ވެރިކަން ކުރަމުންދާ ދިވެހިރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީ (އެމްޑީޕީ) ބަދުނާމްވާގޮތަށް ތަކުރާރުކޮށް ޙަޤީޤަތާ ޚިލާފް ޚަބަރުތައް ފަތުރަމުން ގެންދާކަމަށް ތުހުމަތުކުރައްވައި ވީޓީވީއާއި މެދު ފިޔަވަޅުއަޅަން ޖެހިދާނޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ
ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އިންޒާރު ދެއްވާފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައިވަނީ ރީކޯ މޫސަގެ މިއަމަލަކީ މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅުމުގެ މަޤުސަދުގައި، ނޫސްވެރިންނަށާއި ނޫސްވެރިކަން ކުރާ މުއައްސަސާތަކަށް ބިރުދެއްކެވުމުގެ ގޮތުން ކުރެއްވި އަމަލެކެވެ. އަދި މިނިވަން ނޫސްވެރިކަމަކަށް ވަކާލާތުކުރާ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅަކު މިފަދަ އަމަލުތައް ތަކުރާރު ކުރައްވާތީ އެޖަމިއްޔާއިންވަނީ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް މައުލޫމާތު ދެއްވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ 17 އޯގަސްޓްގައި ވީޓީވީގެ 8 ގެ ޚަބަރުގައި އެމްޑީޕީ ބަދުނާމު ވާފަދަ ގޮތަކަށް ދޮގު ޚަބަރެއް ފަތުރާފައިވާ ކަމަށެވެ. އަދި
މިގޮތަށް ޚަބަރު ފެތުރުން ތަކުރާރުކުރާނަމަ އެމްޑީޕީން ފިޔަވަޅު އަޅާނެކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެފައިވެއެވެ.
އެމްޖޭއޭއިން ބުނީ، އެޖަމްއިއްޔާއިން ޤަބޫލުކުރާގޮތުގައި ރާއްޖޭގައި މީޑިޔާ ރެގިއުލޭޓް ކުރުމަށް މިނިވަން މުސްތައްގިއްލު މުއައްސަސާއެއްކަމުގައިވާ މީޑިޔާ ކައުންސިލް އުފެދިފައިވުމުން، އެމްޑީޕީއަށް އަދި ސަރުކާރަށް މީޑިޔާތަކަށް ފިޔަވަޅު އެޅުމުގެ ބާރެއް ނެތްކަމަށެވެ. އަދި ޢަމަލުކުރަން ކަނޑައެޅިފައިވާ އުޞޫލުތަކަށް އިޚްތިރާމްކުރެއްވުމަށް މޫސައަށް އެމްޖޭއޭއިންވަނީ ގޮވާލާފައެވެ.
މިހާދިސާގެ އިތުރުންވެސް، އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ވީޓީވީގެ ވީޑިޔޯ ޖާނަލިސްޓް ޒީނާ ޒާހިރު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ ރޫމް 2 ސަރަހައްދުގައި އިންޓަވިއުއެއް ނަގަމުން ދަނިކޮށްވެސް ރީކޯ މުސަ ވަނީ އެކަމަށް ހުރަސް އަޅުއްވާފައެވެ. އަދި އެމްޑީޕީގެ ތަފާތު ޖަލްސާތަކުގައި ބައެއް ނޫސްވެރިންނަށާއި ނޫސްވެރިކަން ކުރާ މުއައްސަސާތަކަށް ރީކޯ މޫސާ މަނިކު އަންނަނީ އިންޒާރުދެއްވައި ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ފަދަ ގޮތްގޮތަށް ބަސް ވިދާޅުވަމުންނެވެ. މިކަމުގެ ސަބަބުން ނޫސްވެރިންނާއި ދެކޮޅު ހަރަކާތްތައް ހިންގުމަށް ބައެއް ފަރާތްތަކަށް ހިތްވެރު ލިބިގެންދެއެވެ. މިހެންވެ، މިފަދަ އަމަލުތައް ތަކުރާރު ނުކުރެއްވުމަށް ރީކޯ މޫސައަށް އެމްޖޭއޭއިންވަނީ ނަސޭހަތްތެރިވެފައެވެ











