ނިދާ ބޮކީގެ ފަނޑުއަލީގެ ތެރޭގައި ނަވާލް ދެލޯމަރައިލިއެވެ. ނަމަވެސް އޭނާގެ ލޮލަކު ނިދީގެ ކަންފުޅެއްވެސް
ނެތްކަހަލައެވެ. ލޯމަތިން ސިފަވަމުންދާ މަންޒަރުތަކެއްގެ ސަބަބުން ލޮލާއި ނިންޖާއި ދެމެދު ހުރަސް އަޅަނީ ފިކުރުތަކެވެ. ނަވާލްގެ ހިތަށް އެއީ ހިތްގައިމު މަންޒަރެކެވެ. އެބިޔަބަގީޗާގައި ފޮޅިފައިވަނީ އެންމެ މަލެކެވެ. އެމަލުގައި ތާޒާކަމާއިއެކު ހިތްގައިމު ވަހެއްވެސް ހުންނާނެއެވެ. އާންމު ބަގީޗާތަކުން އޭނާދުށް މާމެލާމެއްޔަށް ވުރެން އެމާ ފުރިހަމައެވެ. ކޮންމެ އިރެއްގައިވެސް އެމަލުން ފެންނަނީ ތާޒާކަމެވެ. ހީކުރެވުނެވެ. އެމަލުގެ މީރުކަމާއި ލައްޒަތު ލިބި ގަތުމަށް މިހާރުވެސް އެތައް މާބުރުތަކެއް އެމަލުގެ ވަށައިގެން ޠަވާފު ކުރާނެއެވެ. ނަމަވެސް ބަގީޗާ ބަލަހައްޓާ މީހުން ހުޝިޔާރުވެ ލޯހުޅުވެނީއެވެ.
އަންހެން ކުއްޖަކަށް މާބޮޑަށް މިނިވަންކަން ދިނުމަކީ އެކުއްޖަކު ހަލާކުގެ ތެރެއަށް ދޫކޮށްލިންފަދަ މޮޔަކަމެއް
ކަން ނަހުދާގެ މައިންބަފައިން ދަނެއެވެ. ނަހުދާއަކީ އެއާއިލާގައި ހުރި ހަމައެކަނި ކުއްޖާ ކަމުގައިވިޔަސް އޭނާއަށް ދެވިފައިވާ މިނިވަންކަންވެސް އޮންނަނީ މިންގަޑެއްގައެވެ. ނަދުހާވެސް އެކަމަށް ޝަކުވާއެއް ނުކުރެއެވެ. ނަދުހާގެ މަންމަ ޒުހުރާ އާއި ބައްޕަ ޝަކީބު ނަދުހާ އަޅާ ކޮންމެ ފިޔަވަޅެއްވެސް ފިސާރި ފަރުވާތެރިކަމާއެކު ބަލައެވެ. ނުހަނު ގާތުންނެވެ.
ނަވާލަށް ނަދުހާ ފެނުނީ އޭނާގެ މަންމަ ޒުހުރާޔާއެކު ބާޒާރު ކުރަންނުކުމެ އުޅެނިކޮށެވެ. ނަހުދާގެ ފުރަތަމަ
ފެނިލުމާއެކުވެސް ނަވާލުގެ ހިތަށް އާދަޔާޚިލާފު އިޙްސާސްތަކެއް ކުރެވުނެވެ. "ހާދަ ރީއްޗޭ" ނަވާލަށް ހިތާއި ހިތާ ކިޔުނެވެ. ނަދުހާގެ ނަލަކަމާއި ފަރިކަންފެނި ނަވާލް ޝޯޚްވިކަހަލައެވެ. ގައިމެވެ. މީގެ ކުރިން އަންހެން ކުއްޖަކު ފެނި ދުވަހަކުވެސް އޭނާއަށް މިފަދަ ގޮތްތަކެއް ނުވެއެވެ. އޭނާގެ އުމުރުން ފާއިތުވެދިޔަ ދުވަސްތަކުގައި ކުއްޖަކާއި ދިމާއަށް އެފަދަ ނަޒަރަކުން ބަލައިލާންވެސް އޭނާއަކަށް ނުކެރޭނެއެވެ. ނަމަވެސް އޭނާއަށް މިއަދު އެވަނީ ހިތަށް ބާރު ނުފޯރުވޭ ވަރުވެފައެވެ. އިޙްތިޔާރަކާއި ނުލާ އޭނާގެ ހިތްވަނީ އެރީތި ޖާދުވީ އަންހެން ކުއްޖާގެ ފަހަތުން ދަތުރު ފަށައިފައެވެ. ލޯބީގެ މަންޒިލަކަށް ދިއުމަށެވެ.
