ބްރޯޑްކާސްޓް ކުރުމުގެ އެގްރިމެންޓްގެ ބައެއްމާދާތަކާއި ޚިލާފްވެފައިވާ ކަމަށްބުނެ ރާއްޖޭގައި ފުރަތަމަ ޚިދުމަތްދޭންފެށި އަމިއްލަ ރޭޑިއޯ ސްޓޭޝަން، ދި އެފްއެމްގެ ލައިސަންސުން ފަސް ޕޮއިންޓް އުނިކޮށް އެސްޓޭޝަނާމެދު ސަރުކާރުން ފިޔަވަޅުއަޅައިފި.
ބްރޯޑްކާސްޓް ކުރުމުގެ އެގްރިމެންޓްގެ ބައެއް މާއްދާތަކާއި ޚިލާފްވެފައިވާ ކަމަށްބުނެ، ރާއްޖޭގައި ފުރަތަމަ ޚިދުމަތްދޭންފެށި އަމިއްލަ ރޭޑިއޯ ސްޓޭޝަންކަމަށްވާ "ދި އެފްއެމް ނައިންޓީ-ފައިވް ޕޮއިންޓް ޓޫގެ ލައިސަންސުން"، ފަސް ޕޮއިންޓު އުނިކޮށްފި.
މިކަމާއި ގުޅިގެން މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާރޓްސް މިނިސްޓަރ ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ، ބްރޯޑް ކާސްޓުކުރުމުގެ އެއްބަސްވުމާއި ޚިލާފްވެގެން ދިއެފްއެމްގެ ލައިސަންސުން ޕޮއިންޓް ކަޑަންޖެހުނީ ހުސްވި ޖެނުއަރީ މަހުގެ އަށާވީސްވަނަދުވަހު އެ ސްޓޭޝަންގެ ވިޝުވަލް ރޭޑިއޯއިން ފޮނުވާފައިވާ ބްރޭކިން ނިއުސްއަކާއި ގުޅިގެންކަމަށް. އަދި މިމައްސަލަ ބެލުމަށް މިނިސްޓްރީން އެކުލަވާލި ކޮމެޓީން ބްރޯޑްކާސްޓްކުރުމުގެ އެގްރިމެންޓާއި ޚިލާފްވެފައިވާ އަށްކަމެއް ފާހަގަކޮށްފައިވާކަމަށާއި، މި އަށްކަމުގެ މައްޗަށް ބަލައި، އެސްޓޭޝަނަށް ދީފައިވާ ލައިސަންސުން ފަސް ޕޮއިންޓް އުނިކުރުމަށް މިނިސްޓްރީއަށް އަންގާފައިވާކަމަށް ސަވާދު ވިދާޅުވި. އަދި މިހާރު އެސްޓޭޝަަނަށްވެސް އެކަން އަންގާފައިވާނެ ކަމަށް ޑރ. ސަވާދު ވިދާޅުވި.
މިނިސްޓަރ ވިދާޅުވީ ދެހާސް ހަތްވަނަ އަހަރު ވެފައިވާ ބްރޯޑް ކާސްޓިން އެއްބަސް ވުމާއި ޚިލާފްވުމާއި ގުޅިގެން، މިނިސްޓްރީން އެކުލާވާލި ނުވަ މެންބަރުންގެ ކޮންޓެންޓް އެޖުޑިކޭޝަން ކޮމެޓީން ފާހަގަ ކޮށްފައިވަނީ ބްރޯޑް ކާސްޓް ލައިސަންސް ދިނުމުގައި އެއްބަސްވުމުގައިވާ އަދަބީ އަދި ސުލޫކީ މިންގަނޑުތަކާއި ދިއެފްއެމުން ޚިލާފްވެފައިވާކަމަށް. އަދި ކޮންޓެންޓް ސުލޫކީ މިންގަޑުގެ އަށްވަނަ ނުކުތާއާއި ޚިލާފްވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން މުލީއާގެ ދޮށަށް އެއްވި އެއްވުމަކާ ބެހޭ މައުލޫމާތު ވަގުތުން ގެނަސްދީގެން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަބެލުމަށްފަހު ކޮންޓެންޓް ކޮމެޓީން މޯލްޑިވްސް މީޑީއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގައިވަނީ އަށާވީސް ޖެނުއަރީ ދެހާސް ދިވަހަވަނަދުވަހުގެ ރޭ ދިއެފްއާއި ދިއެފްއެމް ނައިންޓީ ފައިވް ޕޮއިންޓް ޓޫ ވިޝުވަލް ރޭޑިއޯއިން ބްރޯޑްކާސްޓް ކޮށްފައިވާ ލައިވް އިވެންޓުގައި ގެނެސްދީފައިވާ ބައެއް ކޮންޓެންޓް ތަކަކީ ބްރޯޑް ކާސްޓްކުރުމުގެ ލައިސަންސް ދިނުމުގެ އެއްބަސްވުމާއި ޚިލާފަށް ގެނެސްދީފައިވާ ކޮންޓެންޓް ތަކެއްކަމަށާއި އެގޮތުން އެރޭ ބާރަ ގަޑި ސާޅީހުން ފެށިގެން އެރޭ ދަންވަރު ތިންގަޑި ތިރީހާހަމައަށް ގެނެސް