ރާއްޖޭގައި ދެން ރިޔާސީ އިންތިޚާބެއް ބާއްވާނީ 2013ވަނައަހަރު އެވެ. މައުމޫނުގެ 30 އަަހަރުގެ ވެރިކަން ވައްޓާލުމަށްފަހު ރާއްޖޭގައި މިހާރު ވެރިުކަން ކުރަމުންދަނީ އެމްޑީޕީ އިއްތިހާދުންނެވެ.
ކުރިއަށްއޮތް އިންތިޚާބަކީ ވަރަށް ފޯރިގަދަ އިންތިޚާބަކަށްވާނެއެވެ. ވާދަވެރިިކަން ބޮޑު އިންތިޚާބަކަށްވާނެއެވެ. މިއިންތިޚާބަށް މިހާރުވެސް ޕާޓީތަކުން ތައްޔާރުވަމުންދާ މަންޒަރު ފެނެއެވެ. ކަނޑައެޅިގެން އިންތިޚާބަށް
ތައްޔާރުވަނީ ކަމަށް ބުނެ ކަމެއް ނުކުރިޔަސް ބައެއް ޖަލްސާ ތަކުން އެކަން ފެނެއެވެ. ޚާއްސަކޮށް އެންމެ އިދިކޮޅު ޑީއާރުޕީގެ ޖަލްސާ ތަކުގައި އެޕާޓީން އެންމެ އަޑު ގަދަކޮށް ބުނާ އެއްވާހަކައަކީ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުން ނޫން ގޮތެއް އެޕާޓީއަށް މިހާރު ނެތްކަމަށެވެ. މިގޮތަށް ވާހަކަ ދައްކައި އެހެން ޕާޓީތަކުގެ ލޭ ކައްކުވަމުން ގެންދެއެވެ.
އެންމެ ފަހުން ރާއްޖޭގައި ބޭއްވި އިންތިޚާބުގައި 6 ކެންޑިޑޭޓުންވަނީ ވާދަ ކުރައްވާފައެވެ. އެއީ ކުރީގެ ރައީސް މައުމޫނާއި، މަޝްހޫރު މަހުޖަނު ޤާސިމް އިބްރާހީމާއި، ޑޮކްޓަރ ޙަސަން ސަޢީދާއި، އިބްރާހީމް އިސްމާޢީލާއި، ޢުމަރު ނަސީރާއި، މިހާރުގެ ރައީސް މުޙައްމަދު ނަޝީދެވެ. މިބޭފުޅުން ގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ މުޙައްމަދު ނަޝީދު (އަންނި) އެވެ.
އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމަށްޓަކައި އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަންކަމަކީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތަކަށެވެ. ކުރިން ހެދިފައިވާ ގޯސްތަކަކީ ކޮބައިކަން ވަރަށް ބޮޑަށް ދިރާސާ ކޮށް ބަލަން ޖެހޭނެއެވެ. މިހާރުން ފެށިގެން ޕްލޭންތައް ހަދަން އެބަޖެހެއެވެ. ހޯމްވޯކުތައް ހަދަން އެބަޖެހެއެވެ.
ކުރިއަށްވުރެ ބޮޑަށް ރައްޔިތުން ތިބީ ހޭޅުންތެރިވެފައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ފައިސާ ބޭނުންވާނެ ކަމަށް އެންމެވެސް ގަބޫލު ކުރާނެއެވެ. ފައިސާ ހުރީ ކާކުގެ އަތުގައިކަން މީހުން ދެނެގަންނަން ބޭނުންވާނެއެވެ. ވޯޓު ވިއްކުމަކީ ރާއްޖޭގެ ސަގާފަތެކެވެ. އެހެންވީމާ ފައިސާ އަތުލައިގެން ވޯޓު ނުދީފިއްޔާ ވާނީ ބޮޑު ގެއްލުމަކަށެވެ. އެެހެންވީމާ އެންމެވެސް ވިސްނަންވީ ފައިސާ ޚަރަދުނުކޮށް މީހުންގެ ހިތްތައް ދަމައިގެނެވޭނެ ގޮތަކަށެވެ. ފައިސާ ޚަރަދު ކުރިޔަސް އެއިން ގެއްލުމެއް ނުވާނެ ކަންކަމަށް ޚަރަދު ކުރާށެވެ.