"ހާދަ ލޯތްބޭ" ނަދުހާގެ ތިންވަނަ ފެނިލުމާއިއެކު ނަވާލަށް ހިތާއި ހިތާ ބުނެވުނެވެ. ނަމަވެސް އެއަށްވުރެން
ބޭރަކަށް އެއަޑު ނެރޭކަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ.
"ހަޤީގަތުގައިވެސް ހާދަ ފަރިއޭ ... ހީވަނީ ސާދަ ފަނަރައިގެ ހަނދެއް ފަލަކުން ނައްޓާލިހެން" ނަދުހާގެ
ހަތަރުވަނަ ފެނިލުމަށްފަހު ނަދުހާއަށް އިވޭވަރަށް ނަވާލް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ އަފްޒަލާއެވެ. ހަޤީގަތުގައި އަފްޒަލް ވެސް ހުރީ ނަދުހާގެ ރީތިކަމާއި ހިތްގައިމު ކަމަށް ތަޢުރީފު ކުރަން ބޭނުންވެފައެވެ. އެކަން އޭނާގެ ވާހަކައިން ކޮންމެވެސް ވަރަކަށް ދޭހަވިއެވެ.
"ތެދެއްތިބުނީ ވަރަށް ފުރިހަމަ ސާދަ ފަނަރައިގެ ހަނދަށްވުރެންވެސް ފުރިހަމައޭ ބުނާހިތްވަނީ ....
އެމަލުގެ ބަގީޗާއުން ފުރުސަތު ލިބޭ މީހަކު ވާނެ ނިކަން ނަސީބު ވެރިއަކަށް" އަފުޒަލްވެސް ވާހަކަ ދެއްކީ ނަދުހާއަށް އިވޭ ވަރަށެވެ. ނަމަވެސް ނަދުހާ އެއަޑަކަށް ސަމާލުކަމެއް ދިންހެނެއް ހިއެއްނުވެއެވެ. ނޫނީ ނަދުހާ އެދެމީހުންކުރެން އެކެއްގެ އަޑެއްވެސް ނާހައެވެ. ނަދުހާއަކީ މަގުމަތިން ހިގާއިރު ދިމަދިމާއަށް ކަޅި އުކަމުން ފަރާތްފަރާތަށް ކަންފަތް ދިއްކުރަމުން ދާ ކުއްޖެއް ނޫނެވެ. އާންމު ދިރިއުޅުމުގައިވެސް އޭނާއަކީ ވަރަށް ލަދުރަކި މަޑުމައިތިރި މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ދުވަހަކުވެސް އޭނާ އިސްވެ ފިރިހެން ކުއްޖެކާ ވާހަކައެއް ނުދައްކައެވެ. ގިނަ ފަހަރަށް ފިރިހެން ކުއްޖަކު ވާހަކަ ދެއްކިޔަސް އޭނާ ވާހަކައެއް ނުދައްކައެވެ. އެއީ އެއްމަދަރުސާއެއްގައި އެއްކުލާހެއްގައި ކިޔަވާ ކުއްޖެއް ކަމުގައި ވިޔަސްވެއެވެ.
