
ﷲ ކަމަކަށް އިރާދަ ކުރައްވައިފިނަމަ އެކަމެއް ހިނގާނެއެވެ. މިއީ ބަދަލު ގެނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އިންސާނުންގެ ތެރެއިން ބަޔަކު ބޮޑާވެ، ބިމުގައި ފަސާދަ ކޮށް، ފާސިދު ޢަމަލުތައް ހިންގަމުން ގެންދެއެވެ. އެއްވެސް ބިރެއް ނެތިއެވެ. މިބައިމީހުން ބަދުއަޚުލާޤީ ޢަމަލުތައް ހިންގާކަމަށް އެއްވެސް ޖެހިލުމެއް ނުވެއެވެ. ތާރީޚު ހެކިދޭ ގޮތުގައި މިފަދަ މީހުންނަށް ﷲ ބޮޑެތި ކޯފާތައް ފޮނުއްވާފައިވެއެވެ. ޕޮމްޕެއި މިއީ މިފަދަ އެއްތަނެވެ.
ރޫމީންގެ ވަރުގަދަ ވެރިކަން ހުލިވެގެން ދިޔުމުގެ އަޞްލަކީ މިތަން ކަމުގައިވެސް ބުނެއެވެ. ޕޮމްޕެއިގައި އޭރު އޮތީ ބަދު އަޚުލާޤީ ޢަމަލުތައް ހައްދު ފަހަނައަޅާ ގޮސްފައެވެ. އެންމެ ފަހުން އެތަނުގެ ނިމުން އައީ، ލޫޠު ބާގައިގެ މީހުންގެ ނިމުން އައި ފަދައިންނެވެ. ޕޮމްޕެއިއަށް ހަލާކު ކުރިމަތިވީ އަލިފާން ފަރުބަދައެއް ކަމުގައިވާ ވެސޫވިއަސް ގޮވުމުގެ ސަބަބުންނެވެ. ވެސޫވިއަސް އަލިފާން ފަރުބަދައަކީ އިޓަލީ ވިލާތުގެ ރަމްޒެކެވެ. ޚާއްޞަކޮށް ނޭޕަލްސް ސަހަރުގައެވެ. ވެސޫވިއަސް ފަރުބަދައަށް “އިންޒާރުގެ ފަރުބަދަ” އޭވެސް ކިޔައެވެ. މިފަރުބަދައަށް އެހެން ކިޔަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ޕޮމްޕެއިއަށް ކުރިމަތިވި މުސީބާތަކީ ސައްދޫމް އާއި މަގުފުރެދުނު ޤައުމުތަކަށް ވެސް ކުރިމަތިވީ ފަދަ މުސީބާތެކެވެ. ވެސޫވިއަސްގެ ކަނާތް ފަރާތުގައި ވަނީ ނޭޕަލްސް އެވެ. އަދި އިރުމައްޗަށް އޮންނަނީ ޕޮމްޕެއިއެވެ. ވަރުގަދަ ގޮވުމަކުން މިފަރުބަދަ ގޮވުމާއެކު، އޭގެ ދިޔާ އަލިފާންތަކާއި އަޅިތައް ފައިބައިގެން ދިޔައީ ސަހަރުގެ މީހުން މިކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ތިއްބައެވެ. މިއީ، މީގެ 2000 އަހަރު ކުރީން ހިނގާފައިވާ ޙާދިޘާއެކެވެ. މި ޙާދިޘާ ހިނގާފައިވާލެއް އަވަސްކަމުން މީހުންނަށް މި މުސީބާތްތައް ކުރިމަތިވެފައިވަނީ އެމީހުންގެ ދިރިއުޅުމުގެ އެކިއެކި ޙަރަކާތްތަކުގައި ތިއްބައެވެ. ގުޑިލާނެ ފުރުޞަތެއްވެސް ނުލިބިއެވެ. އޭގެ ދެހާސް އަހަރުފަހުން މިއަދުވެސް އެމަންޒަރުތައް ތަމްޘީލުވާން އެއޮތީއެވެ. ހީވަނީ “ޕޯޒް” ކޮށްލާފައި (އިރުކޮޅަކަށް މަޑުކޮށްލަން)ނުވަތަ އެ ޙާދިޘާ އެހިސާބުން މެދުކަނޑުވާލައިފައި އޮތްހެންނެވެ. ދުނިޔޭގެ ބިމުން ޕޮމްޕެއި ފޮހެވިގެން ދިޔައިރު، އޭރު އެ ސަހަރުގެ ޙާލަތު އޮތްގޮތުގެ މައްޗަށް ބަލައިލުމަކީވެސް ނެތްކަމެއް ނޫނެވެ. ތާރީޚީ ރެކޯރޑްތަކުން ދައްކާ ގޮތުގައި އެސަހަރަކީ ބަދުއަޚުލާޤީ ޢަމަލުތައް ހިންގުމާއި ޖިންސީ ގުޅުންތައް ހިންގުމުގައި އަރާއޮތް ސަހަރެކެވެ. ކަސްބީ ވިޔަފާރި އޮތީ ވަރަށް މައްޗަށް ގޮސްފައެވެ. ނާސިގެތަކުގެ އަދަދުވެސް ނޭނގޭ ކަމަށް ބުނެއެވެ. ނާސިގެ ތަކުގެ ދޮރުތަކުގައި މަޞްނޫޢީ ލަދުވެތި ގުނަންތައް، އެލުވާފައި ހުންނަކަމަށް