އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފަސް ނަމެއް ފާސްކޮށްފައިވަނިކޮށް އެކޮމިޝަނުގެ މެމްބަރު ކަމަށް ހަތަރު ބޭފުޅުން އައްޔަނުކުރުމާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފަސް ނަމެއް ފާސްކޮށްފައިވަނިކޮށް އޭގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކު ނުހިމަނާ ރައީސުލްޖުމްހޫރިއްޔާ އެންޓި-ކޮރަޕްޝަން ކޮމިޝަން އެކުލަވާލުމަކީ ބައެއް ބޭފުޅުންގެ ނަޒަރުގައި ރައީސުލް ޖުމްހޫރިއްޔާއަށް ކުރެއްވޭނެކަމެއްް ނޫނެވެ.
އަނެއްބަޔަކު ދެކެނީ މިކަމުގައި ދެކޮޅަށްވެސް ވަކާލާތު ކުރެވިދާކަމަށެވެ. އަދި މިކަމުގައި ގޮތެއް ނިންމަންޖެހޭނީ ޝަރުޢީ މަރުހަލާއިން ކަމަށްވެސް ބައެއްް ފަރާތްތަކުން ގަބޫލުކުރެއެވެ. އެހެނީ އާގާނޫނު އަސާސީއާ ފުށުއަރާ ކަންކަން މީގެކުރިންވެސް ނިމިފައިވަނީ ޝަރުޢީ މަރުހަލާއިން ކަމަށްވާތީ ކަމުގައި ބެލެވެއެވެ. އެހެން ނޫނަށް ގާނޫނު އަސަސީގައިވާ ކަމެއް މާނަ ކުރުމަށް ދާން އޮތް މަރުހަލާއަކީ ސްޕްރީމް ކޯޓެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސްލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރައްވާފައިވާ ފަސް ނަމަކީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ހަލަވެލި ޢަބްދުﷲ ޙިލްމީ އާއި، އައްޑުއަތޮޅު ހުޅުދޫ ވައިލެޓްފެހި އަލްއުސްތާޛާ ޚަދީޖާ ރަޝީދާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ގަޒީރާ އަލްއުސްތާޛު މުޢައްވިޒު ރަޝީދާއި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ވައިޖެހޭގޭ މުޙަންމަދު ޝަފީގުގެ އިތުރުން ސ.ހިތަދޫ ރަންފަސް ހަސަން ލުތުފީއެވެ. އެހެން ނަމަވެސް ބުދަ ދުވަހު ރައީސް ނަޝީދު އެންޓި-ކޮރަޕްޝަން ކޮމިޝަން އެކުލަވާލެއްވީ ސ.ހިތަދޫ ރަންފަސް ހަސަން ލުތުފީ ނުހިމަނައެވެ.
