Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ދީން ދީން އެނބުރި އައުން

އެނބުރި އައުން

ހަސްފަތާލުގެ ލެބޯޓަރީއާއި ދިމާލަށް ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ފަޒުނާ އިނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ މީގެ ތިން ދުވަސްކުރިން އޭނާ ހެދި މެޑިކަލް ޓެސްޓެއްގެ ނަތީޖާ ލިބޭނެ ވަގުތަކަށެވެ. ފަޒުނާއަކީ މާލޭގެ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ޒުވާން އަންހެންކުއްޖެކެވެ. ލައިގެން ހުރީ ހުޅަނގުގެ ފެޝަނަށް ލޯބިކުރާ ޒުވާން އަންހެންކުދިން ޕާޓީތަކަށް ދާން ލާފާޑުގެ ނިވައިކަންކުޑަ ހެދުމެކެވެ. އެހެދުމުގެ އަތެއް ނެތްތާ އެހެދުން އޭނާގެ ކަކުލާ ހަމައަށް ކިރިޔާ ފޯރަނީއެވެ. މީގެ އިތުރުން އެހެދުމުގެ ތުނިމިނާއި ގަޔަށް ހިފާފައި ހުރިވަރު ހެވީ ނުދެއްކިއްޔާއެވެ. އޭނާއަށްވެސް މުސްލިމު އަންހެނާގެ އައުރައަކީ ކޮބައިކަމާއި މުސްލިމު އަންހެނުން ނިވައިވާންޖެހެނީ ކިހާވަރަކަށްކަން ނޭނގެނީއެއްނޫނެވެ. ނަމަވެސް ދުނިޔެއަށް ލޯބި ޖެހިފައިވާލެއް ބޮޑުކަމުން އާޚިރަތުގެ މަތިން ޣާފިލުވެވެނީއެވެ. އޭނާ ކުރަމުން ގެންދިޔަ އިންތިޒާރު ދިގުލައިގެން ހިނގައިދާނެތީ ފަޒުނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެހެނީ ފަޒުނާ ހަސްފަތާލަށް އައީ އޭނާގެ ޢާއިލީ ރަޙުމަތްތެރިއެއްގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ޕާޓީއަކަށް ދިޔުމަށް ތައްޔާރުވުމަށްޓަކައި ޝެރީއަށް ދިޔަ މަގުމަތީގައި ކަމަށްވީތީއެވެ. މެޑިކަލް ޓެސްޓުގެ ނަތީޖާ ނެގުމަކީ އޭނާ މާމުހިއްމުކަމެއް ދޭކަމެއްނޫނެވެ. ނަމަވެސް ގޭމީހުން ކިޔާވަރުން އައީއެވެ. ގައިގާ ދޭތެރެއަކުން ރިއްސާ ރިއްސުން ފިޔަވައި، އޭނާއަކީ ދުވަހަކުވެސް ބޮޑުބައްޔެއްވީ މީހެއްނޫނެވެ. ލެބޯޓަރީގެ ކޮށިގަނޑުގައި އިން އަންހެންކުއްޖާ އޭނާ ގާތު އެތެރެއަށް ވަނުމަށް އެދުނެވެ. އެތަނުގެ އެތެރެއިން އޭނާއާއި ޑޮކްޓަރެއް ބައްދަލުކުރުމުން ކޮންމެވެސް ވަރެއްގެ ޙައިރާންކަމެއް އޭނާއަށް ލިބުނެވެ. އެހެނީ މީގެކުރިން ދުވަހަކުވެސް ހަސްފަތާލެއްގެ ޑޮކްރަކު ލެބޯޓަރީގެ ނަތީޖާ ދޫކުރިކަން އޭނާއަށް އެނގިފައިނުވާތީއެވެ. އަދި މިއަށްވުރެ ބޮޑު ޙައިރާންކަމެއް ލިބުނީ ޑޮކްޓަރުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތާމަވެރިކަމެއް ފާޅުވާން ހުރުމުންނެވެ. "މިއީ ތިބޭފުޅާގެ އެއްޗެއްތޯ؟" "ނޫން! ތިއީ އަޅުގަނޑުގެ ކޮއްކޮގެ އެއްޗެއް!" ފަޒުނާއަކީ ދޮގުހަދާ މީހެއްނޫނެވެ. ނަމަވެސް ލެބޯޓަރީން ދިމާވި ހައިރާންކުރަނިވި ކަންތައްތަކުގެ ސަބަބުން އެއީ އޭނާގެ އެއްޗެކޭ ބުނެފިނަމަ ޑޮކްޓަރު އޭނާއަށް ޙަޤީޤަތް ހާމަނުކޮށްފާނެހެން ހީވެގެން ދޮގު ހަދަން މަޖުބޫރުވީއެވެ. އެވަގުތު ޑޮކްޓަރު އޭނާ ގާތު އިށީނުމަށް އެދުނެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އެކުލެވިގެންވާ ޙާލު އޭނާ އިށީނެވެ. އަދި ކެތްމަދުވެފައިވާ ފަދަ ގޮތަކަށް ޑޮކްޓަރު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އިނެވެ. ޑޮކްޓަރު ބުންޏެވެ. "ނަތީޖާ ނެންގެވުމަށް ފިރިހެން ބޭފުޅަކު ނުފޮނުއްވީ ކީއްވެތޯ؟" "މިވަގުތު ބަލައި އަންނާނެ ފިރިހެނަކު ގޭގައި ނުހުންނާނެ! އެހެންވީމަ އަޅުގަނޑު މިއައީ!" ފަޒުނާ ޖަވާބުގައި ބުންޏެވެ. "ބަލާބެލުމަށް ތިޔައީ ކިޔަވައިގެން ހުންނެވި ވިސްނޭ ބޭފުޅަކު ވައްތަރު ޖަހަނީ! އަދި އިންސާނާ މިދުނިޔެމަތީގައި ދިރިއުޅެމުން މިގެންދާ ދިރިއުޅުމުގެ ޙަޤީޤަތްތައް ވަރަށް ރަނގަޅަށް އެނގޭނެހެން ހީވޭ!" ޑޮކްޓަރު އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ. ޑޮކްޓަރުގެ ވާހަކަ ހުރިގޮތުން ފަޒުނާގެ ހިތުގައި ތަފާތު އެތަކެއް ސުވާލުތަކެއް އުފެދެން ފެށިއެވެ. "ޑޮކްޓަރު ތިވިދާޅުވަނީ ކީކޭތޯ؟" "ޓެސްޓުގެ ނަތީޖާ ދައްކަނީ ތިބޭފުޅާގެ ކޮއްކޮ ފަޒުނާގެ ލޭގައި މައްސަލައެއް އުޅޭކަމަށް!" ޑޮކްޓަރު މިހެން ބުނުމަށްފަހު ނަތީޖާ ސްލިޕަށް ބަލަހައްޓައިގެން ހަނުހިމޭނުން ހުއްޓެވެ. ނަމަވެސް ފަޒުނާ ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ. ލިބޭނެ ޖަވާބަކާމެދު ހިތް ތެޅިތެޅި ހުރިޙާލު ފަޒުނާ ސުވާލު ކުރިއެވެ. "ކޮންކަހަލަ މައްސަލައެއްތޯ؟.... ކެންސަރުތޯ؟" ޑޮކްޓަރު ފަޒުނާގެ މޫނަށް ބަލާލާފައި މޮޅިވެރި ފާޑަކަށް ބޯޖަހާލިއެވެ. އެވަގުތު ފަޒުނާއަށް ހީވީ ޑޮކްޓަރު އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވީހެންނެވެ. "ޑޮކްޓަރު ތިވިދާޅުވަނީ އަޅުގަނޑު މަރުވަނީއޭތޯ؟" ފަޒުނާގެ އަޑު އޭނާގެ އަރުތެރެއިން ނިކުތީ ކެނޑިކެނޑިގެންނެވެ. އެނަތީޖާއަކީ އޭނާގެ ކޮއްކޮގެ އެއްޗެއްކަމަށް ބުނެ ފަޒުނާ ހެދީ ދޮގެއްކަން ޑޮކްޓަރަށް އެނގުނެވެ. "އަޅުގަނޑަށް މާފުކުރައްވާ! ކީއްވެތޯ ކުރިން ތިޔައީ ފަޒުނާކަމަށް ވިދާޅުނުވީ؟ ކޮންމެގޮތެއްވިޔަސް މަރާއި ދިރިހުރުމަކީ ﷲގެ ބާރުގެ ދަށުގައިވާ ކަންކަން! ކިތަންމެ ބަލިމީހަކަސް މަރުނުވެ ގިނަދުވަހު ދުނިޔޭގައި ހުރެދާނެ އަދި ކިތަންމެ ޞިއްޙަތު ރަނގަޅު މީހަކުވެސް އަވަހަށް މަރުވެދާނެ! ހިތްވަރު ދެރަނުކުރައްވާ މާތްﷲއަށް ދުޢާ ކުރައްވާ! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!" ފަޒުނާއަށް ހީވީ އޭނާ ފުން ކަނޑެއްގެ ތެރެއަށް ގެނބެމުން ދިޔަހެންނެވެ. އަދި ބާރުހުރި އަތަކުން އޭނާގެ ހިތް ފިއްތަމުން ދިޔަހެންނެވެ. ވަރަށް މަސަތްކަތްކުރުމަށްފަހު ލިބުނު ކުޑަހިތްވަރާއެކު ފަޒުނާ ބުންޏެވެ. "އަޅުގަނޑަށް ދޮގުހެދުނު ކަމަށްޓަކައި މާފުކުރައްވާ!" ޑޮކްޓަރު ބެލީ ފަޒުނާއަށް ހިތްވަރު ދެވޭތޯއެވެ. "މާޔޫސްވެ ނުލައްވާތި! އަބަދުވެސް ވިސްނަންޖެހޭނީ ޕޮޒިޓިވްކޮށް! ޞިއްޚީ ދާއިރާ ދުވަހަކަށްފަހު ދުވަހެއް އަންނަނީ ކުރިއަރަމުން، މިއަދު ބޭހެއްނެތް ބައްޔަކަށް މާދަމާ ބޭހެއް ފެނިދާނެ! މާތްﷲވަނީ ކޮންމެ ބައްޔަކަށްވެސް ފަރުވާއެއް ލައްވަވާފަ، އެހޯދޭތޯ ސައިންސްވެރިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން! އެހެންކަމުން އަޅުގަނޑު އުއްމީދު ކަނޑައެއްނުލާނަން! ނަތީޖާ ސްލިޕްގެ ފަހަތުގައި އަޅުގަނޑުގެ ނަންބަރު އޮންނާނެ! މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ނުވަތަ ލަފަޔަކަށް ބޭނުންވެއްޖެ ކޮންމެ ހިންދެއްގައި އަޅުގަނޑަށް ގުޅުއްވާލައްވާ! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ!" އެއަށްފަހު ފަޒުނާ ދެވަނަ ފަހަރަށް ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު ލިބުނު ޝޮކާއި އަރުތެރޭގައި ލީ ހިތިރަހައާއެކު މަޑުމަޑުން ނިކުމެގެން ދިޔައެވެ. ގެއަށް ދިޔުމަށްފަހު ގޭގެ އެއްވެސް މީހެއްގާތު ފަޒުނާ އެވާހަކައެއް ނުބުނެއެވެ. އެހެނީ އެވާހަކަ ބުނާނީ ކިހިނެއްކަމެއް އޭނާއަށް ނޭނގުނީއެވެ. އަދި ބުނާނެ ހިތްވަރެއްވެސް އޭނާގެ ގަޔަކު ނެތީއެވެ. "ހޮސްޕިޓަލަށް ދިޔައިންތަ؟ ކީއްވެ ޝެރީއަށް ނުދިޔައީ؟" މިސުވާލުތަކަކީ އޭނާގެ މަންމަ އާދަކާދައިގެ މަތިން ކޮންމެހެން ޖަވާބެއް ލިބުމުގެ ނިޔަތުގައި ކުރި ސުވާލުތަކެއް ނޫންކަން ފަޒުނާއަށް އެނގެއެވެ. އެހެންނަމަވެސް ފަޒުނާ އޭނާގެ މަންމަގެ ސުވާލުތަކަށް ކުރު ޖަވާބެއް ދިނެވެ. "އަހަރެން ޕާޓީއަކަށް ނުދާނަން!" އެއަށްފަހު ފަޒުނާ، އޭނާގެ ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. އަދި އެނދުމަތީގައި އޮށޯވެ އޭނާގެ މުޅިހަށިގަނޑު ދަމާލިއެވެ. ގޭތެރެއިން އޭނާގެ އާޢިލާގެ މީހުންގެ އަޑުތައް އިވެމުން ދިޔައީ ދުރުހިސާބަކުން އަންނަ އަޑުތަކެއް ފަދައިންނެވެ. ހުޅުވާފައިހުރި ކުޑަދޮރުން ޖެހެމުން އައި ވައިރޯޅީގެ ހިތްގައިމު އަޑުތަކުން މިއަދު އިވުނީ ހިތާމައިގެ ރާގުތަކެކެވެ. އޭނާގެ ހުރިހާ ހަނދާނެއް އެތަނެއްގައި އެކުލެވިފައިވާ އޭނާގެ ކޮޓަރި ހީވަނީ ބީރައްޓެހި ތަނެއްހެންނެވެ. "މިހިރަ އެނދު މާދަމާ ވާނީ ގޭގެ ކޮންމެވެސް އެހެންމީހެއްގެ އެނދަކަށް" އޭނާ ނުހަނު ލޯބިވީ އޭނާގެ ގެޔޯ؟ އެގެވެސް އޭނާގެ މަތިން ހަނދާނެއް ނުކުރާނެއެވެ. އޭނާއަކީ މަދު ދުވަސްކޮޅެއްގެ މެހެމާނެކެވެ. ފަޒުނާ ރޮވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެހިތާމައަކީ ކަރުނައަކަށްވެސް ކެތްކުރެވޭވަރުގެ ހިތާމައަކަށް ނުވިއެވެ. ފަޒުނާއަކީ ޒުވާންކަމާއި ރީތިކަމާއެކު ފައިސާގެ ފުރިހަމަ ތަނަވަސްކަން ލިބިފައިވާ ކުއްޖެކެވެ. އާޢިލާގެ ތަނަވަސްކަމާއެކު އަދާކުރާ ވަޒީފާއިން ލިބޭ ތަނަވަސްކަމެވެ. އޭނާވަނީ އޭނާއަށް ލިބިފައިމިވާ މުއްސަނދިކަން ބޭނުންކޮށްގެން، އޭނާ މިހާތަނަށް ހިތްއެދުނު ހުރިހާ ކަމެއް ޙާޞިލްކޮށްފައެވެ. އޭނާގެ ހިތަށް އެރިއެވެ. މިފައިސާއިން އޭނާގެ ފުރާނަވެސް ސަލާމަތް ކުރެވިދާނެހެއްޔެވެ؟ އެހިނދު އޭނާގެ ސިކުނޑިއަށް ވިސްނުމެއް އައެވެ. ފަޒުނާ އަވަސް އަވަހަށް އޭނާގެ މޮބައިލް ފޯނު ނެގުމަށްފަހު ނަތީޖާ ސްލިޕްގައިވާ ޑޮކްޓަރުގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އަދި ވަރަށް ކެތްމަދު ގޮތަކަށް ޑޮކްޓަރު ގާތުން އަހާލިއެވެ. "ރާއްޖެއިން ބޭރަށް ގޮސްގެން އަޅުގަނޑަށް އެއްވެސް ފަރުވާއެއް ލިބިދާނެތޯ؟" ޑޮކްޓަރު ޖަވާބުދިނެވެ. "ލެޔަށް ޖެހުނުކަން އެންމެބޮޑު މައްސަލައަކީ! ބޭރަށް ދިޔަޔަސް ވަކިރަނގަޅު ފަރުވާއެއް ނުކުރެވޭނެ! އަޅުގަނޑު ދަންނަވާނީ އެކަމުން ކުރެވޭނީ ބޭކާރު ޚަރަދުތަކެއްކަމަށް! މާދަމާ ހެނދުނު ހޮސްޕިޓަލަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށްލަންވީނޫންތޯ؟ އޭރުން ތިކަމާގުޅޭގޮތުން އަޅުގަނޑަށް ވެވުނުވަރަކުން މަޢުލޫމާތު އަރުވާނަން!" ފަޒުނާ ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު ފޯނު ބޭއްވިއެވެ. އެއަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. އެވަގުތު ގޭގައި އެކަކުވެސް ނޫޅެއެވެ. އެހެނީ ގޭގެ އެންމެންވީ ޕާޓީގައެވެ. ފަހަރަކު ކޮޓަރިއެއްގެ ދޮރު ހުޅުވާލުމަށްފަހު ލައްޕާލައެވެ. މުޅިގެއަށް އަލްވަދާޢުކިޔަނީ ކަހަލައެވެ. ބޭރަށް ނިކުމެ ގޯތިތެރޭގައި ހައްދާފައިހުރި ބަގީޗާގަސްތަކަށް ބަލާލިއެވެ. އަދި ސިއްރު ސިއްރުން ބުނެލިއެވެ. "މިގަސްތައް އަހަރެންގެ މަތިން ހަނދާންކުރާނެބާ؟ މިފާރުތަކާއި ދޮރުތައް އަހަރެންގެ މަތިން ހަނދާންކުރާނެބާ؟ ކީއްވެ ހަނދާންކުރަންވީ؟ އަހަރެންގެ އާޢިލާވެސް މަދުދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ މަތިން ހަނދާން ނައްތާލާނެ!" އަހަރެންނަކީ ދުނިޔޭގައި މަޑުކޮށްލި ކުޑަހިނދުކޮޅެއްގެ މެހެމާނެއްކަން މީގެކުރިން އަހަރެންނަށް އެނގުނުނަމަ ދުނިޔޭގެ އުފާތަކާއި މަޖާތަކަށް އަހަރެންނަށް ކެއްސެއް ނުދެވުނީހެވެ. އަހަރެންގެ ދިރިއުޅުމަކީ އާދައިގެ ސާދާ ދިރިއުޅުމަކަށް ވިނަމަ މިދުނިޔެ ފަހަނައަޅައި ދިޔުމަކީ މިހާ ބޮޑުކަމަކަށް ނުވީހެވެ. އަހަރެންގެ އާޢިލާގެ މީހުން މިހާރުވާނީ ޕާޓީގައި މިޔުޒިކާއި ނެށުމުގެ ތެރެއިން އުފަލާއި މަޖާކުރުމުގައެވެ. އެއީ މިއޮއްހާދުވަހު އަހަރެން އެންމެ ދާހިތްވީ ތަންތަނެވެ. މިޚިޔާލުތަކާއެކު މަޑުމަޑުން ގޭތެރެއަށް ވަދެ އޭނާގެ ކޮޓަރިއަށް ވަނެވެ. އެވަގުތު ކުއްލިއަކަށް ފަޒުނާގެ ހަނދާނަށް އައީ އެންމެފަހުން އޭނާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޢަލީގެ މަތިންނެވެ. ޢަލީވަނީ މީގެ ތިންމަސްދުވަސް ކުރިން ފަޒުނާއާއި ކުރިން އޮތްގުޅުން ކަނޑާލާފައެވެ. އެހެނީ ޢަލީމެންގެ ބަހުރުވައިން ޢަލީ "ސުންނަތަށް" ބަދަލުވީމައެވެ. ނުވަތަ ފަޒުނާގެ ބަހުރުވައިންނަމަ ޢަލީ "ވައްޙާބީ" އަކަށްވީމައެވެ. މިގުޅުން ކަނޑާލުމުގެ ކުރިން ޢަލީވަނީ ފަޒުނާއަށް ވަރަށް ގިނަގުނަ ނަސޭހަތް ދީފައެވެ. ﷲގެ އެއްކައުވަންތަކަމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިޥަސައްލަމްގެ ސުންނަތާ ބެހޭގޮތުންނެވެ. މުސްލިމް އަންހެނާގެ އައުރައާ ބެހޭގޮތުންނެވެ. އަދި މިނޫންވެސް އެތަކެއް ކަމަކާ ބެހޭގޮތުންނެވެ. މިގޮތުން އޭނާގެ ހަނދާނަށް އައީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ޢަލީ އޭނާއަށް އީމެއިލްކުރި ޕޯސްޓަރެއްގެ މަތިންނެވެ. ފަޒުނާ އަވަސް އަވަހަށް ގޮސް އޭނާގެ ލެޕްޓޮޕް ހުޅުވާލިއެވެ. އެއަށްފަހު އޭނާއަށް ޢަލީ ފޮނުވާފައިވާ ޕޯސްޓަރު ހުޅުވާލިއެވެ. "ތިބާގެ ޢުމުރުން ބާކީއޮތީ އެންމެ ދުވަހެއްކަމަށް ޚިޔާލުކޮށްލައްވާ...! ފަހެ، މިދުވަހު ތިބާކުރާނީ ކޮންކަންތައްތަކެއްހެއްޔެވެ؟؟؟ ތިބާ އަޅާފައިވާ ނަމާދުތަކާއި، ނުހިފިހުރި ރޯދަތަކާއި ނުކުރެވި ހުރި ޞަދަޤާތުގެ މަތިން ހަނދާންކޮށް، އެކަމުގެ މައްޗަށް ހިތާމަކޮށް، ﷲގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ކަރުނައަޅައި އެއިލާހަށް އަސްތަޣްފާރު ނުކުރާނަން ހެއްޔެވެ؟ ނަމާދު ނުކުރާނަން ހެއްޔެވެ؟ ރޯދަ ނުހިފާނަން ހެއްޔެވެ؟ ޒަކާތް ނުދޭނަން ހެއްޔެވެ؟ ޞަދަޤާތް ނުކުރާނަން ހެއްޔެވެ؟ ޤުރުއާން ނުކިޔަވާނަން ހެއްޔެވެ؟ ﷲ ޙަރާމްކުރައްވާފައިވާ މިޔުޒިކާއި ލަވައިން ދުރުހެލި ނުވާނަން ހެއްޔެވެ؟ ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ! ކޮންމެ ތަނެއްގައި ތިޔަބައިމީހުން ތިބިކަމުގައި ވިޔަސް މަރު އައިސް ތިޔަބައިމީހުންނާ ބައްދަލުކުރާނެއެވެ!" ފަޒުނާގެ ހިތަށް އަރަން ފެށިއެވެ. މަރުވުމަށްފަހު އަހަރެންގެ ފުރާނައާއެކު އަހަރެންނަށް ގެންދެވޭނީ ކޮންއެއްޗެއްހެއްޔެވެ؟ ހަމައެކަނި ކޮށްފައިވާ ޢަމަލުތަކެވެ. އަހަރެންނަށް ގެންދެވޭނީ ކޮންކަހަލަ ޢަމަލުތަކެއްބާ؟ ހަމަގައިމުވެސް ރަނގަޅު ޢަމަލަށްވުރެ ކުރެވިފައިވާ ގޯސް ޢަމަލުތައް ގިނަވާނެއެވެ. ލަވައާއި ޑްރާމާ ސިލްސިލާތައް ބެލުމުގައި ވަގުތުތައް ނަގާލުމުގެ ބަދަލުގައި ނަމާދު ކުރެވުނުނަމަ...، ފާޑުފާޑުގެ ލޯބީގެ ވާހަކަތަކާއި ކޮމިކްތައް ކިޔުމުގެ ބަދަލުގައި ޤުރުއާން ކިޔެވުނުނަމަ...، ހަތަރުދަމު ޕާޓީތައް ބާއްވައި މަޖާކުރުމުގެ ބަދަލުގައި ރޯދަ ހިފުނުނަމަ...