އަންހެން ކުދިންތަކުގެ ތެރެއިންވެސް އޭނާ އާންމުކޮށް ވާހަކަ ދައްކައި އުޅެނީ ދެތިން ކުއްޖަކާއެވެ. އޭގެތެރެއިން
އެކަކީ އޭނާގެ ހުރިހާ ސިއްރުތަކެއްވެސް އެކުއްޖަކާއިއެކު ޙިއްސާ ކުރާ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ފާތިނާއެވެ. ފާތިނާއަކީވެސް އޭނާ ފަދައިން ލަދުރަކި އަންހެން ކުއްޖެކެވެ.
ތަފާތަކީ ޢުމުރުން ސަތާރަ އަހަރުން ފެށިގެން ފާތިނާ ލޯބީގެ ހަޔާތް ފަށާފައިވާކަމެވެ. ފުރަތަމަ އެކަމާއި ނަދުހާ
ނުރުހުން ފާޅު ކުރިވެސްމެއެވެ. ނަދުހާ ބުނެފައިވަނީ އެފަދަ ގުޅުމަކަށް "އަދި މާއަވަސް" ކަމުގައެވެ.
"ނަދޫވެސް ކުއްޖަކާ ރައްޓެހިވީމަ އެނގޭނީ ލިބޭ ހިތްހަމަޖެހުން" ލޯބީގެގުޅުމުން ލިބޭ ހިތްހަމަޖެހުމާއި ބެހޭގޮތުން
ވާހަކަ ދައްކަމުން ފާތިނާ ނުންޏެވެ.
"ކޮންހިތްހަމަޖެހުމެއް ލިބޭނީ ތިބުނާ ފަދަ ނަޒަރަކުން ކުއްޖަކު އަހަންނާއި ދިމާއަށް ބެއްޔަސް އަހަރެން ފޫހިވޭ"
ނަދުހާ ބުންޏެވެ.
"ނަދޫގެ ހިތް އެދޭ ކަހަލަ ކުއްޖެއްގެ އިޝާރާތް ނުލިބޭތީ ތިހެން ތިވަނީ. އަހަރެން ބަލާނަމޭ ތިހެން ހުރެވޭނީ
ކިހާ ދުވަހެއް ވަންދެންތޯ" ފާތިނާ ހީގަތެވެ.
" އަހަރެން ސްކޫލް ނިމުނީމަ ނޫނީ ތިކަހަލަ ކަމަކަށް ނުވެސް ވިސްނާނަން ......... މިހާރު ތިކަހަލަ ކަންތަކާ
ވިސްނަން ވެއްޖެއްޔާ ކިޔެވުމާ ދޭތެރޭ ވިސްނާނެ ވަގުތެއް ނުވާނެ." ނަދުހާ ބުންޏެވެ. އެއީ ނަދުހާގެ ވިސްނުމެވެ. އެވިސްނުން ބަދަލު ކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.
" އަހަރެންވެސް ފާސްވޭ ، އަހަރެން ސުހޭލް އާއި ރައްޓެހިވީތާ މިހާރު ކޮން ދުވަހެއް " ދިފާއުގައި ފާތިން
ބުންޏެވެ. ހެއްކާއެކުގައިއެވެ. ލޯބީގެ ގުޅުން ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް ކޮންމެ ފަހަރަކުވެސް އޭނާ ފާސް ވެއެވެ. އޭ ނުވަތަ ބީ ރިޕޯރޓެއް ނޫނީ ނުލިބެއެވެ. އެހެންކަމުން މިއަދު އޭނާ އަށް އެހެން ބުނެވެން އެބައޮތެވެ.
" ވަރިހަމަ އަހަރެން ބޭނުމެއް ނޫން، ތިއިން އެއްވެސް ފިރިހެނެއްގ މަޅިފައްޗަކު އަހަންނެއް ނުޖެހޭނެ "
ސާބިތު ކަމާއިއެކު ނަދުހާ މިހެން ބުނެފައި ދޮރާށި ހުޅުވާފައި އެތެރެއަށް ވަނެވެ. އޭރު އޭނާގެ މަންމަ ޒުހުރާ އިންތިޒާރުގައި އިނެވެ.
