އާ ގާނޫނު އަސާސީގެ މަސައްކަތް ނިންމުން ދިޔައިރު ކުރި އުންމީދުތަކާއި ގާތައްވެސް ކަންކަން ހާސިލް ކުރެވިފައި ނުވާކަމަށާއި އަދި ގާނޫނު އަސާސީއާއި ގާނޫނުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ގާނޫނޫ އަސާސީ އެކުލަވާލުމަށް އުފެއްދި ޑްރާފްޓިން ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުން މަޖިލީހުގެ މާލޭ މެންބަރުކަން ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް، އިބްރާ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި އިބްރާ
ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބަށްފަހު، ކަންކަން އޮޔާގޮސްފައިވާކަމަށެވެ. އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އާދާކުރެއްވުމަށް ފަހު، މިހާރު ސިޔާސީ ހަރަކާތްތަކާއި ދުރުގައި މަސައްކަތް ކުރައްވަމުންގެންދަވާ އިބްރާ ވިދާޅުވީ އާ ގާނޫނު އަސާސީގައި ވަކި ތާރީޚަކަށް ކުރަން ކަނޑާއަޅާފައިވާ ކަންކަން ނުވުމުގެ ޒިންމާގެ ބޮޑު ބައެއް ރައްޔިތުންގެ މަޖިލީހުން އުފުލަންޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ ކަނޑައަޅާ މުއްދަތަށް އެކަންކަން ނުކުރެވުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކަށްވުރެ، ގާނޫނު އަސާސީ އިސްލާހުކުރަމުންދިޔައިރު މުހިންމުވީ، ރައްޔިތުންގެ މަޖިލީހުން އެކަންކުރާނެ އިރަކުން ކުރަން ދޫކޮށްނުލާ ނުވަތަ މިއަދު މިއޮތް ހާލަތަށް ނުދާނެގޮތެއް ހެދުންކަމަށެވެ. ސިޔާސީ ބާރު ހޯދަން ބޭނުން މީހުން އެކަން ހާސިލް ކުރުމަށްޓަކާ ހަދަންޖެހޭ ގާނޫނުތައް އެކިގޮތްގޮތަށް ހަދަމުންދާކަމަށާއި ނަމަވެސް ރައްޔިތުންގެ އާންމު ދިރިއުޅުމާއި ރައްކާތެރިކަމަށް ހަދަންޖެހޭ ގާނޫނުތައް ދޫކޮށްލާފައިވާކަމަށް އިބްރާ ވިދާޅުވިއެވެ.
ގާނޫނޫ އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ކެބިނެޓްތެރޭގައި ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަކި ތާރީޚަކަށް ނިންމަންޖެހޭކަންކަން ނުނިމި، އެތާރީޚުތައް ފަހަނަ އަޅާދާތީ އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާކަމަށާއި އަދި ތަކުރާރުކޮށް އެކަމާއި ޝަކުވާ އުފުއްލަވައި މައްސަލަ ހުށަހަޅުއްވާފައި ވާނެކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ދިޔުމަށްޓަކާ ބޭނުންވާ ގާނޫނުތައް ރެއާއި ދުވާލު މަސައްކަތްކޮށްގެން ވަރަށް ފޯރީގައި ނިންމި ނަމަވެސް އެއިންތިޚާބަށްފަހު މަޖިލިސް ހަމަޖެހިލާފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު، ކަންކަން ފަހަށް ޖައްސަމުންދާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ތެރެއިން ކުރައްޖެހޭ ބައެއް މައްސައްކަތްތައް ނުކުރެވި، މެންބަރުންގެ މެދުގައި މާރާމާރީ ހިންގައި އެފަދަކަންކަން މަގުމައްޗަށް ފޮރޮޅިގެން ގޮސް ސިޔާސީ ހަމަނުޖެހުންތަކަށް ބަދަލުވެ، މާލޭގެ އަމާންކަން ގެއްލޭ ހިސާބައް ކަންކަން ގޮސްފައިވާއިރު، އިބްރާ ވިދާޅުވީ މަޖިލީހުގެ ތެރެއިން މިއަދު ފެންނަމުންދަނީ ޑިމޮކްރަސީކަމަށް އެއްވެސް މީހަކު ހީކޮށްގެން ނުވާނެކަމަށެވެ. އަދި އެއީ ޑިމޮކްރެސީކަމަށް ބުނާނަމަ، އާންމުންނަށް ޑިމޮކްރަސީ ފެންނާނީ ވަރަށް ހުތުރު އެއްޗެއްގެ ގޮތުގައިކަމަށް އިބްރާ ވިދާޅުވިއެވެ.