، ލަވަޔާއި މިޔުޒިކް އަޑުއެހުމުގެ ބަދަލުގައި ދީނީ ދަރުސެއް އަޑުއެހުނުނަމަ... މިއަދު އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހުނީހެވެ. އެވަގުތު ފަޒުނާ އެޕޯސްޓަރުގެ އެންމެ ތިރީގައިވާ ޢިބާރާތްކޮޅު ހިތާހިތުން ކިޔާލިއެވެ. "އެމީހެއްގެ ގާތަށް މަރު ޙާޟިރުވެއްޖެ ހިނދެއްގައި އޭނާ ބުނާނެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއޭ! ތިމަން އަޅާ ދުނިޔޭގެ ޙަޔާތަށް އަލުން އެނބުރި ފޮނުއްވާންދޭވެ! ތިމަން ފަހަތަށް ދޫކުރި ދުނިޔޭގައި، ހެޔޮޢަމަލެއް ކުރުމުގެ އެދުމުގައެވެ. އެހެންނަކުން ނުވާނެއެވެ! އެއީ ހަމަ ދުލުކޮޅުން ބުނެލީ ބަހެކެވެ. އެމީހުން އަލުން ފޮނުއްވޭ ދުވަހާ ޖެހޭންދެން އެބައިމީހުންގެ ކުރިމަތީގައިވަނީ ފަރުދާއެކެވެ!" (ސޫރަތުލް މުއުމިނޫން 99-100) ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަކުރާ ޙާލު ފަޒުނާގެ ހަލާކުވެފައިވާ ހިތަށް އަރަމުން ދިޔައެވެ. މިއޮއްހާދުވަހު ﷲއަށް އުރެދެމުން ފާފަތަކަށް އަރައިގަންނަމުން ދިޔުމުގެ ބަދަލުގައި ﷲއާއި އެކަލާނގެ ރަސޫލާ އެންގެވިގޮތަށް އުޅެވުނުނަމަހީ މިއަދު މިހިތާމަ ކުރާކަށް ނުޖެހޭނެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲގެ ޙަޟްރަތުން ފާފަފުއްސެވުން އެދޭޙާލު މިއަޅާއަށް ކުރެވިފައިވާ ފާފަތަކުގެ ބަދަލުގައި ހެޔޮޢަމަލު ކުރުމަށް މިއަޅާއަށް ފުރުޞަތު ދެއްވައިފާންދޭވެ! "ޔާﷲ! މިއީ މިއަޅާ އިބައިލާހުގެ ޙަޟްރަތުން، މިއަޅާގެ ހިތުގެ އެންމެ އަޑިން އެދޭ އެދުމެއް! މިއަޅާ މިކަމުން ސަލާމަތްކޮށްދެއްވައިފާންދޭވެ!" އެއަށްފަހު ފަޒުނާއަށް އޭނާގެ ލޮލުގައިވާ ކަރުނަތައް މައިތިރިއެއްނުކުރެވުނެވެ. ޢުމުރުގެ މިވީހާތައްދުވަހު ކުރެވުނު ފާފަތަކުން ސަލާމަތްވެވޭތޯ އެދި ރުޔެވެ. އަދި އެވަގުތުން ފެށިގެން ﷲ ރުއްސަވާވޮޑިގެންވާ ކަމެއް ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރުމަށް އޭނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އަދި މުސްލިމު އަންހެނާގެ އައުރައިން ނިވާވެގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ޤަޞްދުކުރިއެވެ. ކުއްލިއަކަށް އޭނާގެ މޮބައިލް ފޯނު ރިންގުވާ އަޑު ފަޒުނާގެ ކަންފަތުގައި ޖެހުނެވެ. މަޑުމޮޅިކަމާއެކު ފޯނު ނެގުމަށްފަހު ޖަވާބުދިނެވެ. "ފަޒުނާއާ ގުޅިދާނެތޯ؟" ކަންފަތުގައި އަޑުޖެހުމާއެކު އެއީ ޑޮކްޓަރުގެ އަޑުކަން