Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ރިޕޯރޓް ރިޕޯރޓް ސަރުކާރު ޒިންމާދާރު ކުރުވުން - ޑީ.އާރ.ޕީއަށް ކުރެވިދާނެ ކަމެއްބާ؟

ސަރުކާރު ޒިންމާދާރު ކުރުވުން - ޑީ.އާރ.ޕީއަށް ކުރެވިދާނެ ކަމެއްބާ؟

ރާއްޖޭގައި މިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަ ލްފާޟިލް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީއަށެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނަޝީދު ކާމިޔާބުކުރެއްވީ ރާއްޖޭގައި 30 އަހަރު ވެރިކަކުރައްވާފައިވާ އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ވާދަކުރައްވައިގެން ވޯޓުލީމީހުންގެ 54.2 އިންސައްތަ ވޯޓުންނެވެ.  ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ހުވާ 11 ނޮވެމްބަރ 2008 ވަނަ ދުވަހު ކުރެއްވުމާއި ގުޅިގެން މައުމޫން އަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަންނިމިގެންދިޔައެވެ. ރާއްޖޭގެ ވެރިކަން ބަދަލުވެ މިވޭތެވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ރައީސް ނަޝީދުގެ ސަރުކާރުން ވެރިކަން ކުރައްވަން ފެއްޓެވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ފެނިގެންދިޔައީ ސަރުކާރާއި އިދިކޮޅު ޕާޓީގެ ވެރިއެއްގެ ގޮތުގައެވެ. ގިނަ ބަޔަކު ޚިޔާލުކުރިގޮތާއި ޚިލާފަށް މައުމޫން އަބްދުލްޤައްޔޫމް "އޮޕްޒިޝަން" ނުވަތަ އިދިކޮޅު ވެރިއެއްގެ ގޮތުގައި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވިއެވެ. ސަރުކާރުގެ ސިޔާސަތުތަކަށާއި ސަރުކާރުން ކުރައްވާ ކަންތައްތަކަށް އެޕާޓީ ހަޖޫޖަހާ އަދި ސަރުކާރުން ކުރައްވާ ކަންތައްތައް ތަންފީޒުވިޔަ ނުދިނުމަށް މަސައްކަތްކުރެއްވިއެވެ. އެގޮތުން އެމަސައްކަތް "ބްލޮކް" ކުރެއްވުމަށް އެންމެ ފަސޭހަ މަގަކީ ޑީ.އަރ.ޕީއަށް ރައްޔިތުންގެ މަޖްލީހުގެ އަޣްލަބީއްޔަތު ހޯދާ މަޖްލިސް މެދުވެރިކޮށް އެކަންކުރެއްވުން ކަމަށް އެޕާޓީން ޤަބޫލްކޮށް، މަޖްލީހުގެ ވޯޓުގެ ކުރިން ޑީ.އާރ.ޕީންވަނީ ރާއްޖޭގެ އިތުރު ސިޔާސީ ޕާޓީއެއްކަމަށްވާ މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ޕީ.އޭއެކު "ކޮލީޝަނެއް" އުފައްދާ ރައްޔިތުންގެ މަޖްލީހުގެ އަޣްލަބިއްޔަތު ހޯދާ އެމަސައްކަތް ވަރަށް ރަނގަޅަށް ފައްޓަވާފައެވެ. ރައީސް ނަޝީދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވެފައިވަނީ ވަރަށް ތަފާތު އަދި ހޫނު ބަހުސްތައް ކުރެވޭ ސިޔާސަތުތަކަށެވެ. އެގޮތުން މިސިޔާސަތުތައް ވެފައިވަނީ ސިޔާސީ ގޮތުން "ހަތުރު" ބޭފުޅުންގެ އިތުރުން ރައްޔިތުނަށްވެސް ބައެއްފަހަރަށް ބަލައިގަންނަން އުނދަގޫ ސިޔާސަތުތަކަކަށެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކީ ފާއިތުވި 30 އަހަރު ދުވަހުގައި އެއްގޮތަކަށް ބަށްޓަންކުރެވިގެން އައި ކަންތައްތަކެއް ކުއްލިއަކަށް ބަދަލުވާންޖެހުން ކަމަށްވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ ހެޔޮ ބަދަލެއްކަމެވެ. އެމީހުން ވޯޓު ދިނީ ބަދަލަކަށެވެ. އެހެންކަމުން ބަދަލެއް ގެނެވޭނީ ކުރީގެ "ގޮތްގަނޑު" ދޫކޮށް އާގޮތަކަށް ކަންތައްތައްކޮށްގެންކަން ޤަބޫލްކުރަންޖެހެއެވެ. ކޮންމެ ގޮތެއްވިޔަސް އިދިކޮޅު ޕާޓީއެއްގެ އެޖެންޑާގައި އެންމެ ކުރީގައި އޮންނާނީ އޭރެއްގައި އޮތް ވެރިކަން ވައްޓާލާ ވެރިކަމަށް އައުންކަން އެއީ ޤަބޫލްކުރެވޭ ކަމެކެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވާ ސަރުކާރުންކުރައްވާ "ގޯސް"ކަންތައްތައް ރަނގަޅުކުރެއްވުމަކީ އިދިކޮޅު ޕާޓީތަކުން ކުރައްވަންޖެހޭ ކަމެއްކަމަށްވިޔަސް އެކަންވެފައިވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިދިކޮޅުޕާޓީތަކުން ކުރައްވާތަން ނުފެންނަކަމަކަށެވެ. އެހެންނަމަވެސް ރާއްޖޭގެ މިހާރުގެ އިދިކޮޅު ޕާޓީއެއްކަމަށްވާ ޑީ.އާރ.ޕީއިން މިކަންކުރައްވާނެކަމަށް އެޕާޓީންވަނީ އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް އެޕާޓީއިން އެކަންކުރައްވަން ނިންމެވި ގޮތާމެދު ސުވާލު އުފެދެއެވެ. ޑީ.އާރ.ޕީއިން ސަރުކާރު ޒިންމާދާރުކުރުވަން އެންމެ ފަހުން ނިންމެވި ގޮތަކީ އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބޭފުޅުންތަކެއް ސްރީލަންކާއަށް ވަޑައިގެން ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް އެބޭފުޅުން ދެކެލައްވާ "ގޯސް" ކަންތައްތައް ސްރީލަންކާގައި ހުންނަ ދުނިޔޭގެ ޤައުމުތަކުގެ އެމްބަސީތަކަށާއި ސްރީލަންކާގެ މީޑީޔާއަށް ދިނުމެވެ. މިއީ ޑީ.އާރ.ޕީއަށާއި އެޕާޓީގެ މެމްބަރުންނަށް ފައިސާ ހޯދަން މޮޅު ޚިޔާލަކަށް ވެދާނެއެވެ. ނަމަވެސް މިދަތުރުން ދިވެހި ސަރުކާރު ޒިންމާދާރު ކުރެއްވޭނެކަމާއި މެދުވެސް ސުވާލު އުފެދެއެވެ. ޑީ.އަރ.ޕީ ބުނާގޮތުން އެބޭފުޅުންގެ ބޭނުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢު މެދުވެރިކޮށް ދިވެހި ސަރުކާރަށް ފިއްތުންތަށް ކުރިމަތިކުރުވުމެވެ. ކުރިންވެސް އަޅުގަނޑު ދެންނެވިހެން ޑީ.އަރ.ޕީން ލަންކާއަށް ކުރައްވާ ދަތުރުގެ ބޭނުން ސާފުނުވިޔަސް އެދަތުރާ މެދު އުފެދޭ ސުވާލުތައް އެބަހުއްޓެވެ. އެންމެ ބޮޑު އެއްސުވާލަކީ 30 އަހަރުގެ ވެރިކަމެއްކޮށްފަހުރި ވެރިއެއް އަދި ދިވެހި ރައްޔިތުން "ނޫނެކޭ' ބުނެ ވެރިކަމުން ދުރުކުރި ބޭފުޅެއްގެ ވެރިކަމުގެ ދަށުން ޑީ.އާރ.ޕީ އިން ބުނާ ވާހަކަތައް ދުނިޔޭގެ ޤައުމުތަކުން ޤަބޫލްކުރާނެތޯ؟ ދެވަނަ ސުވާލަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެ ބޭރުން ސަރުކާރުން ނިންމަވާ ނިންމެވުންތަކަކީ ދާޚިލީ ކަންތައްތަކަށްވެފައި ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އެއްވެސް ޤައުމަކުން ވަންނާނެތޯ؟ ތިންވަނަ ސުވާލަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ޑީ.އާރ.ޕީއިން ރާއްޖޭގެ ދާޚިލީ މައްސަލަތައް ހިފައިގެންގޮސް ދުނިޔޭގެ ޤައުމުތަކަށް ހުށެހެޅުމަކީ ޑީ.އާރ.ޕީއިން ކުރާ ޒިންމާދާރުކަމެއްތޯ؟ ހަތަރުވަނަ ސުވާލަކީ ރާއްޖޭގެ ރައީސްއަށް މިހާރު ދުނިޔޭގެ ޤައުމުތަކުން ދެއްވަމުން ގެންދަވާ ތަރުޚީބު މިކަމުގެ ސަބަބުން ކުޑަވެގެން ހިގައިދާނެތޯ؟ މިގޮތައް ކުރެވިދާނެ ސުވާލުތައް ވަރަށް ގިނައެވެ. އެހެންނަމަވެސް މީގެ ކޮންމެ ސުވާލެއްގެ ޖަވާބުވެސް ޑީ.އަރ.ޕީ ބޭނުންވާގޮތައް ލިބިއްޖެނަމަ އެކަމުގެ އަސަރު ރާއްޖޭގެ ރައްޔިތުންނަށް ކޮންމެވެސް ގޮތަކަށް ކުރާނެކަމީ ހަމަޔަޤީންކަމެކެވެ. މިސާލަކަށް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ޤައުމަކުން ވަންނަންބޭނުންވެ އެކަންކޮފިނަމަ، ރާއްޖޭ މިނިވަންކަން ގެއްލި މިހާރު މިއޮތް ހާލަތުން ގޯސް ހަލަތަކަށް ރާއްޖެ ދިއުމަކީ އެކަށީގެންވާކަމެކެވެ. އެފަދަ ހާލަތެއްގައި ޑީ.އާރ.ޕީއަށް ވެރިކަން ލިބުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް އެމީހުނަށްވެސް އެމީހުން ބޭނުންގޮތަކަށް ވެރިކަން އޮންނާނީ ނުކުރެވިފައެވެ. އަދިހަމަ ރާއްޖޭގެ ރައީސްއަށް އޮތް އިތުބާރު ކުޑަވެ ރާއްޖެއަށް ދެމުންދާއެހީތައް ހުއްޓާލައިފިނަމަ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރަށް ވުރެ ގޯސްވެ ރައްޔިތުން ބިކަ ހާލުގައި ޖެހުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހާލަތުގައިވެސް ދެންއަންނަ އިންތިޚާބެއްގައި ޑީ.އާރ.ޕީއަށް ވެރިކަން ލިބުން އެކަށީގެންވެއެވެ. ނަމަވެސް ވެރިކަމުގައި ރައްޔިތުންނަށް ކާބޯތަކެތިވެސް ފޯރުނުކޮށްދެވޭހާވަރަށް އިގްތިސާދު ވަޅުޖެހުން ގާތެވެ. މިކަމާއި ގުޅިގެން އުފެދޭ އިތުރު ސުވާލުތަކުގެ ތެރެއިން ޑީ.އަރ.ޕީއަށް ސަރުކާރު ޒިންމާދާރުކުރެވިދާނެތޯ ނުވަތަ ނޫންތޯ؟ ޑީ.އަރ.ޕީގެ ވިސްނުމުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ؟ އަދި ޑީ.އާރ.ޕީ ޚަޤީޤަތުގައިވެސް މަސައްކަތް ކުރައްވަނީ ސަރުކާރު ޒިންމާދާރު ކުރުވަންތޯ އަދި އެޕާޓީއަށް އެކަންކުރެއްވި ދާނެތޯ؟ ފަދަ ސުވާލުތަކުގެ ޖަވާބުތަކަކީ މިވަގުތައް އަދި ނޭގޭ ކަމެކެވެ. އެގޮތުން މިވަގުތަށް ހަމަޖެހޭނީ މިސުވާލުތަކުގެ ޖަވާބު "ގެސް" ކޮށްލަންށެވެ.
އެންމެ ފަހުން ބަދަލުކުރީ 10:20 ހޮނިހިރު, 26 ސެޕްޓެމްބަރ 2009