އެވެ. އެއާއިއެކުހެން ޑޮކްޓަރާއި ޕޮލިހުންގެބޭކަލުންގެ މޫނުމަތިން ފާޅުވެގެންދިޔައީ ހައިރާން ކަމާއި ކަންބޮޑުވުމެވެ. ހަމައެހެންމެ ރުޅިވެރިކަންވެސް ފާޅުވެގެންދިޔައެވެ.
ޕޮލިހުން އެދުނުފަދައިން އެކަންތައް ހިނގާދިޔަގޮތް، ފެށިގެން ނިމެންދެން ލޫސިޔާކިޔައިދިނެވެ. އެގޮތުން ލޫސިޔާ ކިޔައިދިން ގޮތުގައި އޭނާގެދޮންބައްޕަ ނާޖިދު ތަފާތު އެތައްފަހަރެއްގެމަތިން އޭނާއާ ޖިންސީގުޅުން ހިންގާފައިވެއެވެ. ހަމައެހެންމެ އެފަދަ ކޮންމެ ފަހަރަކު ވަޅިފަދަ ތޫނުކޮންމެވެސް ހަތިޔާރަކުން ބިރުދައްކައި، މިވާހަކަތައް އެހެންމީހަކަށް ކިޔައިނުދިނުމަށް އިންޒާރު ދީފައިވެއެވެ. އަދި މިވާހަކަތައް ދައްކައިފިނަމަ ލޫސިޔާގެ މަންމަ އާއި ކޮއްކޮއަންސާ މަރާލާ އެކަން ލޫސިޔާގެ ބޮލުގައި އަޅުވާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
ލޫސިޔާ އިތުރަށްބުނިގޮތުގައި އޭރުއޭނާގެ ވިސްނުންހުރިގޮތުން އޭރު އޭނާ ނިންމައިގެންހުރީ އޭނާއަށް ކިތަންމެބޮޑުވޭނަކާއި ލަދަކާއި މަލާމާތެއް ލިބުނަސް އޭނާގެ ކޮއްކޮއާއި މަންމަ ސަލާމަތްކުރާށެވެ. އެހެނަސް ޕޮލިހުންގެފަރާތުން ލިބުނުމަޢުލޫމާތުގެ ސަބަބުން އެވިސްނުން މުޅިންބަދަލުވެއްޖެ ކަމަށްވެސް ބުންޏެވެ.
ލޫސިޔާގެ ވާހަކަތަކުގެ ސަބަބުން، އެތަހުގީގަށްޓަކައި އޭނާގެ ދޮންބައްޕަނާޖިދު ވެސް ހާޒިރުކުރެވުނެވެ.
އޭނާގެމައްޗަށް ތުހުމަތުކުރެވި ޕޮލިހުންދައްކަމުންދިޔަ ވާހަކަތައް ނާޖިދު ދޮގުކުރިއެވެ. ހަމައެހެންމެ އޭނާ، އޭނާގެ ދޮންދަރިން ބަލަމުންދަނީ އަދި އެކުދިންނާއިމެދު ދެކެމުންދަނީ އުފަންދަރިން ފަދައިންކަމަށްބުންޏެވެ. އޭނާގެބޮލުގައި ދޮގުބަދުނާމެއް އެޅުވީކަމަށްބުނެ ޕޮލިހުންދެކެ ރުޅިއައިސް ހުތުރުބަހުން ވާހަކަދައްކާ ވެސް ހެދިއެވެ.
ޕޮލިހުންގެ ވާހަކަތަކާ ދެކޮޅުހަދާ ހުތުރުބަހުން ވާހަކަދައްކަމުން ދިޔަ ނާޖިދުގެ އަނގަބަންދުވީ، ލޫސިޔާއާއި މެދުގައި އޭނާ ކަންތައްކޮށްފައިވާ ރަހުމުކުޑަ އަނިޔާވެރި އަދި އިންސާނިއްޔަތުކަމުގެ ކުޑަމިންވަރެއްވެސް ނެތް އެހާމެ ލަދުހަޔާތްކުޑަ އަމަލުތަކުގެ ވާހަކަތައް އޭނާގެ ކުރިމަތީގައި ލޫސިޔާ ކިޔާދިނުމުންނެވެ.
ލޫސިޔާގެ އެވާހަކަތައް ނިމުމާއެކުހެން ނާޖިދު އޭނާގެ ކުށަށް އެއްބަސްވިއެވެ.
ނުހަނުރަހުމުކުޑަ އެހާމެއަނިޔާވެރިގޮތަކަށް މާރާލާ ކޮތަޅަކަށްލާ ގޮނޑުދޮށަށް އެއްލާލާފައިވާ ތުއްތުތުއްތު ކުއްޖާ ފެނުނުތާ ދިހަވަރަކަށް ގަޑިއިރުތެރޭގައި ، އެކަންކުރި މީހުންހޯދައި ހައްޔަރުކުރިއިރު، ރަށުރައްޔިތުންގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކާއި ރުޅިވެރިކަމުގެ އަސަރުތަކެވެ.
ގާނޫނީގޮތުން އެމީހުންނަށްދޭންވާ އަދަބުދިނުމަށްޓަކައި ނާޖިދާއި ލޫސިޔާ ގޮވައިގެން ޕޮލިހުންފުރިއިރު އެބޮޑުކަންތަކުގެ އެއްވެސް ހިލަމެއް ވެފައިނުވާ ލޫސިޔާގެ މަންމަ ސޯބިރާއާއި ކޮއްކޮ އަންސާ ރޯލަރޯލާ ތިއްބެވެ.
(ނިމުނީ)








