ކޮންމެ ދިވެހި ރައްޔިތަކީ މިއަދު ވެރިކަންކުރާ އެމްޑީޕީގެ އަޅަކަށް ވެގެން ނޫނީ ގައުމުގައި ކުރިޔަށް ދެވެވޭނެ ގޮތެއް ނެތް ކަމަށާއި އެމްޑީޕީއަށް ސޮއި ނުކުރާ ކޮންމެ މީހަކަށް ދަތިތަކެއް ކުރިމަތި
ކުރުވަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުިވީ އަމިއްލަ ޖީބަށް
ބަރުވާގޮތަށް ކަންތައް ކުރަމުންދާ މީހުން މިއަދު ފެންނަމުން އެބަދާ ކަމަށެވެ. އަދި ކުރިން ސަރުކާރާއެކު ބިންބިމުގެ ކަންކަމުގައި ހަދާފައިވާ އެގްރީމެންޓަށް މިއަދުގެ ސަރުކާރުން އިޙްތިރާމް ކުރުމެއްނެތި އެފަދަ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ މާލިއްޔަތުގެ ގާނޫނަށް ގެންނަން ނިންމި އިސްލާހަށް އެމްޑީޕީން ދެކޮޅުހަދަނީ އެކަމުގެ ފައިދާ ވަކިފަރާތަކަށް ލިބޭގޮތައް އޮތުމުގެ ބަދަލުގައި މިފައިދާ އެންމެންނަށް ލިބެންޖެހޭ ގޮތައް އޮތުމުން ކަމަށެވެ. އަދި މާލިއްޔަތުގެ ގާނޫނަށް ގެންނަން ނިންމި މިއިސްލާހަކީ ގާނޫނުއަސާސީއަށްވެސް ގެންނަންޖެހޭ އިސްލާހެއްކަމަށް ގާސިމް ވިދާޅުވިއެވެ.
ދާދިފަހުން ސަރުކާރުން ވަނީ ގާސިމް ބަންދުކުރައްވައި ސަރުކާރު ވައްޓާލައްވަން އުޅުއްވިކަމަށް ދައުވާވެސް ކޮށްފައެވެ. ނަމަވެސް އެމައްސަލައިގައި ދައުލަތުގެ އެންމެމަތީ ކޯޓު ކަމުގައިވާ ސުޕްރީމްކޯޓުން އިއްވި ނިޔާއަކީ ގާސިމްގެ މައްޗަށް ސަރުކާރުން ނުވަތަ ޕޮލިހުން އުފުލި ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމަށާއި ބަންދުން ވަގުތުން ގާސިމްދޫކޮށްލެވުމަށެވެ.











