2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ނުކުތްއިރު އެވެރިން ކިޔަމުން ދިޔައީ ވިޔަފާރިވެރިން ތިބެންޖެހޭނީ ފިހާރައިގެ ވަތްގަނޑު ކައިރީގައި ކަމަށެވެ. މިފަދައިން އެންމެ ސާފުކޮށް ވިދާޅުވި ބޭފުޅަކީވެސް އޭރު ފުރަތަމަ ބުރުގައި ވާދަ ކުރައްވަމުން އައި އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ނަޝީދެވެ. މިހާރުގެ ރައީސް ނަޝީދެވެ
.
ރައީސް ނަޝީދު މިފަދައިން އޭރު ވިދާޅުވީ ސީދާ ވަކި ބޭފުޅަކަށް އަމާޒު ކޮށެވެ. އެބޭފުޅަކީ އޭރު ފުރަތަމަ ބުރުގައި ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށް ރައީސް ނަޝީދުވެސް ގަބޫލު ކުރެއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ. ރިޔާސީ ރޭހަށް ނުކުންނެވި ބޭފުޅުންގެ ތެރެއަކު ގާސިމް ނޫނީ ވިޔަފާރިވެރިއަކު ނެތެވެ. ދެން ތިއްބެވީ މައުމޫން އަބްދުލްގަތްޔޫމާއި ނަޝީދު އަދި ޑރ. ހަސަން ސައީދުގެ އިތުރުން އުމަރު ނަސީރާއި އިބްރާހިމް އިސްމާއީލެވެ. އެހެންވެ ރައީސް ނަޝީދު ފުރަތަމަ ބުރުގައި ގާސިމް އިބްރާހިމްއާ ދެކޮޅަށް ނެންގެވި އެންމެ ބޮޑު ޕޮއިންޓަކީ ވިޔަފާރިވެރިޔަކަށްވުމެވެ. އެހެންވެ ރައީސް ނަޝީދު ވިދާޅުވަމުން އައީ ގާސިމް އިބްރާހިމް އިންނަވަން ޖެހޭނީ ފިހާރައިގެ ވަތްގަނޑު ކައިރީގަ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދުގެ ރާގު ދެވަނަ ބުރު ފެށުމާއެކު ބަދަލުވެ ކުރިން ވިދާޅުވި ބަސްފުޅުގެ ދިފާއުގައި ދޮގު ހެއްދެވިއެވެ. މިކަން ވަރަށް ސާފުކޮށް ރެކޯޑިންތައް ބެލުމުން ފެންނާނެއެވެ. ދެވަނަ ބުރުގައި ގާސިމް އިބްރާހިމް ރައީސް ނަޝީދާއެކު ބައިއަތު ހިއްޕެވި ކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ފުރަތަމަ ސުވާލަކީވެސް އެއީއެވެ. ނޫސްވެރިޔާ ވަރަށް ސާފު އިބާރާތުން ވިދާޅުވީ ވިޔަފާރިވެރިން ތިބެންޖެހޭނީ ފިހާރައިގެ ވަތްގަނޑު ކައިރީގައި ކަމަށް ނަޝީދު ކުރިން ވިދާޅުވިން ނޫންތޯ އެއީ ގާސިމް އިބްރާހިމްއަށް އިޝާރާތްކޮށް ވިދާޅުވި ބަހެއްނޫންތޯއެވެ. އަދި މިއަދު ގާސިމް އިބްރާހިމް ކައިރީގައި ބައިންދަވައިގެން އިންނެވިއިރު އެއީ މިހާރު ވިޔަފާރިވެރިޔެއް ނޫންތޯއެވެ.
ނޫސްވެރިޔާގެ ސުވާލަށް ރައީސް ނަޝީދު ދެއްވި ޖަވާބަކީ ހަގީގަތުގައިވެސް ބޮޑު ޖޯކެކެވެ. ކުޑަކުއްޖަކުވެސް ނުބުނާނެ ވާހަކައެކެވެ. ޖަވާބުގައި ނަޝީދު ވިދާޅުވީ މިތަނުން ތިޔަބޭފުޅާއަށް (ސުވާލުކުރި ނޫސްވެރިޔާއަށް)ވިޔަފާރިވެރިޔަކު އެބަފެނޭތޯއެވެ؟ ކުރިން ވިދާޅުވި ބަސްފުޅުން ނަޝީދު ރެކެން އުޅުއްވި ނަމަވެސް ނުރެކެވުނެވެ. އެދުވަހު ނަޝީދު ވިދާޅުވީ ވިޔަފާރިވެރިން ތިބެންޖެހޭނީ ހަމައެކަނި ފިހާރައިގެ ވަތްގަނޑު ކައިރީގައި ނޫން ކަމަށެވެ.
ދެން ނަޝީދު ވިދާޅުވަމުން އައީ ގާސިމް އިބްރާހިމްއަކީ ގައުމު ނުދެކޭ ފަދަ ބަތޮލެއް ކަމަށެވެ. ދިވެހި ގައުމުގައި ގާސިމް ފަދަ ޚިދުމަތްތެރި ބޭފުޅަކު ނެތް ކަމަށެވެ. ގާސިމް ނުކުރަންވީ ވަރަށްވެސް ނަޝީދު އޭރު ތައުރީފް ކުރެއްވިއެވެ. ނަމަވެސް އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވުމުން މޫސުން ބަދަލުވާ އުސޫލުން ނަޝީދުގެ ބަސް މަގުވެސް މިއަދު ވަނީ ތަފާތުވެފައެވެ.
މިއަދު ރައީސް ނަޝީދާއި ނަޝީދުގެ ބައިވެރިންނަށް އެންމެ ނުބައި މީހަކީ ގާސިމް އިބްރާހިމެވެ. ގާސިމް އިބްރާހިމްއަށް ނިސްބަތްކޮށް ހެދުނުހާ ދޮގެއް އެބަހަދައެވެ. މިއީ ގާސިމް ކޮށްދެއްވި ކަންތަކުގެ ހަދިޔާބާވައެވެ. އެހެންވީމާ ރައީސް ނަޝީދަކީ ހަގީގަތުގައިވެސް އެހެން މީހަކު ކޮށްދޭ ކަންތައް ދުވަހަކުވެސް ބަލައިގަންނާނެ މީހެއް ނޫންކަން މިއަދު މިދަނީ ސާބިތު ވަމުންނެވެ. ގާސިމް އިބްރާހިމްއަށް ނިސްބަތްކޮށް ތިޔަހެނެއް ނުކިޔޭނެއެވެ. ވެގެން އުޅޭ ގޮތަކީ 2013 ވަނަ އަހަރު ރައީސް ނަޝީދު އެންމެ ޖެހިލުންވާނެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމްއަށްވުމެވެ.








