އުމެއް ކުރިއަރުވަން އެންމެ ބޮޑަށް ބޭނުންވާ ރައުސްމާލަކީ ތަޢުލީމީ ޒުވާނުންނެވެ. ތަޢުލީމަށް ރަނގަޅު އިންވެސްޓްމެންޓެއް ކުރެވިފައި ނުވާކަމަށްވާނަމަ ތަޢުލީމީ ޒުވާނުން ނުއެއް އުފެއްދޭނެއެވެ. ފާއިތުވި 30 އަހަރު ރާއްޖޭގައި ވަނީ ތަޢުލީމް
ވަރަށް ބޮޑަށް ހުޅުވާލައި ފައެއެވެ. އެންމެންނަށްވެސް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް ހުޅުވާލި ފުސަތުގެ ބޭނުން އެތައް ކުދިންނެއްވަނީ ހިފައިފައެވެ. ސަރުކާރުން ދެއްވި ސްކޮލާރޝިޕްތަކުގެ ސަބަބުން އެއްތައް ކުދިންނެއްގެ މުސްތަގުބަލުވަނީ ފެހިކުލައިން ކުރެހިގެން ގޮސްފައެވެ.
ތަޢުލީމަކީ ގައުމުގައި އެކިފަންނުގެ މީހުން އުފެއްދުމުގެ މައިގަނޑު ސަބަބެވެ. ނޫސްވެރިން އުފެދެނީ ތަޢުލީމިގެ ތެރެއިންނެވެ. ޓީޗަރުން އުފެދެނީ ތަޢުލީމުގެ ތެރެއިންނެވެ. ވިޔަފާރިވެރިން އުފެދެނީ ތަޢުލީމުގެ ތެރެއިންނެވެ. ސިޔާސީ ލީޑަރުން އުފެދިފައިވަނީ ތަޢުލީމުގެ ތެރެއިންނެވެ. މިހުރިހާ ދާއިރާއަކުން މީހުން އުފައްދަނީ ތަޢުލީމު ކަމަށްވާހިނދު އެންމެ ބޮޑަށް ރާއްޖޭގައި ކުރަންޖެހޭ އިންވެސްޓުމެންޓަކީ ތަޢުލީމު އުނަގައިދޭ ތަންތަން އުފައްދައި އެތަންތަން ހިންގުންކަމަށް އެންމެންވެސް އިއްތިފާގުވާނެއެވެ.
މިހާރުގެ ސަރުކާރުންވެސް އެކިދާއިރާއިން މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަން ފާހަގަ ކޮށްލަންޖެހެއެވެ. އަދި ކުރީސަރުކާރުން އަމިއްލަ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ ބޭނުން ކޮށްގެން ތަޢުލީމީ ދާއިރާގައި އަމިއްލަ ފަރާތްތަކުންވެސްވަނީ ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައެވެ. އޭގެ ތެރޭގައި ސިޔާސީ ބޭފުޅުންގެ އިންވެސްޓްމަންޓްތައްވެސް ފާހަކުރެވެއެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކޮލެޖާއި، ވިލާ ފައުންޑޭޝަނެވެ. ލިބަރަލްޕާޓީގެ ލީޑަރު އިބްރާހީމް އިސްމާޢީލް (އިބްރާ) ވަނީ މަންދު ކޮލެޖު އުފައްދަވާފައެވެ. އިބްރާހީމް އިސްމާޢީލް މަންދުކޮލެޖު އުފައްދަވާފައިވަނީ މިސަރުކާރު އައިފަހުންނެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ރަނގަޅު އިންވެސްޓްމެންޓު ތަކެވެ.