" ދަރިފުޅާ ކޮންތާކުން ؟ " ނަދުހާ ވަނުމާއި އެކު ޒުހުރާ އެއްސެވެ. އެއީ އޭނާގެ އާދައެކެވެ. ދަރިފުޅު ދާ
ތަންތަނާއި އުޅޭނުއުޅޭ ގޮތް އެނގެން ޖެހޭނެ ކަމަށް އޭނާ ޤަބޫލް ކުރެއެވެ. ޤަބޫލް ކުރެވޭ ގޮތުގައި ނަދުހާ އެ އުމުރުގެ އެހެން ކުދިންނާ އެއްގޮތަށް ޒުވާންފިރިހެން ކުދިންގެ ދަޅަތަކަށް ނުހެއްލި ހުރުމުގެ ސަބަބަކީ އޭނާގެ މައިންބަފައިންގެ ބެލުންތެރިކަމެވެ. ނަދުހާގެ ބައްޕަ ޝަކީބާއި މަންމަ ޒުހުރާ ނުދުހާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެން ކަމުން އެދަރިފުޅާއި ދޭތެރޭ އެމީހުންދެކޭ ހުވަފެންތައްވެސް ފިސާރި ފޮންޏެވެ.
" ފާތިނާ އާއިއެކު ފިހާރަޔަކަށް ގޮސްލީ ، މިހާއަވަހަށް މިއައީ މަންމަ ގާތު އަހާނުލެވި ދެވުނީމާ .... ސޮރީ
މަންމާ " ނަދުހާ ނިކަން މަޑުމައިތިރިކަމާއި އެކު މަޢާފަށްވެސް އެދުނެވެ. އެއީ ނަދުހާ އަށް ލިބިފައިވާ ރަނގަޅު ސިފަތަކުގެ ތެރެއިން އެއްސިފައެވެ.
" މަންމަ ގާތު ނުބުނެ ދިއައީމަ މަންމަ މިހުރީ ވަރަށް ކަންބޮޑުވެފަ. " ޒުހުރާ ނަދުހާގެ ބޮލުގައި ނުހަނު
ލީތްބާއިއެކު ފިރުމައިލިއެވެ.
މުސްކުޅި ފުރައިގެ އަންހެނަކާއި އެކު ޝަކީބް ގެއަށް އައިސްވަނީ އެވަގުތުއެވެ. ޒުހުރާ އާއި ނަދުހާއަށް
ބަލައިލެވުނީ ޝަކީބުގެ ފަހަތުގައި ހުރި މުސްކުޅި މީހާއަށެވެ. އެއަށްފަހު ޝަކީބުގެ އަތުގައި އޮތް ހަން ފޮށްޓަށެވެ. އެއީ މުސްކުޅި މީހާގެ ފޮށްޓެވެ. އެހެންކަމުން ޝަކީބު ކުރީ ދުވަހެއްގައި އެގެއަށް ގެންނަން ބުނި ގެންގުޅޭ މީހާކަން ޒުހުރާއަށް ވިސްނުމުން އޭނާގެ މޫނުމަތި އުޖާލާވެގެން ދިއަ ކަހަލައެވެ.
" މީ އަހަރެންބުނި މީހަކީ ، ދަލޭކަ ދޯ ކިޔަނީ؟ " ޝަކީބު އެމުސްކުޅި މީހާ ޒުހުރާއަށް ތަޢާރަފުކޮށް
ދިނުމަށްފަހު ދަލޭކައަށް ދޯ އެއްލިއެވެ.
