ޑިކްޓަރ ޙަސަބން ކުރެއްވި ތަޢުރީފު ވަރަށް ގިނައެވެ. އެވިދާޅުވި މުސްތަގުބަލް މިހާރު ކޮބައި ހެއްޔެވެ؟ ޑޮކްޓަރ ޙަސަން އަންނިގެ އެޑުވައިޒަރު ކަމުން އިސްތިއުފާ ދެއްވީ ގައުމުގެ މުސްތަގުބަލަށް ކުރަހަމުންދާ ޗާޓު ކަމުނުގޮސްގެންނެވެ. ޑޮކްޓަރ ޙަސަނުގެ އެޑުވައިސްތައް ގަބޫލު ނުކުރައްވާތީއެވެ.
ރާއްޖޭގެ މުސްތަގުބަލް މިހާރު އޮތީ ޑޮކްޓަރ ޙަސަން ހީފުޅު ކުރެއްވި ގޮތަށްވެސް ނޫނެވެ. ރައްޔިތުން މިހާރުވެސް ހާސްކަމެއްގެ ތެރޭގައެވެ.
ރަށްރަށުގެ ސިއްހީމަރުކަޒު ތަކުން ކުރިން ހިލޭ ލިބެމުންއައި އެތައް ޚިދުމަތެއް މިހާރު ލިބެނީ އަގު ދީގެންނެވެ. މިއީ ސިއްހީ ޚިދުމަތް އަތްފޯރާ ފަށަށްގެންނަން ވަޢުދުވި ސަރުކާރުން ކަންތައް ކުރެއްވި ގޮތެވެ. “އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމަކީ ގައުމުގެ މުސްތަގުބަލެއް ނޫން، މުސްތަގުބަލަކީ މުޙައްމަދު ނަޝީދާއި އޭނާގެ ޓީމު” އިން ކަންތައް ކުރައްވަމުން ގެންދަވާ ގޮތް ވަރަށް ރަނގަޅަށް އަންގައި ދޭ ކަމެކެވެ.
ކުރީ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދިޔަ އެތައް ޚިދުމަތެއް މިސަރުކާރުންވަނީ ނޭދެވޭ ގޮތަށް ބަދަލު ކޮށްފައެވެ. ޕްރައިމަރީ ތަޢުލީމް ހިލޭ ދެއްވާނެ ކަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާރު ފެންނަނީ ތަޢުލީމީ ދާއިރާވެސް ޕްރައިވެޓައިޒް ކުރައްވާ ތަނެވެ. ޕްރައިވެޓައިޒު ކުރުމުން ރައްޔިތުންގެ ޖީބުން ޚަރަދުވާ ފައިސާ ހެސްކިޔައިފައި އިތުރުވީއެވެ.
މިހިސާބަށް ކަންތައް ގޮސް ވެރިކަން ކުރާ އެމްޑީޕީގެ ބާރާއި އާރު ހުރިހާ ދިމާއެއްގައި ގަދަވަމުން ރައްޔިތުންނާއި، ފުލުހުންނަށްވެސް ބޭނުން ގޮތެއްހަދަމުންދާއިރު އެއްކަލަ ޑޮކްޓަރ ޙަސަން ސަޢީދު ހުންނެވީ ހަމަހިމޭނުންނެވެ. ގައުމީޕާޓީގެ ނަމުގައި ނޫސްބަޔާނެއް ނެރެއްވުން ނޫންކަމެއް ފަހަކަށް އައިސް އެމަނިކުފާނު ކުރައްވާ ތަނެއް ނުފެނެއެވެ.
މިސަރުކާރު ގެންނެވުމަށް ޑޮކްޓަރ ހަސަން ސަޢީދު އެތައް މަސައްކަތެއް ކުރައްވައިފައެވެ. ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ މީހުން އެކަމުގެ ހުރިހާ ޒިންމާއެއް އަޅުވަނީ ޑޮކްޓަރ ޙަސަން ފަދަ ބޭފުޅުންގެ އިސްތަށި ފުޅުގައެވެ.
“އަންނި މިހާރު ގެންދަނީ ގައުމު ކުރިއަރުވަމުންނެއްނޫން. އެގެންދަނީ އެމްޑީޕީ ކުރިއަރުވަމުން. މިއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ސަމާލުވާންވެފައިވާ ކަމެއް. މިކަން ޙައްލު ކުރުމަށް ޑޮކްޓަރ ޙަސަނާއި، ގާސިމް އިބްރާހީމް ނިކުންނަވަން އެބަޖެހޭ” ޢަބްދުލް ޢަޒީޒު ކިޔާ މީހަކު ބުންޏެވެ.

English | ދިވެހި