ދިވެހިރާއްޖެއަކީ އާބާދީ ގޮތުންނާއި ބިމުގެ ގޮތުންވެސް ވަރަށް ކުޑަ ގައުމެކެވެ. މިގައުމުގެ ތިންލައްކައެއްހާ މީހުންގެ އާބާދީ ގައި ހިންގާ ސަރުކާރަކީ މީހުންނަށް އޯގާތެރި ސަރުކާރަކަށް ވާންޖެހޭނެއެވެ. މީހުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދެނެގަންނަ ސަރުކާރަކަށްވާން ޖެހޭނެއެވެ. މިފަދަ ސަރުކާރެއް ގާއިމް ކުރުމަށްޓަކައި ވެރިކަމަށް ގެންނަން ޖެހޭނީ ރައްޔިތުންގެ އިހުސާސްތައްއެންމެ ރަނގަޅަށް ދަންނަ މީހުންނެވެ
.
މިރާއްޖެއަކީ ނިސްބަތުން މުއްސަދިން ގިނަ ގައުމެކޭ ނުބުނެވޭނެއެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުގައި މުއްސަދިންވެސް ހަރާކާތްތެރި ވަމުންދާތަން ފެނެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރާއްޖޭގޭ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ފިނޭންސް މިނިސްޓަރ ގާސިމް އިބްރާހީމްވެސް ވާދަ ކުރައްވާފައިވެއެވެ. ނަމަވެސް ޤެމަނިކުފާނަށް ކާމިޔާބެއް ލިބޭ ގޮތެއް ނުވިއެވެ. އޭރު އެމަނިކުފާނު ހުންނެވި ފަދައިން މިހާރުވެސް އެމަނިކުފާނު ހުންނެވީ ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތު ކުރައްވައި ގެންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އެމަނިކުފާނަކީވެސް ސިޔާސީ މައިދާނުގައި ފާހަގަ ކޮށްލަން ޖެހޭ ބޭފުޅެކެވެ.
ގާސިމް އިބްރާހީމް ވެރިކަމަށް ވާދަކުރެއްވި އިރު ރައްޔިތުންނަށް ވަރަށްގިނަ ކަންތައްތައްކެއް ކޮށްދެއްވަން ވިދާޅުވިއެވެ. އެމަނިކުފާނަކީ އޭރުވެސް މިހާރު ވެސް ވެރިކަމަށް ވާދަކުރެއްވުމުގެ ކުރިންވެސް ރައްޔިތުންނަށް ތަފާތު އެހީތައްވަމުން ގެންދެވި ބޭފުޅެކެވެ. އެކަން ރައްޔިތުންވަނީ ބަލައިގެންފައެވެ. މިހާރުވެސް ގެންދަނީ ބަލައިގަންނަމުންނެވެ. ބުނަން މިއުޅެނީ ވިޔަފާރިވެރިއަކު ރާއްޖޭގެ ވެރިކަމަށް ގެންނަ ވާހަކައެއް ނޫނެވެ. ބުނަން މިއުޅެނީ ގާސިމަކީވެސް ރައްޔިތުންނަށް އެހީތެރިވެދީ ރައްޔިތުންގެ ބޭނުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކަށްވުމުން ވެރިކަން ލިބިވަޑައިގަތްނަމަ ރައްޔިތުންގެ ބޭނުންތައް ފުދޭނެ ގޮތަށް ސަރުކާރުގެ ކަންކަން ރާވިގެންދާނެ ކަމަށެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ހުންނެވި މިހާރު ޑީއާރުޕީގެ ލީޑަރުކަމަށް އިންތިޚާބު ކުރެވިފައިވާ ބ. ކެންދޫ ދާއިރާގެ މެންބަރު އަޙުމަދު ތަސްމީން ޢަލީ އަކީވެސް ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޑީއާރުޕީއަށް ވެރިކަން ލިބި ވަޑައިގަތްނަމަ އެމަނިކުފާނުގެ އަމިއްލަ ޖީބުންވެސް ރައްޔިތުންނަށް ޚަރަދު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެމަނިކުފާނަކީ ގާސިމް އިބްރާހިމް ރައްޔިތުންނަށް ކޮށްދެއްވި ފަދައިން ފާޅުގައި ކަންކަން ކޮށްދެއްވި ބޭފުޅެއް ނޫނެވެ.
މިފަދަ އެތައް ބޭފުޅުންނެއް ރާއްޖޭގެ ސިޔާސީ މާހައުލުގައި ހަރަކާތްތެރިވަމުން ދެއެވެ. އޭގެ ތެރޭގައި ޑީއާރުޕީގެ ކުރީގެ ނާއިބު ޒަޢީމްކަން ކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ޝިޔާމްވެސް ހިމެނި ވަޑައިގަންނަވައެވެ.