ދަލޭކަ ބޯޖަހާލިއެވެ. އޭރު ދަލޭކަގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ނަދުހާއަށެވެ. ހީވަނީ އޭނާ
މާކުރިން ދަންނަ ކުއްޖަކާއި ދިމާއަށް ބަލަމުން ދާހެނެވެ. އެހިނދު ނަދުހާވެސް ދަލޭކައަށް ބަލަމުން ދިޔައީ މާގާތް ނަޒަރަކުންނެވެ. ހީވާ ކަހަލައެވެ. އޭނާ މާކުރިއްސުރެންވެސް ދަލޭކަ ދަނެއެވެ.
" މަންމާ ، މިއަދު ކޮންދުވަހެއްތަ ހޯމަތަ ނޫނީ އަންގާރަތަ؟ " ނަދުހާ ކުއްލިއަކަށް ހަނދާންވާ ފަދަ
ގޮތަކަށް އެއްސެވެ.
" އާދިއްތަ " ޖަވާބު ދިނީ ދަލޭކައެވެ. ދަލޭކަ ޖަވާބު ދިން އަވަސްކަމުން ހީވީ ނަދުހާ މުޚާތަބު ކުރީ
ސީދާ ދަލޭކަޔާހެނެވެ.
" އާދިއްތައޭ ؟" ޒުހުރާ އާއި ޝަކީބު އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
" މިއަދު މާބޮޑު ކަމެއް އޮތީތަ؟" ޝަކީބު ހިނިތުންވެލަމުން ނަދުހާގެ މޫނަށް ބަލައިލިއެވެ.
" އުނހު ، މާބޮޑު ކަމެއް އޮތީކީ ނޫން ކުރީ ދުވަހެއްގައި މަންމަ ބުނީމެއްނޫން ނަދޫ އުފަންވީ ކޮންމެ
ވެސް އާދިއްތަ ދުވަހެއްގައޭ. މަންމަ އާއު ބައްޕަ ވާނެއެއްނު ނަދޫ އަށް ވިޝް ކުރަން. " ތިން ދުވަސް ކުރީގެ ހަނދާންތަކެއް އައު ކޮށްފައި ނަދުހާ ބުންޏެވެ. ހީނގަންނަމުންނެވެ.
" އުފާވެރި އުފަންދުވަހަކަށް އެދެން. " އެންމެ ފުރަތަމަ މަރުޙަބާކީ ދަލޭކައެވެ. ދަލޭކަ އިނީނިކަން
އުފަވެފައެވެ.
" ޝުކުރިއްޔާ ....... " ނަދުހާ ޝަކުރު އަދާކުރިއެވެ.
އެދުވަސްވީ އެގެއަށް އައި އިންތިހާ އުފާވެރި ދުވަހަކަށެވެ. ނަދުހާގެ ހިތްހަމަ ޖެއްސުމައްޓަކައި
އެދުވަހުވެސް އެގޭގައި ކުޑަވަރެއްގެ ހަފުލާއެއް ބޭއްވިއެވެ. އޭނާގެ ކުލާސް ކުދިން ބައިވެރި ކޮށްގެނެވެ. އެދުވަހުވެސް އެތައް ފިރިހެން ކުދިންނެއް ތަފާތު މާނައިގައި އޭނާއަށް ބެއްޔެވެ. ނަމަވެސް އެއިން އެއްވެސް ބެލުމަކަށް އޭނާގެ ޝައުގެއް ނެތެވެ. އެބެލުންތަކުން އޭނާގެ ހިތަށް ވެރިވީ ފޫހި ކަމެވެ. އެކަން އޭނާގެ ހަރަކާތުން ދޭހަވުމުން ބައެއްކުދިން ހޯހޯ ގޮވަމުން ދުވެ ފިލައެވެ.
"ކީއްކުރަންތަ އަހަންނާއި ދިމާއަށް ބަލަން ވީކީ....؟ ވަރަށް ފޫހިވޭ" ނަދުހާ އޭނާގެ ރަޙްމަތްތެރިޔާ