ފަޒުނާއަށް އެނގުނެވެ. "އާދެ! ވާހަކަ ދައްކަނީ ފަޒުނާ!" "މާތްﷲއަށް ޙަމްދާއިޝުކުރުކުރައްވާ! ފަޒުނާގެ ލެޔަކު އެއްވެސް މައްސަލައެއް ނެތް!" ޑޮކްޓަރުގެ އަޑުން އުފާވެރިކަމުގެ ޝުޢޫރު ފާޅުވިއެވެ. އެވަގުތު ފަޒުނާއަށް ލިބުނު ކުއްލި ސިހުމަކާއި ހައިރާންކަމަކާއެކު އަނގައިން އެއްޗެކޭ ނުބުނެވި އިރުކޮޅަކު ހުރުމަށްފަހު ބުންޏެވެ. "އަޅުގަނޑުގެ ލޭގައި އެއްވެސް މައްސަލައެއްނެތޭތޯ؟ ކީކޭތޯ ތިވިދާޅުވަނީ؟ ޑޮކްޓަރު އަޅުގަނޑާ ސަމާސާ ކުރައްވަނީތޯ؟" ޑޮކްޓަރު ބުންޏެވެ. "މީހަކަށް ތިހާބޮޑު ހިތާމައެއް ދެވުނީތީ މާތްﷲ އަޅުގަނޑުގެ ފާފަފުއްސަވާށި! އަޅުގަނޑު ސަމާސައެއް ނުކުރަން! ދާދި ދެންމެއަކު އަޅުގަނޑުމެންގެ ލެބޯޓަރީ އެނަލިސްޓު އަޅުގަނޑު ގާތު ވަރަށް ބޮޑަށް މާފަށް އެދުމަށްފަހު ބުނީ ޓެސްޓުގެ ނަތީޖާ ސްލިޕްގައި ނަންޖެހުމުގައި އޭނާއަށް އޮޅުމެއް އެރީކަމަށް! އޭނާގެ ފަރާތުންވެސް އަޅުގަނޑު ވަރަށްބޮޑަށް މާފަށް އެދެން! ފަޒުނާގެ ލޭގައި އެއްވެސް މައްސަލައެއްނޫޅޭ! އަޅުގަނޑުގެ މޭޒު މަތީގައި މިހާރުވެސް ފަޒުނާގެ ނަތީޖާ ސްލިޕް އެބައޮތް! އަޅުގަނޑު ދެންނެވީމެއްނޫންތޯ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް! " الحمد لله ! އަޅުގަނޑު ޑޮކްޓަރާއި އަދި ލެބޯޓަރީގެ އެނަލިސްޓަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން! މިއަދު އަޅުގަނޑަށް ހޮސްޕިޓަލުން ލިބުނު ނަތީޖާ ސްލިޕްގެ ސަބަބުން އަޅުގަނޑަށް ޙަޤީޤަތް ހާމަވެ އަޅުގަނޑުގެ ލޯ ހުޅުވިއްޖެ! މާތްﷲ ތިޔަ ދެބޭފުޅުން ހެޔޮސަޒާ ދެއްވާށި! އާމީން! އަދިވެސް އެއްފަހަރު ޝުކުރިއްޔާ ޑޮކްޓަރު!" ޑޮކްޓަރުވެސް ފަޒުނާގެ ކިބައިން ފަށްފަށުން މާފަށް އެދުމަށްފަހު ފޯނު ބޭއްވިއެވެ. ފަޒުނާއަށް ހީވީ އޭނާ ދެވަނަ ފަހަރަށް ދުނިޔެއަށް އައީހެންނެވެ. އެންމެ ފުރަތަމަ ކަމަކަށް ޥުޟޫކުރުމަށްފަހު ފަރުޟު ޢިޝާ ނަމާދުކުރިއެވެ. ހަމަހޭގައި ހުރެގެން ދުވަހަކުވެސް ނަމާދެއް ނޭޅުމަށް ހިތުން ނިޔަތްގަތެވެ. އަދި ބައްޔެއް ނުޖެހި ހެޔޮޙާލުގައި ހުއްޓަސް ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ޤަބޫލުކޮށްގެން ހުރި ﷲއަށް ބިރުވެތިވާ ޞާލިޙު އަޅަކު ކަމުގައިވިއެވެ.
އެންމެ ފަހުން ބަދަލުކުރީ 18:02 އާދީއްތަ, 27 ސެޕްޓެމްބަރ 2009