ދީފައިވާ މައުލޫމާތު ތަކުގައި ބްރޯޑް ކާސްޓް ކުރުމުގެ ސުލޫކީ މިންގަޑުގެ އަށް ނުކުތާއަކާއި ޚިލާފްވެފައިވާކަމަށް އެސިޓީގައި ބަޔާންކޮށްފައިވޭ. އަދި ޕޮއިންޓް ދިނުމާއި ޕޮއިންޓް އުނިކުރުމުގެ ސޯޅަ ވަނަ މާއްދާގެ ދަށުން ދި އެފްއެމް ނައިންޓީ ފައިވް ޕޮއިންޓް ޓޫ އަށް ދޫކުރެވިފައިވާ ބްރޯޑް ކާސްޓްކުރުމުގެ ލައިސަންސުން ފަސް ޕޮއިންޓް އުނިކުރަންޖެހޭނެކަމަށް ފާސްކޮށްފައިވަނީ ކޮމެޓީގެ ނުވަމެންބަރުންގެ ތެރެއިން ހަ މެންބަރުންގެ އިއްތިފާގުންކަމަށްވެސް ދިއެފްއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވޭ.
ހުސްވި ޖެނުއަރީމަހުގެ އަށާވީސްވަނަ ދުވަހުގެ ރޭ އިދިކޮޅުފަރާތްތަކުން މުލިއާގެ ދޮށުގައި އެއްވި މަންޒަރުތަކާއި އަޑުތައް ލައިވްކޮށް ދިއެފްއެމް އިން ގެނެސްދެމުން ދަނިކޮށް އެރޭޑިއޯ ސްޓޭޝަނަށްވަދެ ލައިވް ކަވަރޭޖް ވަގުތުން ހުއްޓާލުމަށް ދިއެފްއެމަށް ވަނީ ފުލުހުންވެސް އަންގާފަ. އަދި އެރޭ ދިއެފްއެމަށާއި ދިޓީވީއަށް ލިޔުމަކުންވެސް އެކަން އަންގާފައިވާކަން ފާހަގަ ކޮށްލެވޭ. މިލިޔުމުގައި ސަރުކާރުން ސިފަކޮށްފައިވަނީ ދިއެފްއެމާއި ވިޒުއަލް ރޭޑިއޯއިން އެރޭ މަސައްކަތް ކޮށްފައިވަނީ ގާނޫނީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތަށް ހިތްވަރު ދީފައިވާ ކަމަށް. އަދި މިކަމުގައި ފިޔަވަޅު އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކަށް ސަލާމަތީ ބާރުތަކުން ފަހުން ވަނީ އަންގާފައި.
ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން މީޑިޔާގެ މިނިވަންކަމަށް އަޑުއުފުއްލަވައި އަދި ކުރީގެ ސަރުކާރުން މީޑިޔާގެ މިނިވަންކަން ނުދޭކަމަށް ވިދާޅުވެ އަޑު އުފުއްލަވާ އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ރައީސް ނަޝީދުގެ ސަރުކާރުން މީޑިޔާކައުންސިލްގެ ބިލަށް އަމަލު ކުރުމުގެ ބަދަލުގައި މީޑިޔާއާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ކޮންޓެންޓް ކޮމިޓީއެއް އެކުލަވާލައިގެން އެމަސައްކަތް ކުރަމުން ގެންދާތީ ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޭސިއޭޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. އަދި 2008 ވަނަ އަހަރު ތަސްދީގު ކޮށްފައިވާ މީޑިޔާ ކައުންސިލްގެ ގާނޫނަށް އަމަލު ނުކޮށް ސަރުކާރުން މީޑިޔާ ރެގިއުލޭޓް ކުރަމުން ގެންދާތީވެސް ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ. އަދި މިގާނޫނުގައި ބުނާގޮތުން މީޑިޔާގެ ކަންކަން ބަލަހައްޓައި ފިޔަވަޅު އެޅުމަށް އެކުލަވާލަން ޖެހޭ މީޑިޔާ ކައުންސިލް އެކުލަވާ ނުލައި އެގާނޫނުގެ ރޫހާ ޚިލާފަށް އެކުލަވާލާފައިވާ ކޮމިޓީއަކުން މީޑިޔާއާމެދު ފިޔަވަޅު އެޅުމަކީ މީޑިޔާގެ މިނިވަންކަމަށް އަދުގެ ސަރުކާރުން އަހައްމިއްޔަތުކަން ދޭކަމާމެދު ސުވާލު އުފެދޭ ކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނޭ.