ރައީސުލްޖުމްހޫރިއްޔާ ލުތުފީ ނުހިމަނާ ކޮމިޝަން އެކުލާވާލީ، ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުވުމަށް ފަހު މަޖިލީހުގެ ކޮމިޓީން ލުތުފީއާއި އިންޓަވިއު ކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އެނަން އަނބުރާ ގެނެސްފައިވާތީކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް ނަޝީދު ލުތުފީގެ ނަން އަބުރާ ގެންދިޔުމަށް ސިޓީ ފޮނުވިނަމަވެސް މަޖިލީހުގައި ހިމެނޭ ސަރުކާރާ ދެކޮޅު ހިޔާލުގެ މެންބަރުން އެކަމާއި އިންކާރުކޮށް، ނަންތައް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ލުތުފީގެ ނަން ވަނީ ފާސްކޮަފައެވެ. ލުތުފީގެ ނަން މަޖިލީހުން އަނބުރާ ގެންނެވިކަމަށް ވިދާޅުވެ ރައީސް ނަޝީދު މަޖިލީހަށް އަންގަވާފައިވަނީ މަޖިލީހުން ލުތުފީގެ ނަން ފާސްކުރެއްވުމުގެ ކުރިންކަން ފާހަގަކުރެވެއެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު، ބުދަ ދުވަހު ވިދާޅުވެފައިވަނީ ލުތުފީ ނަން ނުހިމަނާ ކޮމިޝަން އެކުލަވާލީ ރައީސް ނަޝީދު އަނބުރާ ގެންނަވާފައިވާ ނަމަކަށް ވާތީ ކަމަށާއި ލުތުފީގެ ބަދަލުގައި އާ ނަމެއް މަޖިލީހަށް ފޮނުއްވާނެކަމަށެވެ. މި މައްސަލާގައި ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ރައީސް ނަޝީދު އަމަލުކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
ކުރީގެ ޖަސްޓިސް މިނސްޓަރ ޑރ. މުހަންމަދު ޖަމީލު އަހުމަދު ވިދާޅުވީ މަޖިލީހުން އަދާކުރަންޖެހޭ ގާނޫނީ ދައުރު މިކަމުގައި އަދާކޮށްފައިވާކަމަށާއި މަޖިލީހުން ރުހުން ދީފައިވާ ބޭފުޅުން އެންޓި-ކަރަޕްޝަން ކޮމިޝަނަށް އައްޔަންކުރުމަށް ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކޮށްފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދުއިސައްތަ ވަނަ މާއްދާގެ (ށ)ގައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށްޓަކާ އެކޮމިޝަނުގެ ގާނޫނުގައިވާގޮތުގެ މަތީން ރައްޔިތުން މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ ބަޔަކު އެމަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށެވެ. ގާނޫނު އަސާސީ ބުނާ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މަދުވެގެން ފަސް މެންބަރަކު ތިބެންޖެހެއެވެ. މިހާހިސާބުން ދެން މިމައްސަލަ ހައްލުކުރާނީ ކިހިނެއްތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ. ގަނޫނުގައި ވަކި ކަމެއް ވަކިގޮތަކަށް ކުރަން ބުނެފައިވާ ކަންކަން އެނޫން ގޮތްގޮތަށް ކުރުމަކީ ގާނޫނީ ގޮތުން ބޮޑެތި މައްސަލަތައް ނުކުންނާނެކަމެއްކަން ޔަގީނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުން ލުތުފީގެ ނަން ފާސްކޮށްފައިވަނިކޮށް ލުތުފީއާއި މެދު ސަރުކާރުން އެފަދަ ގޮތަކަށް އަމަލުކުރުމަކީ ފަރުދީ ހައްގުތަކަށް ބެލިޔަސް ކޮށްގެންވާނެކަމެއްް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރު ބައެއް ސިޔާސީ ޕާޓީތަކުންވެސް ރައީސް ނަޝީދު މިކަމުގައި އަމަލުކުރައްވާފައިވާ ގޮތް ވަނީ ކުއްވެރިކޮށްފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ލުތުފީއާމެދު ރައީސް ނަޝީދު ނުރުހުންވެ ވަޑައިގެންނެވީ މުސްތަގިއްލު އޮޑިޓަރ ޖެނެރަލް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއް ވުމުންނެވެ. ލުތުފީ ހުށަހަޅުއްވާފައިވާ މައްސަލައަށް އޮޑިޓަރ ޖެނެރަން އިބްރާހީމް ނަޢީމް ވަނީ ޖަވާބުދާރީ ވެވަޑައިގެންފައެވެ. މިކަމާ ގުޅިގެން ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ކޮމިޝަން ތަކަށް އައްޔަން ކުރުމަށް ރައީސް ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސް ކުރުމުން އެހިސާބުން ކޮމިޝަން އެކުލަވާ ލެވުނީ ކަމަށް ގާނޫނު އަސާސީ އިސްލާހު ކޮށްގެން މެނުވީ މަމައްސަލަ ހައްލު ނުވާނެ ކަމަށެވެ.








