އެންމެހާ ރިވެތި ޙަމްދާއި ޘަނާވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެއިލާހަކީ އެއިލާހުގެ އަޅުތަކުންނަކީ ކާމިޔާބު ލިބިގެންވާ އުފާވެރި ބަޔެއްކަމުގައި ވުމަށް އެއަޅުތަކުންނަށް ޙަލާލާއި ޙަ ރާމް ލެއްވި ﷲ އެވެ. އަދި ޞަލަވާތާއި ސަލާމްވަނީ މީސްތަކުންނަށް އެބައިމީހުންގެ މައްޗަށް މާތް ﷲ ބާވައިލެއްވި އިސްލާމީ ޝަރީޢަތް ފުރިހަމަވެގެންވާ ބަޔާންކޮށް ދެއްވުމަކުން ބަޔާންކޮށްދެއްވި މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށެވެ. މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢުގައި، އަދި ކިއެއްތަ މުޅި އިސްލާމީ މުޖްތަމަޢުގައިވެސް "މިއުޒިކަކީ އިސްލާމްދީނުގައި ހުއްދަ ނުވަތަ ޙަރާމް އެއްޗެއްބާވައެވެ؟" މިސުވާލު މިވަނީ ވަރަށް ޢާއްމު ވެފައެވެ. އަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ތެރޭގައި މިސުވާލު އުފެދި ޢާއްމުވެފައިވީ ނަމަވެސް އިސްލާމީ ދެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާނާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން މިސުވާލުގެ ފުރިހަމަ ޖަވާބުވަނީ ބަޔާންވެ ނިމިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިއުޒިކް ޙަރާމް ކުރައްވާފައެވެ. ކީރިތި ޤުރުއާނާއި އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި އެކަން ބަޔާންކޮށް ދެއްވާފައިވެއެވެ. ނަމަވެސް މާތް ﷲ އާލްޢިމްރާން ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ފަދައިން، އެބަޔެއްގެ ހިތުގައި ޙައްޤުން އެއްކިބާވުންވެ، ހަވާނަފްސަށް ތަބަޢަވުމަށް، ﷲ ބާވައިލެއްވި ފޮތުގައިވާ އާޔަތްތައް އެމީހުން ބޭނުން ގޮތަކަށް މާނަކުރާ ބަޔަކު ފިޔަވައި މާތް ﷲ ޙަރާމްކުރެއްވި މިއުޒިކް ހުއްދަކުރާނޭ ހަމައެކަކުވެސް ނުވާނޭކަން ކަށަވަރެވެ. "هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ وَمَا يَعْلَمُ تَأْوِيلَهُ إِلاَّ اللَّهُ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا" (آل عمران: 7) "އެއިލާހަކީ ކަލޭގެފާނުގެ މައްޗަށް ޤުރުއާން ބާވައިލެއްވި އިލާހެވެ. އެފޮތުގައި ސާފުކޮށް މާނަ ބަޔާންވެގެންވާ އާޔަތްތަކެއްވެއެވެ. އެއާޔަތްތަކަކީ އެފޮތުގެ މައިބައެވެ. އަދި އޭގެއިތުރުން ސާފުކޮށް މާނަ ބަޔާންވެގެންނުވާ އާޔަތްތަކެއްވެސް އެފޮތުގައިވެއެވެ. ފަހެ އެބަޔެއްގެ ހިތްތަކުގައި ޙައްޤުން އެއްކިބާވުން ވާބަޔަކު، އެފޮތުގައިވާ ސާފުކޮށް މާނަ ބަޔާންވެގެންނުވާ އާޔަތްތައް ނަގައި އެއަށް ތަބަޢަވެއެވެ. އެއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައެވެ. އަދި ހަވާނަފްސު އެދޭގޮތަށް އެ އާޔަތްތައް މާނަކުރުމުގެ ބޭނުމުގައެވެ. އެއާޔަތްތަކުގެ ޙަޤީޤީ މާނަ މާތް ﷲ އަށާއި ތަފްސީރު ޢިލްމުގައި އަރައިތިއްބެވި ޢިލްމުވެރިންނަށް މެނުވީ ނޭނގޭނެއެވެ. އެ ޢިލްމުވެރިންނީ ތިމަންމެން ހައްދަވައި ގެންގުޅުއްވާ އިލާހް (ރައްބު) ގެ ޙަޟްރަތުންއައި ހުރިހާ ކަމަކަށްމެ އީމާންވެއްޖައީމޭ ބުނާ ޢިލްމުވެރިންނެވެ." އަޅުގަނޑުމެންގެ އިސްލާމީ މުޖްތަމަޢުތަކުގައިވެސް ހަވާނަފްސަށް ތަބަޢަވާ މިފަދަ "ޢިލްމުވެރިން" މިއުޒިކް ހުއްދަކުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ލޯބިކޮށް އެދީނަށް ޢަމަލުކުރަން ބޭނުންވާ، ދީނުގެ ޙުކުމްތައް ރަނގަޅަށް އޮޅުން ނުފިލާ ޢާއްމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މިފަދަ "ޢިލްމުވެރިން"ނެވެ. އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އުފާކުރާށެވެ! ނިޔަތް ޚާލިޞްކޮށް ﷲ އަށް ބިރުވެތިވާށެވެ! ﷲ ގެ ދީނަކީ އެދީނަށް ތަބަޢަވުމަށް ހެޔޮނިޔަތުގައި އެދޭ މީހަކަށް މާތް ﷲ އެދީން އުނގަންނަވައިދެއްވާނެ ދީނެކެވެ. ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަމުންދިޔަ ކަމުގައިވީނަމަވެސް ޤިޔާމަތާ ހަމައަށް ނިވާނުލެވޭނެ ދީނެކެވެ. މާތް ﷲ އެ އެއިލާހު ބާވައިލެއްވި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. " يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ" (الصف:8) "އެބައިމީހުން الله تعالى ގެ ނޫރު (އެބަހީ: އިސްލާމްދީން)، އެބައިމީހުންގެ އަނގަތަކުން (ފުމެ) ނިއްވާލަން ބޭނުންވެއެވެ. އެހެންނަމަވެސް، ކާފަރުން ކިތަންމެ ނުރުހުންވި ކަމުގައިވިޔަސް الله تعالى ، އެއިލާހުގެ ނޫރުކޮޅު ފުރިހަމަ ކުރައްވަވާ ހުއްޓެވެ." މާތް ﷲ ވަނީ މިއުޒިކް ޙަރާމް ކުރައްވާފައެވެ. އެ އެއިލާހުވަނީ ހުރިހާ އަޅުތަކުންނަށް މިކަން އެނގޭނެހެން އެ އެއިލާހުގެ ބާވައިލެއްވި ކީރިތި ޤުރުއާނުގައި އަދި އެ އެއިލާހުގެ ފޮނުއްވެވި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ބަޔާންކޮށް ދެއްވާފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ ލުޤުމާނު ސޫރަތުގެ 6 ވަނައާޔަތުގައި ވަޙީކުރައްވަނީ: " وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ" (لقمان:6) "އަދި ﷲ ތަޢާލާގެ މަގުން މީސްތަކުން އެއްކިބާ ކުރުވައި މަގު ފުރެއްދުމަށްޓަކައި އެއްވެސް ޢިލްމަކާއި ނުލައި لَهْوَ الْحَدِيْثِ (ބޭކާރު ވާހަކަ – ލަވައާއި މިއުޒިކް) ގަނެވިއްކާ ހަދާ މީހުން، މީސްތަކުންގެ ތެރޭގައި ވެއެވެ. އަދި ޙައްޤު މަގަކީ އެމީހުން ފުރައްސާރަކޮށް ކުޅިމަޖަލެއްގެ ގޮތުގައި ދެކުނު އެއްޗެއް ކަމުގައި ހެދިއެވެ. ފަހެ އެފަދަ މީހުންނަށް ނިކަމެތިވެގެންވާ ޢަޛާބުވެއެވެ." މިއާޔަތުގައިވާ "لَهْوَ الْحَدِيْثِ" މިލަފްޡުގެ މާނާގައި ޢިލްމުވެރިން އިޚްތިލާފްވެވަޑައިގެންފައި ވީނަމަވެސް ތަފްސީރު ޢިލްމުވެރިން ކުރެ ޞަޙާބީންނާއި ތާބިޢީންގެ ތެރެއިން ތަފްސީރު ޢިލްމުގައި އަރައިތިއްބެވި ބޭކަލުން (އިބްން މަސްޢޫދު، އިބްން ޢައްބާސް، މުޖާހިދު، ޢިކްރިމާ، ޙަސަނުލް ބަޞަރީ، ސަޢީދު ބިން ޖުބައިރު،) ވިދާޅުވަނީ "لَهْوَ الْحَدِيْثِ" ގެ މާނައަކީ މިއުޒިކް ކަމަށެވެ. ދީނީ މައްސަލައެއްގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާ ކޮންމެ މައްސަލައަކީ އެމުޖްތަހިދު ޢިލްމުވެރިން ﷲ ގެ ޙަޟްރަތުގައި ޢުޛުރުވެރި ބޭކަލުން ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެން ތަބަޢަވާން ތިބި މީހުންނަށް އެކަމުގައި ޙައްޤުގޮތް އެނގުމަށް ފަހުގައި، އެއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފީ މައްސަލައެކޭ ހަމައެކަނި ބުނުމަށްފަހު އަޅުގަނޑުމެންގެ ހަވާ ނަފްސަށް ތަބަޢަވުމަށް، އެ އިޚްތިލާފް ހެއްކެއްގެ ގޮތުގައި ނެގުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ، "...فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً" (النساء: 59) " ފަހެ ތިޔަބައިމީހުން (ދީނުގެ) ކަމެއްގައި ދެބަސްވެ އިޚްތިލާފް ވެއްޖެނަމަ އެކަމެއް މާތް ﷲ އަށާއި އެކަލާންގެ ރަސޫލާއަށް (ޤުރުއާނާއި ސުންނަތަށް) ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން މާތް ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައިވަނީ ނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި (އެ އިޚްތިލާފްތަކަށް) ނިމުމެއްގެ ގޮތުން އެގޮތް ފުރިހަމަވެގެން ވެއެވެ." ވީމާ، އިސްލާމްދީނުގައި ޢިލްމުވެރިން އިޚްތިލާފްވެވަޑައިގެންފައިވާ ކަންކަމުގައި އަޅުގަނޑުމެންނަށް އޮތީ ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި ހިފުމެވެ. އިބްން މަސްޢޫދު ރަޟިޔަ ﷲ ޢަންހު މާތް ﷲ ގަންދެއްވައި ވިދާޅުވަނީ މިއާޔަތުގައި "لَهْوَ الْحَدِيْثِ" ގެ މާނައަކީ މިއުޒިކް ކަމަށެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް އެކަލޭގެފާނުގެ ޢުމުރުފުޅުގެ ފަހުކޮޅުގައި ރަމަޟާންމަހު ޖިބްރީލްގެފާނު ވަޑައިގެން ޤުރުއާން އުނގަންނަވައި ދެއްވުމުގައި އިބްން މަސްޢޫދު ބައިވެރިވެލެއްވިއެވެ. އިބްން މަސްޢޫދު ވިދާޅުވަނީ ތިމަންކަލޭގެފާނަށް އެއާޔަތެއް ބާވައިލެއްވުނީ ކޮން ސަބަބަކާހުރެ އަދި ކޮންތަނެއްގައިކަން ނޭނގޭ އާޔަތެއް ކީރިތި ޤުރުއާނުގައި ނުވެއެވެ. ވީމާ އަޅުގަނޑުމެން ވިސްނާލަންވީ އަމިއްލަ ނަފްސަށް ތަޒްކިޔާ ދިނުމާއި، މާތް ﷲ ގެ މައްޗަށް ނޭނގޭ ބަހެއް ބުނުން އެކަލާންގެ ޙަރާމް ކުރައްވާފައިވާ އިރު އިބްން މަސްޢޫދުފަދަ، ދިރިހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާ ޞަޙާބީ ބޭކަލަކު، މާތް ﷲ ގެ ކަލާމް ފުޅާމެދު އެކަލާންގެ ގަންދެއްވައި ހުވާކުރައްވައި އެނގިނުލައްވާ ނުވަތަ ޝައްކެއްވެސް ވެލައްވާ ކަމެއްގައި ބަސްފުޅެއް ވިދާޅުވާނެތޯއެވެ. އާދެ! ވިދާޅުނުވާނެ ކަމާމެދު ޝައްކެއްވެސް ނުވެއެވެ. އެފަދަ ޖަލީލު ޤަދަރު ޞަޙާބީ ބޭކަލަކު، ތަފްސީރު ޢިލްމުގައި އަރާހުންނެވި ބޭކަލަކު، މާތް ﷲ ގެ ކަލާމްފުޅާމެދު ހުވާކުރައްވާ ބަސްފުޅެއް ވިދާޅުވެއްޖެނަމަ ސީދާ ޞަރީޙަ، އެހެން ވަރުގަދަ ދަލީލަކުން މެނުވީ އެގޮތް އެހެން ގޮތަކަށް އަނބުރާ ނުލެވޭނެއެވެ. އެހެނީ އަޅުގަނޑުމެންނާއި ހަމައަށް އިސްލާމްދީން އަމާނާތްތެރިކަމާއެކު ގެނެސްދެއްވީ އެބޭކަލުން ކަމުގައިވާތީއެވެ. އެބޭކަލުންގެ ޢަދުލުވެރިކަމާމެދު މުޅި އުންމަތް އިޖްމާޢު ވެފައިވާތީއެވެ. އަދި މީގެ އިތުރުން ކީރިތި ޤުރުއާނުގައި ޖުމްޢަ ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ، "الَهْوُ" މިލަފްޡް ވަޙީކުރައްވާފައިވަނީ ބެރުފަދަ އާލާތެއް އޭގެ އަޑުނެރުމަށް ބޭނުންކުރެވޭ ކުރެވުމަށެވެ. "لَهْوَ الْحَدِيْثِ" ގެ މާނައަކީ މިއުޒިކް ކަމަށް މިއާޔަތުން (ޖުމްޢަ ސޫރަތުގެ 11 ވަނަ އާޔަތުން) ސާފު ޞަރީޙަކޮށް ދަލީލު ލިބެއެވެ. ވީމާ "لَهْوَ الْحَدِيْثِ" އަކީ މިއުޒިކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ މިއާޔަތުގައި، މިއުޒިކް ގަނެ ވިއްކާ (ބޭނުންކޮށް) އުޅޭމީހުންނަށް އިހާނާތްތެރި ވެގެންވާ ޢަޛާބުވާކަމުގެ ޚަބަރު ދެއްވުމުން އެނގެނީ މިއުޒިކަކީ ޙަރާމް އެއްޗެއް ކަމުގައެވެ. އެހެނީ ޙަރާމްކަމަކަށް މެނުވީ މާތް ﷲ ޢަޛާބު ނުދެއްވާނެތީއެވެ. "لَهْوَ الْحَدِيْثِ" މި ލަފްޡުގެ މާނާގައި ތަފްސީރު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާތީ އެ އިޚްތިލާފް ނަގައިގެން މާތް ﷲ ޙަރާމްކުރެއްވި މިއުޒިކް ހުއްދަކުރަން އުޅޭ ފަރާތް ތަކަށް އަޅުގަނޑު ދަންނަވަން އޮތީ ދެވާހަކައެކެވެ. އެފަރާތްތަކުގެ އެ ދަޢުވާއަކީ ދޮގު ދަޢުވާއެއްކަން އެއިން ވަރަށް ރަނގަޅަށް ހާމަވެއެވެ. ފުރަތަމައީ "لَهْوَ الْحَدِيْثِ" މިލަފްޡްގެ މާނައަކީ މިއުޒިކް ނޫންކަމުގައި ވިދާޅުވާ ތަފްސީރު ޢިލްމުވެރިންވެސް މިއުޒިކަކީ ހުއްދަ އެއްޗެއްކަމުގައި ދެކިލައްވާފައި ނުވުމެވެ. ދެވަނައީ އިމާމް ބުޚާރީ ރިވާކުރައްވާފައިވާ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޚަދީޘަކުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ބަޔާންވުމެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ: "لَيَكُوْنَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّوْنَ الْحِرَ وَالْحَرِيْرَ وَالْخَمْرَ وَالْمَعَازِفَ " މާނައީ: "ހަމަކަށަވަރުން ތިމަން ރަސޫލާގެ އުންމަތުގެ ތެރެއިން ފަރުޖާއި (ޒިނޭއާއި)، ފަށުތްވާއި، ބަނގުރަލާއި އަދި މިއުޒިކް ހުއްދަކުރާނޭ ބަޔަކު ވާނޭކަން ކަށަވަރެވެ." މިޙަދީޘްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް "يَسْتَحِلُّوْنَ" "ހުއްދަކުރާނޭ" މިލަފްޡު ޙަދީޘްކުރެއްވުމުން އެނގެނީ މިއުޒިކަކީ ޙަރާމް އެއްޗެއްކަމުގައި މާތް ﷲ ލައްވަވާފައިވުމެވެ. އެހެނީ ހުއްދަ އެއްޗެއް އިތުރަށް ހުއްދައެއް ނުކުރެވޭނެއެވެ. ވީމާ، ތަފްސީރު ޢިލްމުވެރިން، "لَهْوَ الْحَدِيْثِ" ގެ މާނާގައި ވެވަޑައިގެންފައިވާ އިޚްތިލާފް ހުއްޖަތަކަށް ނަގައިގެން މާތް ﷲ ޙަރާމް ކުރައްވާފައިވާ މިއުޒިކް ހުއްދަކުރަން ބައެއް ފަރާތްތަކުން ކުރާ ދަޢުވާއަކީ ބާޠިލު ދޮގު ދަޢުވާއެއްކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. މީގެއިތުރުން އިސްލާމްދީނުގައި، ކުރެވޭ ކައިވެނިތައް އިޢުލާނުކުރުމުގެ ގޮތުން އެކައިވެނި ޙަފްލާއަށް ޚާއްޞަވާ ގޮތުގެ މަތިން މިއުޒިކުގެ ތެރެއިން ވަކި ވައްތަރެއްގެ ބާވަތެއް ހުއްދަ ކުރެވިފައި ވުމުން އެކަން ދަލީލަކަށް ނަގައި ހުރިހާ ވައްތަރެއްގެ މިއުޒިކުވެސް ހުރިހާ ހާލަތެއްގައިވެސް ހުއްދަ ކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ. އެބައިމީހުން މާތް ﷲ ޙަރާމް ކުރެއްވި މިއުޒިކު ހުއްދަކުރުމަށް ކުރާ ބާޠިލު ދަޢުވާއަކީ އިސްލާމްދީނުގައި މިއުޒިކަކީ ޙަރާމް އެއްޗެއް ނަމަ ކައިވެނީގެ ޙަފްލާތަކުގައި ތާރަޖެހުން، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވެފައި ނުވީސް ކަމުގައެވެ. އެމީހުން ބުނާގޮތުގައި އެފަދަ ކަންކަން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވެފައި ވުމުން އެއިން އެނގެނީ މިއުޒިކަކީ އިސްލާމްދީނުގައި ހުއްދަ އެއްޗެއްކަމުގައެވެ. އެފަދަ ފަރާތްތަކާމެދު އަޅުގަނޑު އެންމެ ފުރަތަމަ ދަންނަވަން އޮތް ވާހަކައަކީ މާތް ﷲ ގެ ދީނުގެ ޙުކުމަކާއި ބެހޭގޮތުން ވާހަކަ ދައްކާ ހެދުމަށް އެފަރާތްތައް ތަޞައްރަފް ފުދިގެން ނުވާކަމަށެވެ. އެހެނީ އެބައިމީހުން ޤުރުއާނާއި ސުންނަތުން ދީނުގެ ޙުކުމްތައް ނެރުމަށް އެބޭނުންކުރާ ގޮތްތަކަކީ، މުޅި އިސްލާމީ އުންމަތުގެ ޢިލްމުވެރިން އެ އުޞޫލުތަކަކަށް ތަބަޢަވާ އުޞޫލުތަކާއި ޚިލާފު ގޮތްތަކެކެވެ. ޝަރުޢީ ދަލީލަކުން ޙުކުމެއް ނެރުމުގައި ބަލަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ވެއެވެ. ހަމައެކަނި