ވެއެވެ. “މިތްރައިކް” ޤަބޫލު ކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ މިއާދަކާދައިގާ ލަދުވެތި ގުނަންތަކާއި ޖިންސީ ގުޅުން އޮންނަން ޖެހޭނީ ފޮރުވިފައެއް ނޫނެވެ. އެއުރެން ދެކޭ ގޮތުގައި ޖިންސީ ގުޅުން މީހުންނަށް ފެންނަ ގޮތަށް ހާމައަށް ހިންގުމަކީ އެންމެ ރަނގަޅު ކަމެކެވެ. “މިތްރައިކް”ގެ ޤަބޫލު ކުރުމަކީ ނަޞާރާ ދީން ފެށިގެން އައި ދުވަސްވަރު، އެދީނާ އެންމެ ބޮޑަށް ވާދަކުރި އެއް ޤަބޫލު ކުރުމެވެ. މި ޤަބޫލު ކުރުމުގެ އަޞްލުތައް ފެށިގެން އައި ގޮތެއް މާބޮޑަކަށް ސާފެއް ނުވެއެވެ. ނަމަވެސް ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 1400 އަހަރު ކުރީގައިވެސް މިޤަބޫލު ކުރުންތައް އޮންނަކަމަށް ވެއެވެ. މިމީހުންގެ ޢަޤީދާގައި އިރަށް އަޅުކަން ކުރުމާއި އިރުވަރު ބެލުމުގެ ބައިތަކެއްވެސް ހިމެނޭކަމަށް ބުނެއެވެ. ޕޮމްޕެއިގައި ޖިންސީ ގުޅުންތައް ހާމަކޮށްފައި އޮތް ނަމަވެސް ވެސޫވިއަސް ފަރުބަދައިގެ ދިޔާ އަލިފާންތަކުން އެ ކަންތައްތަކުގެ ނިޝާންތައް އެހިނދަށް ފޮރުވާލިއެވެ. އެހިސާބުން އެސަހަރުވެސް އޮތީ ފޮރުވިފައެވެ. މި ބިރުވެރި ޙާދިޘާ ހިނގާފައިވަނީ 24 އޯގަސްޓް 0079 ގައެވެ. އެދުވަހު އެސަހަރު ވަޅުލެވުނު ގޮތަށް، އޭގެ ނިޝާނެއް ވެސް ފުރަތަމަ ފެނިފައިވަނީ 1595 ގައެވެ. އެހެންނަމަވެސް ބޮޑަށް ރޭވިގެން ކޮނުމުގެ މަސައްކަތް ފެށިކަމަށް ބުނެވެނީ 1748 ވަނަ އަހަރުގައެވެ. އަދި 1985 އާއި 1987 އާ ދެމެދުގައި ވަރަށް އާދަޔާ ޚިލާފު މަންޒަރުތަކެއް ހާމަވެގެން ދިޔައެވެ. ޕޮމްޕެއިގާ ޖިންސީ ގުޅުންތައް ޢާއްމުވެފެއި އޮތް މިންވަރު މިހޯދުންތަކުން ވަރަށް ރަނގަޅަށް ސާފުވެގެން ދިޔައެވެ. ޕޮމްޕެއި ސަހަރު ކޮނެގެން ހާމަ ކުރުމުގެ މަސައްކަތް އަދިވެސް ފުރިހަމައަށް ނުނިމެއެވެ. ފަރުބަދަ ގޮވުމުގެ ޙާދިޘާގައި މަރުވި ބައެއް މީހުންގެ ކަށިތައްވެސް އަދި ހަށިތައް ވެސް ފެނިފައި ވެއެވެ. ހަށިތަކުގެ ސިފައިގައި ވަޅުލެވި ރައްކާ ކުރެވިފައި ހުއްޓެވެ. ޙާދިޘާ ކުރިމަތިވިލެއް އަވަސްކަމުން މީހުންތައް ތިބީ ހަމަ އެތިބި ގޮތަށެވެ. ޖިންސީ ގުޅުން ހިންގަން ތިބިމީހުން އެތިބި ގޮތަށެވެ. ބައެއް މީހުން ކާން އަނގަޔަށް އަތް ދިމާކުރި ގޮތަށެވެ. މިމީސްމީހުންގެ މޫނުމަތިން ބިރުވެރިކަން ފެންނާން ހުއްޓެވެ. ވަރަށް ގިނަ ބަޔަކު ޖިންސީ ގުޅުން ހިންގާން ތިއްބެވެ. އެމީހުންގެ މޫނުމަތިންވެސް ފެންނަނީ ބިރުގަތުމުގެ ނިޝާންތަކެވެ. އެއްޖިންސުގެ މީހުންވެސް ޖިންސީ ގުޅުން ހިންގާން ތިއްބެވެ. އަދި ވަރަށް ޅަ އަންހެން ކުދިންނާއި ފިރިހެން ކުދީންވެސް ޖިންސީ ގުޅުން ހިންގާން ތިއްބެވެ. ޙާދިޘާ ހިނގިގޮތަށް ބަލާއިރު، ޕޮމްޕެއިގެ އަލިފާން ފަރުބަދަ ގޮވުމުގެ ޙާދިޘާވެސް ހިނގާފައިވަނީ ޢާއްމުގޮތެއްގައި މިފަދަ މުސީބާތްތައް ކުރިމަތިވި ވާހެން ވަރަށް ކުއްލި ގޮތަކަށެވެ. މަޢުލޫމާތު: ހާރޫން ޔަޙްޔާ އަދި އިންޓަރނެޓް