މިބޭފުޅުން ނޫނަސް އަމިއްލަ ފަރާތްތަކުންވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައެވެ. އޭގެތެރޭގައި ކުލިކު ކޮލެޖިުވެސް ހިމެނެއެވެ. އަމިއްލަ ފަރާތްތަކުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ދެމުން ގެންދަވާ ފުރުސަތަށްޓަކައި އެފަދަ މީހުން ވަރަށް ބޮޑަށް މިއަދު އުފާކުރެއެވެ. ސަރުކާރަށްވުރެ ގިނައިން ނުވަތަ އެއާއެއްވަރަށް ވިލާ ފައުންޑޭޝަނުން ކުދިންނަށް ކިޔެވުމުގެ ފުރުސަތު ދެއްވާތީ އެކަމަށް ޝުކުރުވެރި ވެއެވެ. “އަޅުގަނޑު ބުނާނީ ގާސިމް އިބްރާހީމަކީ މިރާއްޖޭގައި އުފެދުނު ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް. މިހާރު އެމަނިކުފާނު ސިޔާސީ ބޭފުޅަކަށް ވެގެން އުޅުއްވިޔަސް މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެމަނިކުފާނުވަނީ މިޚިދުމަތް ދެއްވަން ފަށްޓަވައިފައި. ނަމަވެސް އެމަނިކުފާނު ސިޔާސީ ރޭހުގައި ވާދަކުރައްވަން ފެށްޓެވުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށް ފާހަގަކުރެވޭ. އެއީ ސިޔާސީ ކަންކަމަށް ޚަރަދު ކުރައްވައިގެން މިފަދަ ކަންކަމަށް އެންމެ ފުރިހަމައަށް ޚަރަދު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރެވޭ. ނަމަވެސް ގާސިމް އިބްރާހީމް ފަދަ އެތައް ބޭޅުންނެއް މިގައުމުގައި އުފެދޭނެ ނަމައޭ ހިތަށް އަރާ. އެފަދަ ބޭފުޅުންނަކީ މިގައުމުގައި ބަލައިގަންނަން ޖެހޭ ބޭފުޅުން. އެއްގޮތަކަށްވެސް އެބޭފުޅުން ދޫކޮށްލައިގެންނުވާނެ” މެލޭޝިޔާގައި ކިޔަވަން ހުންނަ ދިވެހު ކުއްޖަކު ބުންޏެވެ.
ރާއްޖޭގައި އާދައިގެ ޢާއިލާއަކަށް އެމީހުންގެ ދަރިފުޅަ ބޭރަށް ފޮނުވައިގެން ކިޔަވައި ދިނުމުގެ ކުޅަދާނަ ކަމެއް ނުލިބެއެވެ. އެހެންވީމާ އަމިއްލަ ފަރާތްތަކުން ދެއްވާ ކިޔެވުމުގެ ފުރުސަތުތައް މިފަދަ މީހުންނަށް ރަނަށްވުރެ އަގުބޮޑެވެ. މިފަދަ ފުރުސަތު ދެއްވާ ފަރާތްތަކަށް މީހުންގެ ހިތްތައް ޝުކުރުން ފުރިފައިވެއެވެ. މިފުރުސަތު ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އޭރުން އަމިއްލަ ފަރާތްތަކުން ސްކޮލާރޝިޕްތައް ލިބިގެންދާނެއެވެ.
ތަޢުލީމީ ދާއިރާގައި އިންވެސްޓްމަންޓް ކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމީހުންނަށް ސަރުކާރުން އެންމެ އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އެހާރުވެސް އަދި މިހާރުވެސް މިކަން އޮތީ މިގޮތަށް ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. އެގޮތުން ސަރުކާރުން ލޯނު ލިބުން ދަތިވުމާއި، އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ލަސްވުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.
ތަޢުލީމީ ދާއިރާގައި އިންވެސްޓް ކޮށްފައިވާ ފަރާތްތައް ނުވެއްޓި ހަމަޖެހިލައިގެން ތިބުމަށް ސަރުކާރުގެ އެހީ ބޭނުންވެއެވެ. އެމީހުންނަށް ބޭނުންވާ ޢިމާރާތްތައް ހޯދައި ދިނުމުގައި ސަރުކާރަށް އެހީވެވިދާނެއެވެ. ތަންހިންގުމަށް ބޭނުންވާ ލޯނު ހޯދައި ދިނުމުގައި ސަރުކާރަށް އެހީ ވެވިދާނެއެވެ. މިފަދަ އެހީތަކާ ނުލައި މިފަދަ ތަންތަން ހިންގުމުގެ ގާބިލްކަން ލިބިފައިވަނީ ވަރަށް މަދު ފަރާތްތަކަށެވެ.
ދުނިޔެ ތަރައްގީ ވެފައިވާ އިރު އަޅުގަނޑުމެންގެ ސިކުނޑިވަނީ ވަރަށް ބޮޑަށް ތަރައްގީވެފައެވެ. ސަރުކާރުގެ އެހީތަކަށް އެދެމުންދާއިރު ސަރުކާރު ސްކޫލްތައް ހިންގަން ބޭނުންވާ ފައިސާ ހޯދަން ސަރުކާރަށްވަނީ ދަތިވެފައެވެ. ރާއްޖޭގައި ކަންކަން ކުރަން ބަލާއިރު އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ފައިސާގެ މައްސަލައެވެ. މިމައްސަލަ ޙައްލުނުވެ ތަޢުލީމީ ދާއިރާވެސް އަތްފޯރާ ހިސާބަށް ނާންނާނެއެވެ. ފައިސާ ނެތްބަޔަކަށް އެންމެ ފުރިހަމައަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.