އެންމެ ދަލީލަކަށް ބަލާފައި ދީނުގެ ޙުކުމެއް ނެރެން ވެއްޖެ ކަމުގައި ވަނީނަމަ ޙަރާމް ކަންކަން ޙަލާލުވެ ޙަލާލު ކަންކަން ޙަރާމްވުމީ ދުރުގައިވާ ކަމެއްނޫނެވެ. މިހާރުވެސް އެފަދަ ކަންކަން މިދަނީ އިސްލާމީ މުޖްތަމަޢުތަކުގަޔާއި އަދި ދިވެހި މި މުޖްތަމަޢުގައިވެސް ފެންނަމުންނެވެ. ޢާއްމު ދަލީލަކުން ދީނުގައި ވަކި ޙުކުމެއް ކަނޑައަޅާފައިވަނިކޮށް އެހެން ޚާއްޞަ ދަލީލަކުން ވަކި ޙާލަތެއްގައި އެ ޙުކުމް އެހެން ގޮތަކަށް އަނބުރައިލުމީ އެކަމުގެ ޢާއްމު ޙުކުމް ބަދަލުވާނޭ ކަމެއް ނޫނެވެ. ޚާއްޞަ ދަލީލަކުން އައިސްފައިވާ ޙުކުމް ބޭނުންކުރެވޭނީ ހަމައެކަނި އެދަލީލުގައި އެވާފަދަ ޙާލަތްތަކުގައި ޚާއްޞަ ޙުކުމެއްގެ ގޮތުގައެވެ. ޢާއްމު ޙުކުމް ވާނީ ހަމަ ޢާއްމު ދަލީލުން ކަނޑައެޅިފައިވާ ގޮތަށެވެ. އޭގެ މިޘާލަކީ ރަމަޟާން މަހުގެ ރޯދައެވެ. ރޯދަ ޥާޖިބުވުމުގެ ޝަރުޠުތައް ފުރިހަމަވާ މީހެއްގެ މައްޗަށް ރޯދަ ހިފުމަކީ ޥާޖިބެކެވެ. އެއީ ޢާއްމު ޙުކުމެކެވެ. އެހެން ނަމެވެސް ކުރިން މިބުނެވުނު ޝަރުޠުތައް ހަމަވެފައިވާ މީހާގެ މައްޗަށް އެހެން ޚާއްޞަ ޙުކުމެއް، ވަކި ޙާލެތެއްގައި ދީނުގައި އެބައާދެއެވެ. އެޙާލަތަކީ އޭނާ ދަތުރުވެރިއަކަށް ވުމެވެ. އެޙާލަތުގައި، ޢާއްމު ޙުކުމް ޥާޖިބުން މުބާޙަށް ބަދަލުވެއެވެ. ނަމަވެސް ޚާއްޞަ ޙުކުމެއްގެ ގޮތުގައި ވަކި ޙާލަތެއްގައިއެވެ. ޚާއްޞަ ޙުކުމުގެ ސަބަބުން ޢާއްމު ޙުކުމްވެސް ބަދަލުވާ ގޮތަކަށް ނޫނެވެ. ރޯދަ ޥާޖިބުވާ ޝަރުޠުތައް ފުރިހަމަވާ ދަތުރުވެރިޔާއަށް ރޯދަ ހިފުން މުބާޙުކަމަކަށް ވީނަމަވެސް އެ ޝަރުޠުތަށް ފުރިހަމަވާ ޤާއިމްވެ ހުރި މީހާގެ މައްޗަށް ރޯދަ ހިފުމަކީ މުބާޙުކަމެއް ނޫނެވެ. ފަރުޟެކެވެ. ހަމަ މިގޮތަށް އިސްލާމް ދީނުގައި، ޢާއްމު ދަލީލަކުން މިއުޒިކް ވަނީ ޙަރާމް ކުރައްވާފައެވެ. އަދި ޚާއްޞަ އެހެން ދަލީލަކުން ވަކި ޚާއްޞަ ޙާލަތެއްގައި ވަކި ޚާއްޞަ ވައްތަރެއްގެ މިއުޒިކް ހުއްދަ ކުރެއެވެ. އެއީ ދެ ޖިންސު މަސްހުނިނުވާ ކައިވެނީގެ ޙަފްލާތަކުގައި ތާރަ މިއުޒިކެވެ. އެހެން ނަމަވެސް ކައިވެނީގެ ޙަފްލާތަކުގައި ތާރަ ހުއްދަވުން، މިއުޒިކް ޙަރާމްވެފައިވާ ޢާއްމު ދަލީލުގެ މައްޗަށް، ޢާއްމުކޮށް މިއުޒިކު ހުއްދަކުރުމަށް ދަލީލަކަށް ނުވާނެއެވެ. ޢާޢްމުކޮށް މިއުޒިކް ޙަރާމްވާނެއެވެ. ހުއްދަވާނީ ކައިވެނީގެ ޙަފްލާތަކުގައި، އެފަދަ ޙާލަތްތަކަށް ޝަރީޢަތް ހުއްދަކުރާ މިއުޒިކް ބޭނުން ކުރުމެވެ. އިތުރު އެއްވެސް ޙާލަތެއްގައި އެއްވެސް މިއުޒިކެއް ހުއްދައެއް ނުވާނެއެވެ. އެއީ ކުރިންވެސް ރޯދައިގެ މީޘާލުގައި ވާގޮތަށް ދީނީ ޢާއްމު ޙުކުމެއް، ވަކި ޚާއްޞަ ޙާލަތަކާ ގުޅިގެން ބަދަލުވާ ބަދަލުވުން ޢާއްމު ޙުކުމް ބަދަލު ނުކުރާނެތީއެވެ. ވީމާ، ކައިވެނީގެ ޙަފްލާތަކުގައި މިއުޒިކުގެ ވަކި ބާވަތެއް އިސްލާމް ދީނުގައި ހުއްދަވެފައިވުމުން އެކަން ދަލީލަކަށް ނަގައި، މާތް ﷲ ޙަރާމް ކުރައްވާފައިވާ މިއުޒިކު ހުއްދަކުރަން އުޅޭ ފަރާތްތަކުން އެކުރަނީ ދޮގު ދަޢުޥާއެކެވެ. މާތް ﷲ މިއުޒިކް ޙަރާމް ކުރައްވައި ލުޤްމާން ސޫރަތުގައި 6 ވަނަ އާޔަތުގައި ޥަޙީކުރައްވާފައިވާ ބަސްފުޅުގައިވަނީ: "...لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً..." (لقمان:6) "ﷲ ތަޢާލާގެ މަގުން މީސްތަކުން އެއްކިބާ ކުރުވައި މަގު ފުރެއްދުމަށްޓަކައި އެއްވެސް ޢިލްމަކާއި ނުލައި لَهْوَ الْحَدِيْثِ (ބޭކާރު ވާހަކަ – ލަވައާއި މިއުޒިކް) ގަނެވިއްކާ ހަދާ މީހުން، މީސްތަކުންގެ ތެރޭގައި ވެއެވެ. އަދި ޙައްޤު މަގަކީ އެމީހުން ފުރައްސާރަކޮށް ކުޅިމަޖަލެއްގެ ގޮތުގައި ދެކުނު އެއްޗެއް ކަމުގައި ހެދިއެވެ. ދީނުގެ ފަރްޟުތަކަށް ހުރަސް ނޭޅޭގޮތަށް، ހިތް ހަމަޖައްސާލައި މުނިފޫހި ފިލުވާލުމަށް މިއުޒިކް އަޑުއެހުން ޙަރާމްކަމަކަށް ނުވާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޝައްކެއް ނެތް ގޮތުގައި މިއީ މާތް ﷲ ޙަރާމް ކުރައްވާފައިވާ މިއުޒިކް ހުއްދަ ކުރުމަށް ކުރާ ދޮގު، ބާޠިލް ދަޢުޥާއެކެވެ. އެހެނީ، މާތް ﷲ އެ އާޔަތުގައި "بِغَيْرِ عِلْمٍ"، "އެއްވެސް ޢިލްމަކާއި ނުލައި" މިބަސްފުޅު ޥަޙީ ކުރެއްވުމުން އެއިން ބަޔާން ވަނީ މިއުޒިކަކީ ތިމާ ކޮންމެ ނިޔަތެއްގައި ބޭނުން ކުރިކަމުގައި ވިޔަސް ތިމާއަށް އެނގުމަކާ ނުލައި ﷲ ގެ މަގުން އެއްކިބާ ކުރުން އޭގެ ޒާތުގައިވާ އެއްޗެއް ކަމުގައެވެ. އަދި މިކަމަކީ އަޅުގަނޑުމެންގެ މުތުޖަމަޢުންވެސް އެނގި ފާޅުވާ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ ނަމާދަށް ދާން ނިޔަތްގަނެ، އެހެން ނަމަވެސް ޓީވީ ހުޅުވާލުމަށްފަހު އޭގެ އަވައިގައި ޖެހި ނަމާދުގެ ޖަމާޢަތް ފާއިތުވެ، އަދި ކީއްތޯ! ނަމާދު ވަގުތުވެސް ފާއިތުވެ ދަނީ! މާތް ﷲ މިއުޒިކް ޙަރާމް ކުރެއްވެވީ، މިއުޒިކުގެ ނުރައްކާތެރިކަމާއި، އޭގެ އަވާގައި އަޅުގަނޑުމެން ޖެހިގެންދާނެކަން އެއިލާހު މޮޅަށް ދެނެވޮޑިގަންނަވާތީއެވެ. އެއްވެސް ފަރާތަކަށް "މިއުޒިކު ޙަރާމްވަނީ ﷲ ގެ މަގުން އެއްކިބާ ކުރުވާނަމައެވެ." މިހެން ބުނެ މިއުޒިކު ހުއްދަކުރުމުގެ އެއްވެސް ޙައްޤެއް ނޯންނާނެއެވެ. މާތް ﷲ ގަންދީ ހުވާކޮށްފައި އަޅުގަނޑު ދަންނަވާނީ މިއުޒިކަކީ ޙަރާމް އެއްޗެއް ކަމުގައެވެ. މިއުޒިކް ހުއްދަކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ ހުރިހާ ދަޢުވާއަކީވެސް ބާޠިލު ދޮގު