މިހުރިހާ ބޭފުޅުންގެ ތެރެއިންވެސް އެންމެ ފާޅުކަން ބޮޑު ގޮތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވާފައިވަނީ ގާސިމް އިބްރާހީމެވެ. ވިލާ ފައުންޑޭޝަނާއި. ވިލާ ކޮލެޖަކީ އެމަނިކުފާނު ތަޢުލީމީ ދަރިން އުފެއްދުމަށް ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަން ޔަގީނެވެ. ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ކުރިމަތިލެއްވީ ރައްޔިތުން ބޭނުންވާ ކަންކަން ޙާސިލްކޮށް ދިނުމަށް އިތުރަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ވެދާނެއެވެ.
3102 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންތިޚާބުގައި ގާސިމް އިބްރާހީމް ވާދަ ކުރައްވާނެ ހެއްޔެވެ؟ ކުރެއްވިޔަސް ނުކުރެއްވިޔަސް ޑީއާރުޕީގެ ފަރާތުން ވާދަކުރައްވާނީ ވިޔަފާރިވެރިއެކެވެ. އެއީ ތަސްމީނެވެ. މިކަން މިގޮތަށްވާނީ އެޕާޓީގެ ގަވާއިދަށް ބަދަލުނައިސް މިހާރު އޮތް ގޮތަށް އޮތްކަމަށް ވާނަމައެވެ.
އެންމެ ރަނގަޅު ގޮތަކީ ވިޔަފާރިވެރިން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ ތިބުން ކަމަށް ބައެއް މީހުން މީހުން ބުނެއެވެ. އެމީހުންގެ ވިޔަފާރިތައް ކުރިއަރުވައި ގައުމުގެ އިޖުތިމާޢީ ކަންކަން ހަރުދަނާ ކޮށް އިންފުރާސްޓްރަކްޗަރ ބިނާ ކުރުމުގައި އެމީހުންގެ ދައުރު ފުޅާކުރުން މުހިންމު ކަމަށް ދެކޭމީހުންވެސް އެބައުޅެއެވެ. މީހުން ބިނާކުރުމާއި، މީހުންނަށް އުނގަނައި ދިނުމަކީވެސް އެފަދަ މީހުންގެ އިޖުތިމާޢީ ޒިންމާ އެއް ކަމަށް ބަލައިގެން މަސައްކަތް ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށްވެސް ވެދާނެއެވެ.
ސިޔާސީ ކަންކަމަށް ކުރިމަތިލާނީ ސިޔާސީ މީހުންނެވެ. ނަމަވެސް ވިޔަފާރި ވެރިންނަށްވެސް ސިޔާސީ މީހުންނަށް ވުމަށް ހުރަހެއް ނެތެވެ. ގާސިމް އިބްރާހީމް ރައްޔިތުންނަށް އެތައްކަމެއް ކޮށްދެއްވަމުން ދަނިކޮށް ވެރިކަން ކާމިޔާބު ނުވި ސަބަބުން އެމަނިކުފާނު ދިރާސާ ކުރައްވާނެ ކަމަށް ބެލެވެއެވެ. އެމަނިކުފާނަކީ ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމަނުކުފާނު ބަލައި ނުގަތީ ކީއްވެގެންބާވައެވެ؟ ހަމަ ޔަގީނުންވެސް ނާގާބިލް ވެގެން ކަމަށް ނުބެލެވޭނެއެވެ. އެހެން ނޫންނަމަ ކުރީގެ ސަރުކާރުން އެމަނުކުފާނަށް ފިނޭންސް މިނިސްޓަރުކަން ދެއްވާނެ ކަމަށް ނުބެލެވެއެވެ. އެމަނިކުފަނަކީ ވިޔަފާރިވެރިިއަކަށްވުމުން ފިނޭންސް މިނިސްޓްރީ ޙަވާލުކޮށްފާނެ ބާވައެވެ.
މިގޮތަށް ކިތަންމެ ޚިޔާލެއްވެސް ފާޅު ކުރެވިދާނެއެވެ. ރާއްޖޭގެ ކުޑަ އާބާދީ ގައި ވެރިކަން ކުރުމަށް ރައްޔިތުންނަށް ކޮންމެ ބޭފުޅަކުވެސް މައްސަލައެއް ނެތެވެ. ރައްޔިތުންގެ ވިންދާއި، ހާލަތާއި، ރައްޔިތުންގެ ކަންކަން ވަރަށް ރަނގަޅަށް ދަނެގެން އެކަންކަން ރައްޔިތުންނަށް ކޮށްދެއްވާ ކޮންމެ ބޭފުޅަކުވެސް ރައްޔިތުން ގަބޫލުކުރާނެއެވެ. ހަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ އިތުބާރު ހޯއްދަވައިގެން އިންތިޚާބުގައި ވާދަ ކުރެއްވުމެވެ. އިންތިޚާބު ވުމަށްފަހު ލަސްނުކޮށް ވަޢުދު ފުއްދަވައި ރައްޔިތުންގެ އިތުބާރު ބޮޑުކުރެވިދާނެއެވެ. އޭރުން ދެވަނަ ފަހަރަށްވެސް ވެރިކަމަށް އައުމަށް މަގުފަހިވެގެން ދާނެއެވެ. ވެރިކަމަށް އަންނަން ކޮންމެ ބޭފުޅެއްވެސް މައްސަލައެއްނެތެވެ.








