ދިވެހިރާއްޖެ ނާމާން ކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެ ގައުމީ ޕާޓީގެ ރައީސް ޑރ ހަސަން ސައީދު ހުޅުވާލެވިފައިވާ ސިޓީއެއް ފުލުހުންނަށް ފޮނުއްވައިފިއެވެ. ޑރ.ހަސަން ސައީދް ސޮއި ކުރައްވާ ފޮނުވާފައިވާ މިސިޓީގައި ޤާނޫނު އަސާސީންނާއި ފުލުހުންގެ ޤާނޫނާއި ޤާނޫނުއްއުޤޫބާތުން ދިވެހި ފުލުހުން ޢަމަލުކުރަންވީ ގޮތް ބަޔާން
ކޮށްދީފައިވެއެވެ.
މިސިޓީގައި ޑރ.ހަސަން ވިދާޅުވެފައިވަނީ، ރައްޔިތުން މިއަދު ދިރިއުޅެމުން ގެންދަނީ ބިރުވެރިކަމާއި، ހިތްދަތިކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ފަރުދުންގެ މެދުގައި ހިނގާ ޒާތީ މުއާމަލާތްތަކަކީ، ހިމާޔަތްވެގެންވާ އަސާސީ ހައްގެއްގެ ގޮތުގައި އޮތް ނަމަވެސް ފޯނުންކުރާ މުއާމަލާތްތައް ވެސް ކުރަން ނުކެރޭ ވަރަށް ހާލަތު ވަނީ ބަދަލުވެފައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ބޭނުން ސިޔާސީ ފިކުރެއް ހިޔާރުކުރުމާއި އެ ފިކުރަށް މާލީ އަދި މައުނަވީ ގޮތުގައި ތާއީދު ކުރުމުގެ މިނިވަން ކަމަކީ އަސާސީ ހައްގެއް ނަމަވެސް އެ ހައްގުގެ ބޭނުންހިފަން ރައްޔިތުން ޖެހިލުންވާ ކަމަށާއި، މުވައްޒިފެއް ނަމަ ހުންނަންޖެހެނީ ވަޒީފާ ގެއްލިދާނެ ކަމަށް ބިރުން ކަމަށާއި، ވިޔަފާރިއެއް ނަމަ ވިޔަފާރި ބަނގުރޫޓުކޮށްލަފާނެތީ ބޭނުން މީހަކާއި، ބޭނުން ތަނަކުން ބައްދަލުކުރަން ޖެހިލުންވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން ޝަރުއީ އަމުރެއްގެ ދަށުން ނޫނީ ހިފާ ހައްޔަރުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީން ލާޒިމުކުރި ނަމަވެސް "އުފުރާލާނީ" ކޮންއިރަކު، ކާކުކަމެއް ހަމަ އެކަކަށް ވެސް ނޭނގޭ ކަމަށާއި، ކޯޓުގެ ހުއްދައެއް ނެތި ގެންގޮސް ބަހައްޓާނީ ކޮންތާކު ކިތައް ދުވަހު ކަމެއް ހިތަށް ގެންނަން ނޭނގޭ ކަމަށް ވެސް ހަސަން ވިދާޅުވެފައިވެ އެވެ. އަދި ބަންދުން ދޫކުރަން ކޯޓުން އަމުރުކުރި ނަމަވެސް ދޫކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި، އިންސާފު ހޯދަން ދާން ހުރި ފަނޑިޔާރުގޭގައި ތަޅުއަޅުވާނީ ކޮންއިރަކު ކަމެއް، ފަނޑިޔާރުން ސަލާމަތީ ބާރުތަކުގެ ކުރިމައްޗަށް ހާޒިރުކުރާނީ ކޮން ވަގުތަކުކަން ނޭނގޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މިހާރު ފެންނަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން، ސިޔާސީ ފަރާތްތަކަށް އިންޒާރު ދިނުމާ އެކީ، ފުލުހުން އެފަދަ ފަރާތްތައް ހައްޔަރުކުރުމުގައި އަވަސްވެގަންނަ މަންޒަރު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަންގަވާއިރަށް ކޯޓުތަކާއި މިނިވަން މުއައްސަސާތައް ބަންދުކުރާ މަންޒަރު ކަމަށް ވެސް ޑރ.ހަސަން ވިދާޅުވެފައިވެ އެވެ. އަދި ސަރުކާރުގެ އިސް ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ނުގެނެވުމާއި، ކޯޓުތަކުގެ އަމުރުތަކަށް ފުރަގަސްދޭ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އެ ސިޓީގައި ޑރ. ހަސަން ސައީދު ވިދާޅުވެފައިވެ އެވެ. ސަރުކާރުގެ އިސްވެރިން ސިޔާސަތު ކަނޑައަޅުއްވާ އެ ސިޔާސަތު ތަންފީޒު ކުރަން އެންގެވުމުގެ އިތުރުން އޮފަރޭޝަންތައް ހިންގަންވާ ގޮތުގެ ތަފްސީލާއި، ހައްޔަރުކުރަންވާ މީހުންނާއި، ހައްޔަރުކުރަންވާ ގޮތްވެސް ބުނެދޭ މަންޒަރު ފެންނަމުންދާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.