ދަޢުވާ ތަކެކެވެ. ވީމާ، މާތް ﷲ ކީރިތި ޤުރުއާނުގައި އަދި އެއިލާހު ފޮނުއްވި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި މިއުޒިކަކީ ޙަރާމް އެއްޗެއްކަމުގައި ބަޔާންވެފައިވާކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔައި މިއުޒިކު ހުއްދަކުރަން މަސައްކަތް ކުރިކަމުގައިވީ ނަމަވެސް މެއެވެ. އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަންފަތުގައި ޖައްސާފައި ތިޔަހުރި މައިކަލް ޖެކްސަންގެ ލަވަރޯލް ނުވަތަ ގޭގައި ލަވަޖަހާ ސެޓްގައި އިން ބޮބް މާލީގެ ސީޑީ ނަންގަވާށެވެ. ހަވާ ނަފްސުގެ އެދުންތަކަށް ތަބަޢަވުން ދޫކޮށްލާށެވެ. އަދި މާތް ﷲ އަށް ބިރުވެތިވާށެވެ. ހަމަ ޔަޤީނުންވެސް ދުނިޔޭގައި މިވާ ކުޑަދުވަސްކޮޅުގައި ހަވާ ނަފްސުގެ އެދުންތަކަށް ތަބަޢަވެއްޖެ މީހަކަށް އާޚިރަތުގައިވަނީ ގެއްލުމާއި ހަލާކެވެ. އަދި މާތް ﷲ އަށް ބިރުވެތިވެ ތިމާގެ ނަފްސު ހަވާ ނަފްސުގެ އެދުންތަކުން އެއްކިބާ ކޮށްފިމީހަކަށް ވަނީ އާޚިރަތުގެ އުފަލާއި އަރާމެވެ. މާތް ވަޙީ ކުރައްވާފައިވެއެވެ. "فَأَمَّا مَن طَغَى * وَآثَرَ الْحَيَاةَ الدُّنْيَا * فَإِنَّ الْجَحِيمَ هِيَ الْمَأْوَى * وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى * فَإِنَّ الْجَنَّةَ هِيَ الْمَأْوَى" (النازعات: 37-41) " ފަހެ އެމީހަކު ޙައްދު ފަހަނަ އަޅައިގޮސް ދުނިޔޭގެ އުފަލާއި އަރާމަށް ތަބަޢަވެއްޖެ މީހާ ދަންނާށެވެ! ފަހެ އެމީހެއްގެ ހިޔާވައްސެއްކަމުގައި ވާހުށީ ނަރަކައެވެ. އަދި އެމީހަކު ހައްދަވާ ގެންގުޅުއްވާ ފަރާތަށް ބިރުވެތިވެ އެމީހެއްގެ ނަފްސު ހަވާނަފްސުގެ އެދުންތަކުން އެއްކިބާ ކޮށްފިމީހާ ދަންނާށެވެ. ފަހެ އެމީހެއްގެ ހިޔާވައްސަކީ ސުވަރުގެއެވެ. " އަޅުގަނޑުމެން އެންމެންނަކީވެސް ހަވާ ނަފްސުގެ އެދުންތަކުން ދުރުވެ، މާތް ﷲ އަށް އަބަދުވެސް ޙަޤީޤީ ބިރުވެތި ވުމަކުން ބިރުވެތިވާ ބައެއްކަމުގައި ލައްވާށިއެވެ! އަދި އަޅުގަނޑުމެންނީ ޙައްޤުގޮތް އެނގުމަށްފަހުގައި އެ ޙައްޤުން އެއްކިބާވެ މާތް ﷲ ގެ ކޯފާ ޙައްޤުވާ ބަޔެއްކަމުގައި ނުލައްވާށިއެވެ! آمين! يا رب العالمين! وصلى الله وسلم على نبينا محمد وآله وأصحابه أجمعين. "وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ" (السجدة: 22) "އެމީހާ ހައްދަވާ ގެންގުޅުއްވާ އިލާހު ބާވައިލެއްވި އާޔަތްތައް އެމީހަކަށް ކިޔަވައިދެއްވުމަށް ފަހުގައި އެއާޔަތްތަކަށް އިންކާރުކޮށް ފުރަގަސްދޭ މީހަކަށްވުރެ ބޮޑު އަނިޔާވެރިއަކީ ފަހެ ކާކު ހެއްޔެވެ؟ ހަމަކަށަވަރުން ތިމަން ﷲ އެ އަނިޔާވެރި މުޖްރިމުންގެ ކިބައިން ބަދަލު ހިއްޕަވާ ހުށީމެވެ.








