ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ބައެއް ޕާޓީތަކުން މިހާރުވެސް ތައްޔާރުވާން ފަށައިފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބެލެވެ ގާސިމް އިބްރާހީމަކީ އެތައް ބައެއްގެ ތާއިދު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަކުން އެއްވެސް
ޖަލްސާއެއް ބާއްވާ ތަނެއް ނުފެނެއެވެ. އެހެންވީމާ އެޕާޓީގެ ޖަލްސާތައް މާލެއާއި ރަށްރަށުގައިވެސް ބާއްވަން އެބަޖެހެއެވެ. އެހެން ނޫނީ މިހާރު ރާއްޖޭގެ ކަންކަން އޮތްގޮތުން އެއްވެސް ބޭފުޅަކަށް އިންތިޚާބު
ކާމިޔާބު ކުރުމަށް ފަސޭހައެއް ނުވާނެއެވެ.
ދިވެހިން ދެން އަބަދުވެސް ވޯޓުދޭނީ ޕާޓީލައިނުންނެވެ. ގާސިމް އިބްރާހީމަކީ މީހުންނަށް ކިތަންމެ ވަރަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅަކަށްވިޔަސް ސިޔާސީ ނަޒަކުން ވިސްނާލާއިރު އެހެންނޭ ކިޔާފައި އެމަނިކުފާނަށް އެންމެންނެއް ވޯޓެއް ނުދޭނެއެވެ. މީހުން އެމަނިކުފާނުގެ ދީލަތިކަމުގެ އަގު ވަޒަން ކުރާނީ ހެޔޮދުޢާއިންނެވެ. ރަނގަޅު ބަސްތަކުންނެވެ. ހިތްހެޔޮކަމުންނެވެ. ނަމަވެސް ސިޔާސީ ޕްލެޓުފޯމެއްގައި ރިޔާސީ އިންތިޚާބެއްގައި އެމަނިކުފާނު ވާދަކުރައްވާއިރު އެމަނިކުފާނާމެދުވެސް މީހުން ދެކޭނީ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެހެން ވީމާ އެމަނިކުފާނުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކަމަށްވާނަމަ މިރޭހަށް ނިކުންނަވަންވާނީ މިކަން ސިކުނޑިފުޅުގައި ބަހައްޓަވައިގެންނެވެ.
ޖުމްހޫރީ ޕާޓީއަކީ މުސްތަގުބަލްއޮތް ވަރުގަދަ ޕާޓީއެކެވެ. މިހާރު އެޕާޓީގެ މީހުންގެ ޢަދަދު މަދަސް ޕާޓީގެ ޙަރަކާތްތައް އެންމެ ވަރުގަދައަށް ނުފެނުނު ކަމަށްވިޔަސް އެޕާޓީއަކީ އޭގެ ޒާތުގައި ވަރުގަދަ ޕާޓީއެކެވެ. އެހެން ކަމުން ކުރިއަށްއޮތްތަނުގައި އެޕާޓީ ފެންނާނީ ވަރުގަދަވަމުން އަންނަ ތަނެވެ. އެހެންވީމާ މިކަން އެންމެ ފުރިހަމައަށް ކުރުމަށްޓަކައި އެޕާޓީން ކުރަންވީ ކަމަކީ ޕާޓީ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ފެށުމެވެ. ގިނަގިނައިން ޕާޓީގެ ޖަލްސާތައް މާލޭގައި ބާއްވަންވީއެވެ. ހަމައެހެންމެ ރަށްރަށުގައިވެސް ބާއްވަންވީއެވެ. އޭރުން ޕާޓީއަށް ލިބޭ ތަރުހީބު ބޮޑުވާނެއެވެ. މީހުން ދެކޭގޮތް ބަދަލުވާނެއެވެ. މީހުންގެ ހިތްތަކުގައި ޕާޓީއާ މެދު މިހާރުވެސްއޮތް އިތުބާރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިކަމް މިގޮތަށް ކުރަން އެބަޖެހެއެވެ. ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހީމް ވާދަ ކުރައްވާ ކަމަށްވާނަމަ އެމަނިކުފާނު މިގޮތަށް ޢަމަލު ކުރައްވަން އެބަޖެހެއެވެ. “ގާސިމަކީ މިގައުމު ނުދެކޭފަދަ ވަރުގަދަ ޝަޚުސިއްޔަތެއް، ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަންނިއަށް ތާއީދު ކުރުމުގެ ބަދަލުގައި ޑީއާރުޕީއަށް ތާއީދުކޮށް އެޕާޓީއާ ގުޅިވަޑައިގެންނެވި ނަމަ ގާސިމަށް ވަރަށް ރަނގަޅު ކުރިމަގެއް ފެނުނީސް. ދެންވެސް އެމަނިކުފާނުވީ މިނިވަން ކަމާއެކު ތެދުވެ ވަޑައިގަންނަވަން. އެމަނިކުފާނަކީ ވަރުގަދަ ލީޑަރެއް. އެހެންވީމާ އެމަނިކުފާނަށް ކުރިއަށްއޮތީ ރަނގަޅު މުސްތަގުބަލެއް. މިހާރުން ފެށިގެން ތައްޔާރުވެ ވަޑައިގަންނަވާ” މުޙައްމަދު ކިޔާ މީހަކު ބުންޏެވެ.
“ގާސިމްވީ ޕާޓީ ޕޮރޮމޯޓު ކުރަން. މިހާރު މީހުން ވޯޓުދޭނީ ޕާޓީލައިނުން. އަދިވެސް ވަގުތު އެބައޮތް. އަންނަ އިންތިޚާބުގައި ވާދަކުރައްވާނެ ކަމެއް ނުކުރައްވާނެ ކަމެއް އަދިއެއްނޭނގޭ. ނަމަވެސް ކުރައްވާ ކަމަށްވާނަމަ ޕާޓީ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރައްވަން އެބަޖޭހޭ. އެހެންނޫނީ ވަރަށް ބޮޑަށް ދަތިވާނެ، އިންތިޚާބު ކާމިޔާބު ކުރަން. ގާސިމް ކަހަލަ ދީލަތި ބޭފުޅަކު ވެރިކަމަށް ވަޑައިގަތުން އެއީ އަޅުގަނޑުމެންގެ އެދުން” ނަސީމް ކިޔާ މީހަކު ބުންޏެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ ވާދަވެރި ވަރުގަދަ އިންތިޚާބަކަށްވާނެއެވެ.







