DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ރިޕޯރޓް ރިޕޯރޓް 2013 ގެ ރިޔާސީ އިންތިޚާބަށް ގާސިމް ނުކުންނަވާނެތަ؟ އިދިކޮޅު ކޯލިޝަނުން އިއްތިފާގުވާނެ ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް

2013 ގެ ރިޔާސީ އިންތިޚާބަށް ގާސިމް ނުކުންނަވާނެތަ؟ އިދިކޮޅު ކޯލިޝަނުން އިއްތިފާގުވާނެ ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ކަމުގެ ޓިކެޓް ހިއްޕަވައިގެން ނުކުންނާނީ ކޮންބޭފުޅުންނެއްތޯ މިއީ 2012 ވަނަ އަހަރު ކައިރިވަމުން އަންނައިރު ކުރެވެމުން އަންނަ ސުވާލެކެވެ. މިސުވާލުގައި އަދި ޔަގީންކަމާއެކު އެންމެންގެ ކުރިމަތީގައިވެސް އޮތީ އެންމެ ނަންފުޅެކެވެ. އެއީ މިހާރުގެ ރައީސް މުހަންމަދު ނަޝީދެވެ.


 

2013 ގެ ރިޔާސީ ޓިކެޓްގައި މިހާރުގެ ރައީސް ނުކުންނަވާނެކަން އެއީ ކަށަވަރު ކަމެކެވެ. އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެހެން ޕާޓީއަކުން އަދި ނުކުންނަވާނެ ބޭފުޅަކު މުޅިން ކަށަވަރު ކަމާއެކު ދަންނަވާކަށް ނުކެރޭނެއެވެ. ކަށަވަރު ނުވިޔަސް ބަޔެއް ކެންޑިޑޭޓުންގެ ނަން އެކި ގޮތް ގޮތުން އެކި މަރުޙަލާ ތަކުގައި އަންނަނީ ދައްކަމުންނެވެ.

އެގޮތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ކުރީގެ ރައީސް މައުމޫން ނުވަތަ އެމަނިކުފާނުގެ ކޮއްކޮ އަބްދުﷲ ޔާމީން ނުކުންނެވުން ކައިރި ކަމަށް ބުނެވެއެވެ. ޑީއާރުޕީގެ ޓިކެޓުގައި ލީޑަރ އަޙްމަދު ތަސްމީން އަލީ ނުކުންނަވާނެ ކަމަށް ބެލެވެއެވެ. އަދާލަތު ޕާޓީންވެސް ކޮންމެވެސް ބޭފުޅަކު ނުކުންނަވާނެ ކަމަށް ބެލެވެއެވެ. ޝައިޚް އިމްރާން ނުވަތަ ޝަހީމް ނޫނީ ޝައިޚް އިލްޔާސް ކަމުގައި ބުނެވެއެވެ.

މިހުރިހާ ބޭފުޅުންނާއި އެޕާޓީތަކާމެދު މިފަދަ ވާހަކަތަކެއް ދެކެވޭއިރު ގާސިމް އިބްރާހިމްގެ ނަންފުޅަކީވެސް ވަރަށް ގިނަ ބަޔެއްގެ ދުލުގެ ކުރިޔަށް އަންނަ ނަންފުޅެކެވެ. 2013 ގެ ރިޔާސީ ޓިކެޓުގައި ގާސިމް ނުކުންނަވާނެބާއެވެ. ގާސިމް ނުކުންނަވާނީ ކޮން ކުލައެއްގެ ޓިކެޓްގައިތޯއެވެ. މިއީ އަދި އެމަނިކުފާނުގެ ފަރާތުން މުޅިން ކަށަވަރު ވެފައިނުވާ ސުވާލެކެވެ.

ނަމަވެސް ސިޔާސީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި 2013 ގެ ރިޔާސީ ޓިކެޓުގައި ގާސިމް ނުކުންނަވާނެއެވެ. ބޮޑަށް ކައިރީވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނުކުންނެވުން ކަމަށް ބަޔެއް ފަރާތްތަކުން ބުނެއެވެ. ނުވަތަ އިދިކޮޅު ކޯލިޝަނެއްގެ ތެރެއިންނެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އިދިކޮޅު ކޯލިޝަނުގައި ހުރިހާ ބޭފުޅުންވެސް އެބޭފުޅެއްގެ ފަހަތްޕުޅުން ކަންބޮޑުވުމެއް ނެތި ނުކުންނަވާނީ ހަމައެކަނި ގާސިމް އިބްރާހިމްގެ ފަހަތްޕުޅުންނެވެ.

