ފައިގެ ކަށިކޮޅެއްގައި ރެނދެއް ލާފައިވާ ކަމަށް އެކްސްރޭ ތަކުން ކުރިން ދެއްކި ނަމަވެސް ދާދި ފަހުން އިންޑިޔާއަށް ގޮސް ނެގި އެކްސްރޭ އިން ރެނދު ލާފައިވާ ނެތް ކަމަށް ދެއްކުމުން ގައުމީ ޓީމުގެ ސްކޮޑުން ބާކީ ކޮށްފައިވާ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެންމެ ފަހު ވަގުތު ޓީމަށް ނަގައިފިއެވެ.
އެކުވެރިކަމުގެ މެޗުގައި މިރޭ އިންޑިޔާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ދަގަނޑޭ ޓީމަށް ލިބުމުން ކޯޗާއި ކުޅުންތެރިންވެސް ވަނީ އެކަމަށް އުފާ ކޮށްފައެވެ. ކޯޗު ޑީއޭގޯ ކުރުސިއާނީ ބުނީ ވަރަށްގިނަ ދުވަހު ދަގަނޑޭ ނުކުޅެ ހުރުމުން މިރޭގެ މެޗުގެ ނުވަދިހަ މިނިޓުގައި ހިފަހައްޓާލަން އޭނާއަށް އުދަނގޫވާނެ ކަމަށެވެ. އެހެންވެ މިރޭގެ މެޗުގެ ކޮންމެވެސް ހިސާބަކުން ދަގަނޑޭ ފެންނާނެ ކަމުގެ އިޝާރާތެއް އާޖެންޓީނާގެ ކޯޗު ވަނީ ދީފައެވެ.
ގައުމީ ޓީމުގެ ސްކޮޑް އެންމެ ފުރަތަމަ އެކުލަވާލިއިރުވެސް ދަގަނޑޭ ޓީމުގައި ހިމެނިއެވެ. ނަމަވެސް ފައިގެ ކަށިކޮޅެއްގައި ރެނދެއް ލާފައިވާ ކަމަށް އެކްސްރޭ އިން ދެއްކުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވުމުން ސްކޮޑުން ބާކީ ކުރީއެވެ. ގައުމީ ޓީމުގެ މެނޭޖަރު އަލީ ވަޙީދު (ބަލަކް) ބުނީ ދަގަނޑޭ ސްކޮޑަށް ނަގަން މެނޭޖްމެންޓުން ނިންމި ނަމަވެސް ދަގަނޑޭ ދަނޑު މައްޗަށް އަރުވާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ކޯޗާއި ކޯޗިންގ ސްޓޭފުން ކަމަށެވެ.








