އިދިކޮޅު ފަރާތްތަކުން ދޭ ހަމަލާތަކަށް ދެން ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި ފަޔަކަށް ފައެއް ލޮލަކަށް ލޮލެއް ދުއްވާލާނެ ކަމަށް ބުނެ ޑީއާރްޕީން ހަނގުރާމަ އިޢުލާން ކޮށްފިއެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި މިފަދަ ހަނގުރާމައަކަށް އިދިކޮޅު ޑީއާރްޕީން އިޢުލާން ކޮށްފައިވަނީ ރޭ ހެދިގޮނޑު ދޮށުގައި އެޕާޓީން ބޭއްވި އާންމު ޖަލްސާގައެވެ. މިޖަލްސާ ތަޢާރަފު ކުރައްވައި ސަރުކާރަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވަމުން ގެންދެވި ޑީއާރްޕީގެ މެންބަރު މިކަން އިޢުލާން ކުރައްވަމުން ވިދާޅުވީ
އެޕާޓީއަށް ނިސްބަތްވާ މެންބަރުންނާ ދިމާކޮށް ބައެއް މެންބަރުން މީޑިޔާގެ ޕްރޮގްރާމް ތަކަށް އަރާވަޑައިގެން ވާހަކަ ދެއްކެވުމަށްފަހު އެތަނުން ނުކުމެ ވަޑައިގަންނަވާއިރު ދެކޮޅުވެރި ފަރާތްތަކުން އެމީހުންނަށް ހަމަލާދީ ހަދަމުން ގެންދާ ކަމަށާއި ނަމަވެސް ދެން މިފަދަ ކަމެއް ހިންގާއިރު އެޕާޓީންވެސް ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ޑީއާރްޕީގެ ޒަޢީމް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވަނީ ރައީސްކަން ކުރެއްވުމަށް ފަހު ވެރިކަމުން ފައިބާ ވަޑައިގަންނަވާ ބޭފުޅަކު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. މައުމޫން ވިދާޅުވީ ކުރީގެ ރައީސަކު ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އަދި ދިވެހި ރައްޔިތަކަށް ލިބިފައިވާ ކޮންމެ ހައްގެއް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވެސް ގާނޫނީ އިމުގެ ތެރެއިން ލިބެން ޖެހޭނެކަން މައުމޫން ފާހަގަ ކުރެއްވިއެވެ. މިގޮތުން މިފަދަ މިސާލަކަށް ނެންގެވީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނެވެ. ޒައީމް މައުމޫން ވިދާޅުވީ ބިލް ކްލިންޓަންވެސް އޭނާގެ އަނބިކަނބަލުން ރިޔާސީ ރޭހުގައި އުޅުއްވި އިރު އޭނާއަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ޒަޢީމް މިހެން ވިދާޅުވި ބިލް ކްލިންޓަނަކީ އެމެރިކާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ގައުމުތަކަށް އެހީތައް ދިނުމާއި އިޖުތިމާޢީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެ ވަޑައިގަންނަވާ، އަދި ވެރިކަމުން ފައިވާ ވަޑައިގެންނެވުމަށް ފަހު އިދިކޮޅު ފަރާތްތަކަށްވެސް އަދި ވެރިކަން ކުރާ ފަރާތަށްވެސް އެއްވެސް ފާޑެއް ވިދާޅުވެ ސިޔާސީ ގޮތުން ވާހަކަ ދައްކަވާ ހައްދަވާފައިވާ ބޭފުޅެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ ހުރިހާ ހައްގެއް ރައީސްކަން ކުރައްވާފައިވާ ބޭފުކަށްވެސް އޮންނަން ޖެހޭނެ އުމުރުން އަށްޑިހައިން މަތީގެ އަހަރުތައް ގުނަމުންދާ މައުމޫން ވިދާޅުވި ނަމަވެސް ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ޚާއްޞަ އިނާޔަތްތަކާކާއި ސަލާމަތް ކަމަކާއި ރައްކާތެރިކަން ދިނުމާއި ބެހޭ ބިލަށް އެކަނި ބަލައިލި ނަމަވެސް ކުރިން ރައީސްކަން ކޮށްފައިވާ މީހަކާއި އާދައިގެ ދިވެހި ރައްޔިތަކާއި ދެމެދު ބޮޑެތި ފަރަގު ތަކެއް ވާކަން ހާމަވެގެންދެއެވެ.
ވޭތުވެދިޔަ ތިރީސް އަހަރުގެ ދިގު ތާރީޚުގައި ރާއްޖޭގައި ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކުރައްވައިގެން ވެރިކަން ކުރެއްވި ރައީސް މައުމޫން ވެރިކަމުން ވަކިވެވަޑައިގެންނެވުމަށް ފަހުވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާތީ އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއްބޭފުޅަކީ މިހާރުގެ ރައީސް މުހަންމަދު ނަޝީދެވެ. މީގެއިތުރުން ރައީސް މައުމޫންގެ އެންމެ ފަހުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ކުރީގެ ލީގަލް ރީފޯމް މިނިސްޓަރ މުހަންމަދު ނަޝީދަކީވެސް މިމައްސަލައިގާ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑުވިދާޅުވާ ބޭފުޅެކެވެ.











