މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ހަމީހެއްގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިފަހުން ފުލުހުން އަތުލައިގެންފައިވާ ބޮޑު ދެމީހުންގެ ތެރެއިން މިޙާތަނަށް ޝަރީއަތް ނިމުނު މީހާގެ ޝަރީއަތް ސާބިތު ނުވެ ނިމިގެން ހިނގައްޖެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު މީހެއް ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ހ ރީނދޫ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފައިވަނީ އަދިއްތަ ދުވަހު ޖިމާއީ ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި. މިދިޔަ އަހަރުގެ ޖުލައި
މަހުގެ ތެރޭގައި އައްޑޫ އަތޮޅުގައި އުޅެމުން ދަނިކޮށް މަސްތުވާ ތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި އާދަމް ނަސީރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައާއި މަސްތުވާ އެއްޗެއް ބޭނުން ކުރުމައްޓަކައި ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި އަތުގައި އެފަދަ ތަކެތި ބެހެއްޓުމުގެ ދައުވާ.
ޖިނާއީ ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން ގާޒީ އަބުދުލް ބާރީ ޔޫސުފް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އައްޑު އަތޮޅު ހިތަދޫގައި އާދަމް ނަސީރު ދިރިއުޅެމުން ގެންދިޔަ ލައިޓް ޝެޑޯ ގޯތިތެރެއިން ފެނުނު މަސްތުވާ ތަކެތި ހުރި ދަޅަކީ އާދަމް ނަސީރުގެ ދަޅެއް ކަމަށް ސާބިތުވާ ވަރަށް ޝަރީއަތަށް ހެކި ލިބިފައި ނުވާ ކަމަށް. އަދި މާލޭގައި ހުންނަ އާދަމް ނަސީރުގެ ކޮޓަރި ތެރެއިން ފެނުނު ފައިސާ ތަކަކީ މަސްތުވާ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާތަކެއްކަން ޝަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި.
ދައުލަތުން އާދަމް ނަސީރުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އާދަމް ނަސީރުވަނީ އިންކާރުކޮށްފައި. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އައްޑު އަތޮޅުގައި އުޅެމުން ދަނިކޮށް ނަސީރު ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅެމުން ގެންދިޔަ ގެ ބަލާ ފާސް ކުރުމުން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފެނިފައި. އާދަމް ނަސީރަކީ މީގެ ކުރިންވެސް މަސްތުވާ ތަކެތީގެ މައްސަލަތަކުގެ ރިކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުނޭ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ސާބިތު ހިފޭ ވަރަށް އެކަށީގެންވާ ހެކި ނުލިބޭ ކަމަށް ބުނެ ޖިނާއީ ކޯޓުން ހުކުމްކުރަމުންދާ ދިއުމަކީ އާއްމުންގެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއް.
ފަހަކަށް އައިސް ޖިނާއީ ކޯޓުން ބަލާފައިވާ މާރަމާރީއާއި މީހުން މެރުން ފަދަ ބޮޑު އެއްވެސް މައްސަލައެއް ކާމިޔާބު ވެފައި ނުވާ އިރު މިކަމުގެ ޒިންމާ ކޮންމެވެސް ފަރާތަކުން އުފުލަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނޭ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ބޮޑު ހަމީހެއްގެ މައުލޫމާތު އެނގިވަޑައިގަންނަވާކަމަށް ހުސްވި 2009 ވަނަ އަހަރުގެ ކުރީކޮޅު ރައީސް ނަޝީދުވިދާޅުވިފަހުން ފުލުހުން އަތުލައިގެން ކަމަށް ބުނާ މިފަދަ ދެމީހުންގެ މައްސަލަވެސް ސާބިތުވެފައި ނުވުމީ ރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާ ކަމެއް.