ނަމަވެސް ކުރީގެ ރައީސް މައުމޫނާއި އަބްދުﷲ ޔާމީން އާއި ތަސްމީން އަދި ޑރ. ހަސަން ސައީދާއި ޑރ. މުނައްވަރު ފަދަ ސިޔާސީ ލީޑަރުންގެ ފަހަތްޕުޅުން ނުކުންނެވުމުގައި ބަޔެއް އިދިކޮޅު ހުރިހާ ޕާޓީއަކުން އެއްޚިޔާލަކަށް އެރުމަކީ ދުރު ކަމެއް ކަމުގައި ބެލެވެއެވެ. ކުރީގެ މަންޒަރު ތަކާއި މިހާރުގެ މަންޒަރު ތަކަށް ބަލާއިރުވެސް ބޮޑަށް ގަބޫލު ކުރެވެނީ އެގޮތެވެ. އަނެއްކޮޅުން ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ފެންނަ މަންޒަރަށް ބަލާއިރު އިދިކޮޅު އެންމެންނާވެސް ވަރަށް ރަނގަޅު ގުޅުމެއް ގެންގުޅުއްވާ ކަމަށް ބެލެވެއެވެ. އަދި އިދިކޮޅު ހުރިހާ ޕާޓީއަކުންވެސް ގާސިމް އިބްރާހިމް ހެޔޮހިތުން ބަލައިގަންނަކަން ފާހަގަ ކުރެވެއެވެ. އަދި އެއިން ކޮންމެ ޕާޓީއަކުންވެސް ގާސިމަށް ފުރިހަމަ އިތުބާރު ކުރާ ކަމުގައި ފެންނަ މަންޒަރު ތަކަށް ބަލާއިރު ކަށަވަރު ވެއެވެ.

އެހެންނަމަވެސް ސިޔާސީ ގޮތުން ގާސިމް ނިންމަވާ ފަހުގެ ނިންމުން އާންމުކޮށް އެނގުން ކައިރީ އަދިވެސް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކައިރިވުމުންނެވެ. ކޮންމެ ގޮތެއް ވިޔަސް ގާސިމަކީ އިދިކޮޅު އެންމެން އެކަތި ގަނޑަކަށް އެރުވުމުގެ ގާބިލްކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ސަރުކާރުންވެސް އެންމެ ކަންބޮޑުވާނީ ގާސިމް ރިޔާސީ އިންތިޚާބާމެދު ނިންމަވާ ނިންމެވުމަކަށެވެ. އެހެން ހުރިހާ ސިޔާސީ ލީޑަރުން ނިންމަވާ ނިންމެވުމަށްވުރެ ސަރުކާރުގެ ސިކުނޑިއަށްވެސް ބާރު ބޮޑުވާނީ ގާސިމްގެ ނިންމެވުން އެނގުމުންނެވެ.

މިހިސާބުން ރިޕޯޓުގެ ސުރުޚީއަށް ސީދާ ޖަވާބެއް ދޭން އުޅެފިނަމަ ބުނަން އޮތީ 2013 ގެ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގާސިމް އިބްރާހިމް ނުކުންނެވުމަކީ އެންމެ ކައިރި ގޮތް ކަމަށެވެ. ނަމަވެސް އެއީ ޖުމްހޫރީ ޕާޓީންތޯ ނޫނީ އިދިކޮޅު ކޯލިޝަނުންތޯ އެއީ ޖަވާބެއް ދޭން އަދިވެސް އުދަނގޫ ކަމެކެވެ. މިފަހަރު އެމަނިކުފާނު ގޮތެއް ނިންމަވާނީ ސިޔާސީ ގޮތުން "ހަރުއެއްޗެއް" އެޅުއްވުމަށް ފަހު ކަމުގައި ބެލެވެއެވެ. 2008 ގެ ތަޖިރިބާގެ އަލީގައި މިފަހަރު ބުނަން ޖެހޭނީ "ޅައެއްޗެއް" މިފަހަރު ނާޅުއްވާނެ ކަމަށެވެ.