Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ރިޕޯރޓް ރިޕޯރޓް ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އެޅުން

ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އެޅުން

އާ ގާނޫނު އަސާސީގެ ދަށުންދިވެހި ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަމާއި އަދި ނޫސްވެރިކަމަށް ލިއްބައިދީފައިވާ މިނިވަންކަމަށް، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން، ގަސްދުގައާއި ގަސްދުގައި ނޫން ގޮތްގޮތަށް ކުރިމަތިކުރަމުންދާ ހުރަސްތަކާ މެދު ކަންބޮޑުވާކަން ފާހަގަކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނޫސްބަޔާނެއް ނެރެފި.

މި ނޫސްބަޔާނުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، އަދި އާ ގާނޫނު އަސާސީ ވުޖޫދަށް އައުމުގެކުރިން އެކުލަވާލާފައިވާ ޕްރައިވެޓް ބްރޯޑްކާސްޓިން ގަވައިދާއި މައުލޫމާތު ހޯދައިލިބިގަތުމުގެ ގަވައިދުގައި ހުރި ދެކޮޅު ނުޖެހޭ މާއްދާތައް އެއީ ހުއްޖަތެއް ކަމަށް ގަބޫލުކޮށް، އާ ގާނޫނު އަސާސީން ލިބިދޭ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށްސަރުކާރުގެ ބައެއް އިދާރާތަކުން އަމަލު ކުރުމަކީ އެ ޖަމިއްޔާއިން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާ ކަންތައްތައް ކަމުގައި ބުނެފައިވޭ.

ތިރީގައި އެވަނީ އެޖަމިއްޔާއިން ނެރެ އާންމުކޮށްފައިވާ ނޫސްބަޔާނުގެ ނަކަލެއް...

 

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
މ.ސަންބިއުރީ
މާލެ

ނޫސްބަޔާން

އާ ގާނޫނު އަސާސީގެ ދަށުންދިވެހި ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަމާއި އަދި ނޫސްވެރިކަމަށް ލިއްބައިދީފައިވާ މިނިވަންކަމަށް، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން، ގަސްދުގައާއި ގަސްދުގައި ނޫން ގޮތްގޮތަށް ކުރިމަތިކުރަމުންދާ ހުރަސްތަކާ މެދު ކަންބޮޑުވާކަން ފާހަގަ ކުރަމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، އަދި އާ ގާނޫނު އަސާސީ ވުޖޫދަށް އައުމުގެކުރިން އެކުލަވާލާފައިވާ ޕްރައިވެޓް ބްރޯޑްކާސްޓިން ގަވައިދާއި މައުލޫމާތު ހޯދައިލިބިގަތުމުގެ ގަވައިދުގައި ހުރި ދެކޮޅު ނުޖެހޭ މާއްދާތައް އެއީ ހުއްޖަތެއް ކަމަށް ގަބޫލުކޮށް، އާ ގާނޫނު އަސާސީން ލިބިދޭ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށްސަރުކާރުގެ ބައެއް އިދާރާތަކުން އަމަލު ކުރުމަކީ މި ޖަމިއްޔާއިން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާ ކަންތައްތަކެވެ. އަދި އާ ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފައިހަމަ ކުރެވޭ ގޮތަށް – މި ސަރުކާރަށް ދޮޅުއަހަރެއްހާ ދުވަސް ލިބުނު އިރުވެސްއެ ފަދަ ގަވައިދުތައް އިސްލާހު ނުކޮށް، ކުރީގެ އުސޫލުތައް ދިރުވައި އާލާކުރަމުން ގެންދާގެންދިއުން މި ޖަމިއްޔާއިން ސިފަކުރަނީ އެއީ ނޫސްވެރިކަމާއި އާއްމުންގެ ފަރުދީ މިނިވަންކަމަށް ސަރުކާރުން ރާވައިގެން އަރައިގަތުން ކަމަށެވެ.

ތަނެއްގައި ގާނޫނެއް ނެތުމަކީ އިންސާނުންގެ ތެރޭގައި އަމަލު ކުރަން ޖެހޭ އަޚުލާގީ މިންގަނޑުތަކުން ބޭރުވެ، މުޖުތަމައުގެ ހައްގުތަކަށް ސަރުކާރުން އަރައިގަތުމަށް ލިބޭ ތަޅުދަނޑިއެއް ނޫނެވެ. އަދި އެ މޭރުމުން އެފަދަ ކަންކަން ކުރުމަކީ ސަރުކާރު ހިންގަން ތިއްބެވި ފަރާތްތަކުން ނޫސްވެރިކަމާއި ރައްޔިތުންގެ ފަރުދީ ހައްގުތައް ފަހަތަށް ޖެއްސުމަށް ހިތްތަކުގައި ބިންވަޅުނެގިފައިވާވަރު ވަރަށް ފުރިހަމަ އަށް ދައްކުވައިދޭ ކަމެކެވެ.