ސީދާ ގައުމުގެ އެންމެ އިސްވެރިޔާއަށް މިކަންކަން އެނގިވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވާއިރު އެމަނިކުފާނު މިގޮތަށް ވާހަކަފުޅު ދައްކަވާފައިވަނީ ކޮންފަރާތަކުން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމާމެދުވެސް މިވަނީ ސުވާލު އުފެދިފައި. އަދި ރައީސް ނަޝީދު މިގޮތަށް ވާހަކަ ދެއްކެވިތާ އަހަރު ދުވަސް ވެގެން ދާއިރު އެވިދާޅުވާ ބޮޑު ހަމީހުން އަތުލައި ނުގަނެވި އެމީހުން ރާއްޖޭގައި ދޫވެގެން އުޅެމުން ދާކަމީ އެމްޑީޕީން އެބުނާ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް އެބުނާ ގޮތަށް ބަންދު ކުރެވިދާނެ ކަމާމެދުވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ގިނަބަޔަކު ބުނޭ.
ކަމާބެހޭ ސަރުކާރުގެ އެއްމުއައްސަސާއިން އަނެއް މުއައްސައާއަށް އެކަށީގެންވާ ގޮތެއްގައި އެއްބާރު ލުން ނުދޭ ކަމަށް ބުނެ ޝަކުވާ ކުރަމުންދާއިރު ދިވެހި މުޖުތަމައުގައި އެއްދުވަހަށް އަނެއްދުވަހަށް ކުށްކުރާމީހުން އިތުރުވެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ މިއަދަދު އިތުރުވެގެން ދިއުމަކީ ނުވެނުދާނެ ކަމެއް ކަމަށް ގިނަބަޔަކު ގަބޫލުކުރޭ.
ފުލުހުން އަތުލައިގަނެ ތަހުގީކޮށް ޝަރީއަތަށް ފޮނުވާފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު ދެމީހުންގެ ތެރޭގައި ހިމެނޭ މި މީހާގެ މައްސަލައާ ގުޅިގެން ފުލުހުންނަށް ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓުގެ ނިންމުންތަކަށް އިހުތިރާމް ކުރައްވާނެ ކަމަށް. އަދި މިމައްސަލައާ ގުޅިގެން މިވަގުތު އިތުރު އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި.
މިމައްސަލައާއި ގުޅިގެން ދިޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ފަރާތުން މިފަދަ މައްސަލަ ތަކުގައި ދަޢުވާ ކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ޖިނާއީ ކޯޓުން ނިންމާ މައްސަލައަކަށް ޕީޖީ އޮފީހުން ހިތްހަމަ ނުޖެހޭ ނަމަ އަޅަން އޮންނަ ފިޔަވަޅަކީ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުއްވުން ކަމަށް. މިގޮތުން މިމައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވި.
ޖިނާއީ ބޮޑެތި މައްސަލަތައް ކާމިޔާބު ނުވެ ނިމެމުން ދާއިރު ކަމާބެހޭ އިދާރާ ތަކުން އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް އިނގިލި ދިއްކުރަމުންދާކަން ފާހަގަކޮށްލެވޭ. މިގޮތުން ދާދި ފަހުން ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ކަމާބެހޭ މުއައްސަސާ ތަކުން މިކަމުގައި އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދެމުން ނުދާކަމަށް.
ޖިނާއީ ބޮޑެތި މައްސަލަތައް ނާކާމިޔާބު ވަމުންދާދިއުމާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔަނަމަވެސް ސަރުކާރުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ކަންބޮޑު ނުވާކަމަށް ވެސް އިސް ގާޒީ ވިދާޅުވި. ޖިނާއީ ބޮޑެތި މައްސަލަތައް ސާބިތު ނުވުމުގައި ހެކިން ރައްކާތެރި ކުރެވޭނެ ހަރުދަނާ އުސޫލު ތަކެއް ނެތުމާއި ބޮޑެތި މައްސަލަ ތަކުގައި ވަކާލާތު ކުރައްވާ ބޭފުޅުންގެ ތަޖުރިބާއާއި ގާބިލު ކަމަކީވެސް މިފަދަ މައްސަލަތައް ކާމިޔާބު ވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމުގައި ގާނޫނީ ތަޖުރިބާކާރުން ވިދާޅުވޭ.








