Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ރިޕޯރޓް ރިޕޯރޓް ވާހަކަ ދެއްކުން ހުއްޓާލުމަށްފަހު އަމަލީ މަސައްކަތް ފަށަން ޖެހިއްޖެ ކަމުގައި ޝަހީދު ވިދާޅުވެއްޖެ

ވާހަކަ ދެއްކުން ހުއްޓާލުމަށްފަހު އަމަލީ މަސައްކަތް ފަށަން ޖެހިއްޖެ ކަމުގައި ޝަހީދު ވިދާޅުވެއްޖެ


shaheedއެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ތަރައްގީގެ ޕްރޮގްރާމްތަކުގެ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ފަހު އަމަލީ މަސައްކަތް ފަށަންޖެހިފައިވާކަން ގަބޫލުކުރައްވާ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ޑޯނަރސް ކޮންފަރެންސާ ބެހޭގޮތުން ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ އެކޮންފަރެންސްގައި އެހީ ހޯދުމަށް

އަމާޒުކުރީ މައިގަނޑު ފަސް ދާއިރާއަކުންކަމަށެވެ. އެގޮތުން މާލިއްޔާ ހަރުދަނާކުރުމާއި އާންމު ޚިދުމަތްތަކަށް އިސްލާހު ގެނައުމާއި ޑިމޮކްރަސީ ހަރުދަނާކޮށް އިންސާނީ ހައްގުތައް ކުރިއެރުވުމުގެ އިތުރުން، މޫސުމީ ބަދަލުތަކާއި އިޖްތިމާއީ ދާއިރާއިން ތަފާތު މަސްރޫޢުތައް ހިންގުމަށް އެހީ ހޯދުމަށް ފުރުސަތު ހުޅުވާލެވުނުކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑޯނާސް ކޮންފަރެންސުން މާބޮޑު ނަތީޖާތަކެއް ނުނެރެވޭކަމަށް ބައެއް ސިޔާސީ ވާދަވެރި ފަރާތްތަކުން ބުނަމުންދަނިކޮށް ޑރ. ޝަހީދު ވިދާޅުވީ ކޮންފަރެންސުން އެކަނިވެސް ތިންސަތޭކަ ތޭރަ މިލިޔަން ޑޮލަރު ލިބުނުކަމަށާއި އަދި ވަކި އަދަދެއް ދެއްވާނެ ކަމަށް ވަޢުދުނުވާ ފަރާތްކުންވެސް އެހީދެއްވާނެކަމަށެވެ. ނިމިގެންދިޔަ ކޮންފަރެންސުން ލިބުނު އެހީއާ، އާސަރުކާރުން ވެރިކަމާއި ހަވާލުވުމުން ދޭންބުނެފައިވާ އެހީ ނުވަތަ ސޮއިކޮށްފައިވާ އެހީތައް ހިމަނައިގެ ބަލާނަމަ ހަތަރުސަތޭކަ އަށްޑިހަ ހަތް މިލިޔަން ޑޮލަރު އެހީގެ ގޮތުގައި ލިބޭނެކަމަށް ފޮރިންމިނިސްޓަ ވިދާޅުވިއެވެ.

ޑޯނަރސް ކޮންފަރެންސް ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފޮރިން މިނިސްޓަރ އެވިދާޅުވާ ކާމިޔާބީ ހާސިލް ކުރެވިފައިވާނަމަ، ޑީއާރުޕީން އެކަމަށް މަރުހަބާ ކިޔާކަމަށެވެ. ސަރުކާރުން މާލީގޮތުން ވަކި އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރާއިރު ރައްޔިތުންނަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ޑރ. ޝަހީދު އެވިދާޅުވާ މާލީ އެހީގައި ގައުމު ފަހިކޮށް ހިނގައިގަންނާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ޑރ. މައުސޫމް ވިދާޅުވިއެވެ.

އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިތާ ދެއަހަރު ފުރުމަށް ކުޑަތަންވެފައިވާއިރުވެސް، އިއްތިހާދުން ވެފައިވާ ވަޢުދުތަކާއި ރައްޔިތުންނަށާއި ގައުމަށް ކޮށްދޭން ބުނަމުންދާ ކަންކަމަށް އަމަލީސިފަ ނާންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްްގައި ޑރ. ޝަހީދު ވިދާޅުވީ ތަރައްގީގެ މަސްރޫޢުތަކުގެ ވާހަކަތައް ހުއްޓާލުމަށް ފަހު، އެމަޝްރޫތަކުގެ އަމަލީ މަސައްކަތް ފަށަންޖެހިފައިވާކަން ގަބޫލުކުރައްވާކަމަށެވެ. އަދި އެކަންކުރުމަށް މިހާތަނަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ އިންތިހާއަށް ގައުމުގެ ދަރަނި ބޮޑުވެފައިވުންކަމަށް ފޮރިން މިނިސްޓަރ ޑރ.ޝަހީދު ވިދާޅުވިއެވެ.

އެންމެ ފަހުން ބަދަލުކުރީ 02:58 ހޯމަ, 05 އެޕްރީލް 2010