ޕްރައިވެޓް ބްރޯޑްކާސްޓިން ލައިސަންސް އެއިރު ދިންއިރު، މީޑިއާގެ ކޮންޓެންޓް ކޮންޓްރޯލް ކުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އާ ގާނޫނު އަސާސީން ހިޔާލުފާޅު ކުރުމަށް ދީފައިވާ މިނިވަންކަމަށް ބަލާއިރު، މިހާރު އެ ގޮތަށް، އަދި އެ ގަވައިދަށް، އަމަލުކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. ނަމަވެސް ދިޓީވީ އާއި ވީޓީވީގެ އޮފިޝަލުން އިންފޮމޭޝަން ޑިޕާޓްމަންޓަށް އެކި ފަހަރުމަތިން ހާޒިރު ކުރުވުމާއި ދިއެފްއެމްގެ ކޮންޓެންޓް ރިވިޔު ކުރުމަށް، އެ ތަނުން ބްރޯޑްކާސްޓް ކުރި މެޓީރިއަލް އިންފޮމޭޝަން ޑިޕާޓްމަންޓަށް ދާދިފަހުން ގެންދިއުމާއި ދިއެފްއެމްގެ އޮފީހަށް ފުލުހުން ވަނުންފަދަ ކަންތައްތަކަކީ ޑިމޮކްރެޓިކް އުސޫލުތަކެއް ގެންގުޅޭ ކަމަށް ބުނާ، އަދި އެތެރެފެންނަ ހެޔޮވެރިކަމެއް ކުރާ ސަރުކާރަކުން ފެނިގެންވާނެ އަމަލުތަކެއް ކަމަކަށް މި ޖަމިއްޔާއަކުން ނުދެކެމެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގައި މީޑިއާ ރެގިއުލޭޓް ކުރުމަށް އޮތް ހަނި ދައުރުގެ ބޭނުން ނުކޮށް، އަދި އެގާނޫނުގައި ބުނާ ކައުންސިލް ދޮޅުއަހަރު ވީއިރު ވެސް އެކުލަވައި ނުލައި ބޭއްވުމަށްފަހު، އެއަށްވުރެ ހުދުމުހުތާރު ގޮތެއްގައި ހަމައެކަނި ސަރުކާރުން ކަނޑައަޅާފައިވާ މެންބަރުންގެ މައްޗަށް އޮތް ކޮންޓެންޓް ކޮމިޓީއަކުން ދިއެފްއެމްގެ ޕޮއިންޓްގެ ލައިސަންސުން ފަސް ޕޮއިންޓް ކެނޑުމަކީ އެއްވެސް ހާލެއްގައި މި ޖަމިއްޔާއިން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި ގޮތަށް ޕޮއިންޓް ކަނޑަމުން ގޮސް، އިދިކޮޅުވާ ކޮންމެ އަމިއްލަ މިނިވަން މީޑިއާއެއްގެ ލައިސަންސް ބާތިލުވާ ހިސާބަށް ދިއުމަކީ މިޖަމިއްޔާއިން އެއްވެސް ހާލެއްގައި ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި މިއީ ކަނޑައެޅިގެން މިނިވަން މީޑިއާގެ އަޑު ކަނޑުވާލައި ޑިމޮކްރެސީއަށް ކަނޑައެޅިގެން ގޮންޖަހައި ސަރުކާރުގެ ބާރު މީޑިއާގެ މައްޗަށް އޮތްވަރު ދެއްކުމުގެ ގޮތުން ކުރި ދަށްފެންވަރުގެ އަމަލެއް ކަމުގައި ނޫނީ މި ޖަމިއްޔާއަކުން ނުދެކެމެވެ.

މި ޖަމިއްޔާއިން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ރާއްޖެ އަށް އެހީވެދޭ ގައުމުތަކަށް ގޮވާލަނީ ރާއްޖޭގައި އާލާވަމުން އަންނަ އަދި ޅަފަތުގައި އޮތް ނޫސްވެރިކަމަށް، މިނިވަންކަމުގެ ހިޔަނީގައި ސަރުކާރުން އަތްއަޅައި ފަސްއެޅުމުގެ ފުރުސަތު ނުދިނުމަށެވެ. ގާނޫނު އަސާސީއާ ތައާރަޒުވާ ގޮތަށް އޮތް އެގްރީމަންޓްތަކަށް އަމަލު ކުރުން ހުއްޓުވައިދިނުމަށެވެ. މި ހުތޫރަތްތެރި ދަނޑިވަޅުގައި އެފަދަ ފިޔަވަޅެއް ނާޅައިފި ނަމަ، ޑިމޮކްރެސީގެ ނަމުގައި ޔުކްރޭންގެ ރައްޔިތުން ތަޖުރިބާ ކުރި ފަދަ ހިތި ތަޖުރިބާއެއް މި ގައުމުގެ ރައްޔިތުން ވެސް ކުރަންޖެހިދާނެތީ ކަންބޮޑުވާކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ.

މި ޖަމިއްޔާއިން ދިވެހިސަރުކާރަށް ގޮވާލަނީ، ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުމުގެ އެއްވެސް ހައިސިއްޔަތެއް ދިވެހި ސަރުކާރަށް ލިބިގެން ނުވާތީ، އިލެކްޓްރޯނިކް މީޑިއަމްތަކާ ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން ވަގުތުން އުވާލައި މީޑިއާ މިނިވަން ކުރުމަށެވެ. ދެ ފަރާތުން ވެފައިވާ އެއްބަސްވުމޭ ބުނެ، މިނިވަން މީޑިއާއެއްގެ އެޑިޓޯރިއަލް ކޮންޓެންޓްގެ ތެރެއަށް ބަސްކިއުމުގެ އެއްވެސް ހައިސިއްޔަތެއް ސަރުކާރަށް ލިބިގެންވާ ކަމަކަށް މި ޖަމިއްޔާއަކުން ނުދެކެމެވެ.

22 ފެބްރުއަރީ 2010

 

އެންމެ ފަހުން ބަދަލުކުރީ 06:31 އަންގާރަ, 23 ފެބްރުއަރީ 2010