އަދާލަތު ޕާޓީ އާއި ޑީއާރުޕީގެ އިސްވެރިންގެ ބައްދަލުވުމެއް މިމަހުގެ 12 ވަނަ ދުވަހު ބާއްވައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިކަން އަދާލަތު ޕާޓީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އަދާލަތުން ބުނި ގޮތުގައި ދެޕާޓީގެ ވެރިންގެ މެދުގައި ދެކެވުނު މައިގަނޑު ވާހަކައަކީ ހުރިހާ ޕާޓީއަކުންވެސް ސިޔާސީ ކަންކަމުގައި އެކުވެރިކަމާއެކު ކަންކަން ކުރުމުގެ މައްޗަށެވެ. އަދި ޑީއާރުޕީއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް ވެފައި މަޖިލީހުގައިވެސް
މެޖޯރިޓީ އޮތީ ޑީއާރުޕީ ކޮޅަށް ކަމަށްވާތީ އެފަދަ ކަންކަމުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ކުރުމުގެ މައްޗަށް ވާހަކަ ދެކެވުނު ކަމަށް ބުނެފައިވެއެވެ.
ގަޑިއެއްހާއިރަށް ކުރިޔަށްދިޔަ މިވާހަކަ ތަކުގައި އަދާލަތުން ބައިވެރިވީ އެޕާޓީގެ ރައީސް ޙުސައިން ރަޝީދު އަޙްމަދާއި އިލްމްވެރިންގެ މަޖިލީހުގެ ރައީސް އަދި މިހާރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ އިތުރުން ޚާރިޖީ ސެކްރެޓަރީ އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު އަލީ ޒާހިރެވެ.
ޑީއާރުޕީން މިބައްދަލުވުމުގައި ބައިވެރިވީ އެޕާޓީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ އާއި ނައިބް ލީޑަރުން ކަމުގައިވާ އަލީ ވަޙީދު އަދި އިލްހާމް އަޙްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެމެމްބަރުންނެވެ. ނަމަވެސް އެއީ ކޮންދެމެމްބަރެއް ކަމަށް ބުނެފައެއް ނުވެއެވެ.











