ގޭންގް ކުށްތައް މަނާ ކުރުމާއި ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ތަސްދީގު ކުރައްވައިފިއެވެ. މިދެބިލް ރައީސް ތަސްދީގު ކުރެއްވީ ވަކިވަކިންނެވެ. މީގެތެރެއިން އެއްބިލަކީ ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ބިލެވެ. ދެން އޮތީ ބިރު ދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން
މަނާކުރުމާއި ބެހޭ ބިލެވެ.
މިދިޔަ އޯގަސްޓް މަހުގެ 19 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް" ގެ މިޤާނޫނަކީ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުން، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މީހެއްގެ ގެދޮރަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ފުރާ ދުއްވާ އުޅަނދަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މަޤުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ޢާންމު ތަނެއްގައި ގެންގުޅުމަކީ އަދި ޢާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަޤްބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީވެސް ކުށެކެވެ. މި ދެންނެވި ދެ ކުށުގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ އެއްޗެއް ގެންގުޅެފައިވަނީ ޢާންމު ތަންތަނުގެ ތެރެއިން ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މިސްކިތްތަކާއި، ދައުލަތުގެ އިމާރާތްތަކާއި، އެކިއެކި ޙަފްލާތަކާއި ތަފާތު މުނާސަބަތުތަކާ ގުޅިގެން މީހުން އެއްވެއުޅޭ ތަންތަނާއި، ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ ތަންތަނުގައާއި، ޢާންމު
ދަތުރުފަތުރުކުރާ ބަސް، ފެރީފަދަ ގިނަމީހުން ދަތުރުކުރާ އުޅަނދުފަހަރުގައި ކަމުގައިވާނަމަ، މި މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގެ ޢުޤޫބާތް އިތުރުކުރެވޭނެއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، ހުޅުވާ ލެއްޕޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ފްލިކް ނައިފްއާއި، ބަޓަފްލައި ނައިފްއާއި މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން ޢާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި ބައިނަލްއަޤްވާމީ ގޮތުން ނުވަތަ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަތިޔާރެއްގެ ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމަކީ ކުށެއް ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ސްކޫލް، ކޮލެޖް އަދި އިންސްޓިޓިއުޝަން ފަދަ ތަންތަނުގައި ތޫނު ހަތިޔާރު ހިފައިގެން އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ، އެތަންތަނުގެ މުވައްޒަފުންނާއި، ފުލުހުންނަށް، ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ ބާރު މި ޤާނޫނުން ލިބިދީފައިވެއެވެ. ހަމައެއާއެކު، 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިފަދަ ތޫނު ހަތިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީވެސް މި ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ. މިޤާނޫނުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ނިންމަންވާނެ ކަމަށާއި މިފަދަ ގަވާއިދަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.
"ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. މިއީ، ދިވެހިރާއްޖޭގައި ގޭންގު އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ޤާނޫނެވެ. މި ޤާނޫނުގައިވާ ގޮތުން، ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށްވުމަކީ ކުށެކެވެ. ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށްވުން ފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ
މުއްދަތަކަށް ޖަލަށްލުމެވެ. އެއްވެސް ގޭންގެއްގެ ލީޑަރުކަން ކުރުމަކީ ނުވަތަ ލީޑަރެއްގެ ދައުރު އަދާކުރުންފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެއްވެސް ގޭންގަކާ ނުވަތަ ގޭންގެއްގެ މެންބަރަކާ ގުޅޭގޮތުން ކޯޓަކަށް ނުވަތަ ޤާނޫނު ތަންފީޛުކުރާ ފަރާތަކަށް މަޢުލޫމާތު ދިނުން ނުވަތަ ހެކި ދިނުން ހުއްޓުވުމަށްޓަކައި އެމީހާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއްދޭނެކަމުގެ ނުވަތަ މެދުވެރިކުރާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ކުށެއްކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. އިންޒާރުދިނުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ނުވަތަ މެދުވެރިކުރުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ނަމެއް ނުވަތަ ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ ކުޅިވަރުކުޅޭ ކްލަބެއް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން، މި ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ޢަމަލެއް ނުވަތަ ޙަރަކާތެއް ހިންގާކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ނަމެއް ނުވަތަ އެ ޖަމާޢަތެއް ނުވަތަ އެ ޖަމްޢިއްޔާއެއް ނުވަތަ ކުޅިވަރުކުޅޭ ކްލަބެއްގެ ރަޖިސްޓަރީ ބާޠިލުކުރުމުގެ ބާރު، ކަމާބެހޭ އިދާރާއަށް މި ޤާނޫނުން ލިބިދީފައިވެއެވެ. ގޭންގުތައް މަނާކުރުމާބެހޭ ޤާނޫނުގައިވާ ގޮތުން، ގޭންގެއްގެ ބޭނުމަށް ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެފަދަ އެއްޗެއް އުފެއްދުމަކީ ނުވަތަ ވިއްކުމަކީ ނުވަތަ ދިނުމަކީ ނުވަތަ ގެންގުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ކުށެއް ކުރުމަށްޓަކައި މީހެއްގެ ބިމަކަށް ނުވަތަ ގެއަކަށް ނުވަތަ އިމާރާތަކަށް ނުވަތަ ފިހާރައަކަށް ނުވަތަ މިނޫންވެސް ތަނަކަށް ވަނުމަކީ އަދި އުޅަނދަކަށް އެރުމަކީ ކުށެކެވެ. މިފަދަކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަށް ރޭވުން؛ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުން؛ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމަކީ ކުށެކެވެ. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަށް ރޭވި މީހެއްގެ
އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ 6 (ހައެއް) އަހަރުދުވަހާއި 12 (ބާރަ) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި ޤާނޫނުގެ ދަށުން ޙުކުމް ތަންފީޛުކުރަމުން ގެންދާ އެއްވެސް މީހަކަށް ޕެރޯލްގެ ދަށުން ނުވަތަ އެހެން ގޮތަކުންވިޔަސް އަދަބު ލުއިކޮށްދެވޭނީ ޙުކުމުގެ ތިންބައިކުޅަދެބައި ތަންފީޛުކުރުމަށް ފަހުގައި ކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވާފަދަ ކުށެއްކުރީ ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވީ ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވިޔަސް އެ ކުއްޖަކަށް 14 އަހަރު ފުރިފައިވާނަމަ ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އާއި ޤާނޫނުލްޢުޤޫބާތުގެ 7 ވަނަ މާއްދާއިން އިސްތިސްނާކޮށް މި ޤާނޫނުގެ ދަށުން ކުށްވެރިވާނޭ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް އިއްވޭ ޙުކުމް ތަންފީޛު ކުރަންޖެހޭނީ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ޚާއްޞަކޮށްފައި ހުންނަ މަރްކަޒެއްގައެވެ. މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަންފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އެގަވާއިދުތައް ހަދައި ނިންމަންވާނެ ކަމަށާއި، އަދި މިފަދަ ގަވާއިދަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.











