Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ރިޕޯރޓް ރިޕޯރޓް ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ހުރަސް އެޅުމަކީ ޑިމޮކްރެސީގެ ކޮން ކަހަލަ އަސާސެއްބާ؟

ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ހުރަސް އެޅުމަކީ ޑިމޮކްރެސީގެ ކޮން ކަހަލަ އަސާސެއްބާ؟

reeko-moosa08އެމްޑީޕީއާއި އެޕާޓީގެ އިސް މެންބަރުންނަކީ ރާއްޖޭގައި ޑިމޮކްރެސީގެ އުސޫލުތައް ގާއިމްކުރަން މަސައްކަތް ކުރާ އަދި ޑިމޮކްރެސީގެ ރޫހާއެއްގޮތަށް ހަރަކާތްތެރިވާ ބައެއް ކަމަށް ގިނަބަޔަކު ގަބޫލުކުރަމުންދިޔަ ނަމަވެސް ޑިމޮކްރެސީގެ ރީތި އުސޫލުން މައުލޫމާތު ފެތުރުމާއި ރައްޔިތުންނަށް ޖަވާބުދާރީ ވުމުގައި އެޕާޓީގެ މެންބަރުން ދިޓީވީގެ ޕްރޮގްރާމްތަކުގައި މައުލޫމާތު ހިއްސާކުރުމުގައި ހުރަސްއަޅުއްވާ ފަރާތަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަގުތީ ރައީސް މޫސާ މަނިކު ކަމަށް ދޭހަވާ އިބާރާތަކުން އެޕާޓީގެ މެންބަރުންގެ ކުރިމަތީގައި އޭނާ އަމިއްލައަށް ވާހަކަ ދައްކަވައިފި.

އިއްޔެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ ދިޓީވީގެ ޕްރޮގްރާމްތަކަށް އެމްޑީޕީގެ މެންބަރުން ގެންދިއުމަށް ދިޓީވީން އާދޭސް ކުރަމުންދާ ކަމަށާއި ނަމަވެސް އެމްޑީޕީގެ މެންބަރުން ދިޓީވީގެ ޕްރޮގްރާމްތަކަށް ވަޑައިނުގަންނަވާނެ ކަމަށް. މޫސަ މިގޮތަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާއިރު ޑިމޮކްރެސީގެ އުސޫލުން ރައްޔިތުން ވޯޓު ދީގެން ރައްޔިތުންގެ މަޖިލީހަށް ހޮވާފައި ތިއްބެވި މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމީ ގަބޫލުކުރަން ޖެހޭނެ ހަގީގަތެއް. މިގޮތުން ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދެއްކެވި ނަމަވެސް މެންބަރުންނަށް ޖަވާބުދާރީ ވެވެނީ އެމެންބަރުން އިންތިޚާބު ކުރި ރައްޔިތުންނަށް ކަމުގައި ގަބޫލުނުކުރަންޖެހޭ.

މޫސާ މަނިކަކީވެސް އިންތިޚާބުގައި ވޯޓު ހޯއްދެވުމަށް ދިޓީވީން ގަޑި ބައްލަވައިގަނެގެން ރައްޔިތުންގެ ރުހުން ހޯއްދެވުމަށް މަސައްކަތް ކުރެއްވި ބޭފުޅަކަށްވާއިރު އެ ރައްޔިތުންނަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ހަމައެމީޑިޔާއަށް އަރާވަޑައިގެންނެވުމަށް ފަސްޖެހިވަޑައިގެންނެވުމަކީ ނުވަތަ އަރާވަޑައިގަންނަވަން ބޭނުން ނުވާކަމަށް ވިދާޅުވުމަކީ އެރައްޔިތުންނަށް ވެވަޑައިގެންނެވޭ ވަރަށް ބޮޑު ޚިޔާނާތަކަށް މެނުވީ ނުވާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވޭ. ކަންމިހެން އޮތްއިރު މޫސާ މަނިކު ބޭނުންވާ ގޮތަކަށް ބޭނުންހާ މައުލޫމާތެއް ފެތުރުމަށް ހަމައެކަނި ފުރުސަތުދޭ މީޑިޔާއަކަށް އަރާވަޑައިގެން ބޭނުން ވާހަކައެއް ދެއްކެވުމަކީ ޒިންމާދާރު ގޮތެއްގައި ރައްޔިތުންނަށް ޖަވާބުދެއްވުން ކަމުގައި ގަބޫލު ނުކުރެވޭނެ ކަމަށްވެސް އެފަދަ ފަރާތްތަކުން ބުނޭ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، މިއަދުގެ ބައެއް މީޑިޔާތަކުން ޚާއްސަކޮށް ދިޓީވީގެ ޕޮރުގުރާމްތަކަށް ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުން ނުލިބިގެން އެކަމުގެ ދަތިކަން އިހްސާސް ކުރަން ޖެހޭނެކަމަށާއި، އަދި ކުރިއަށް އޮތްތާގައިވެސް އެދަތިކަން އިޚްސާސް ކުރަންޖެހޭނެކަމަށް.

ދިޓީވީގެ ޕޮރުގުރާމްތަކަށް ކުރިއަށް އޮތްތާގައިވެސް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ނުލިބުމުގެ ދަތިކަން އިޚްސާސް ކުރަންޖެހޭނެކަމަށް މޫސަ ވިދާޅުވި އިރު، މީޑިޔާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި އޮންނަން ޖެހޭނެކަމަށް އެމްޑީޕީގެ އިސް ސަފުގައި ހިމެނި ވަޑައިގަންނަވާ ގިނަ މެންބަރުންނާއި ޚުދު ރައީސް ނަޝީދުވެސް ގަބޫލު ކުރައްވާ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ހަޖަމްކުރަން ޖެހޭނެކަމަށާއި މައުލޫމާތުފެތުރުމަކީ މިނިވަންކަމުގެ އެއް ސިފަކަމަށް އެމްޑީޕީން ގަބޫލުކުރާއިރު މީޑީޔާ އަށް އެއްބާރުލުން ނުދޭނެކަމަށް ދޭހަވާގޮތަށް މޫސަ ދައްކަވާ ވާހަކަތަކަށް ގިނަ ފަރާތްތަކަކުން ދަނީ ފާޑު ކިޔަމުން.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ދީދީވެސް ވިދާޅުވެފައިވަނީ އެމްޑީޕީގެ މެންބަރުންނާއި ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ރީތި ނަމޫނާ ދައްކަވަމުން ގެންދަވާ ބައެއް ކަމަށާއި އެނަމޫނާ އެމްޑީޕީގެ ޕާޕިމެންޓްރީ ގްރޫޕްގެ ވަގުތީ ރައީސް ރީކޯ މޫސާ މަނިކުވެސް ދައްކަވަން ޖެހޭނެ ކަމަށް.