ސުޕްރީމް ކޯޓުގެ ތަޅުދަނޑި ރައީސް ނަޝީދުގެ އަމުރުފުޅަށް ދިވެހި ސިފައިން ހިފެއްޓި ހިފެއްޓުމަކީ ރައީސް ނަޝީދު ކުރެއްވި ޣައިރުގާނޫނީ އަމަލެއް ކަމަށް ގައުމީ ޕާޓީން ބުނެފިއެވެ. އެޕާޓީން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހި ދައުލަތުގެ ބާރުތައް ބެހިފައިވާގޮތް ބަޔާންކުރެވިފައިވާހިދު، ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ ބާރު
ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށާއި، ޤާނޫނު އަސާސީގައި ބަޔާންވެގެންވާގޮތުގެ މަތިން ވެރިކަން ކުރުމުގެ ބާރުލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަމަށާއި، ޢަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށްކަމަށް ސާފު ސަރީޙަ ޢިބާރާތުން ބުނެފައިއޮތްއިރު، ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެހެންބާރެއްގެ މައްޗަށް އަމުރު ހިންގާ، ވެރިވެ، ގަދަބާރުން އެމަގާމުތަކަށް އަންނަން މަސައްކަތްކުރުމަކީ ޣައިރުޤާނޫނީ ޢަމަލެއްކަމަށް އެޕާޓީން ދެކޭ ކަމަށެވެ.
"މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ސުޕްރީމްކޯޓުގެތެރެއަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ބޭފުޅުން ވަދެ އެތާގެ ކަރާމަތަށް އަރައިގަނެ ސްޕްރީމްކޯޓު ހިންގުމާއި ޙަވާލުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްނޫނެވެ. މިކަމަކީ ސުޕްރީމްކޯޓާއި ޢަދުލު އިންސާފުގެ ދާއިރާއަށް ނަޝީދުގެ ސަރުކާރުން މެދުކެނޑުމެއްނެތި ދެމުންގެންދިޔަ ޙަމަލާތައް ކާމިޔާބު ނުވުމުން އެންމެފަހުން ބާރުގެ ބޭނުން ކޮށްގެން “ގޮޑިކޮއްކޮ ސުޕްރީމްކޯޓެއް” އުފެއްދުމަށްޓަކައި ކުރެއްވި ޣައިރުޤާނޫނީ ޢަމަލެއްކަމަށް މިޕާޓީން ޤަބޫލުކުރަމެވެ." ގައުމީ ޕާޓީން ބުނެފައިވެއެވެ.
ގައުމީ ޕާޓީން ގާނޫން ތަންފީޒު ކުރާ ފަރާތް ތަކަށް ގޮވާލާފައި ވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ޢަދުލު އިންސާފުގާއިމްކުރާ ފަނޑިޔާރުން މަގާމުން ދުރުކުރުމާއި، ފަނޑިޔާރުން މަގާމަށް އައްޔަންކުރުމުގެ ބާރެއް އަދި އިޚްތިޔާރެއް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައެއް ނުވެއެވެ. އަދި މީގެ އިތުރުން ފަނޑިޔާރުގެތައް ހިންގުމާއި ނުވަތަ ފަނޑިޔާރުގެތަކަށް ވަދެ ފަނޑިޔާރުންގެ މަގާމު އަދާކުރުމުގެ އެއްވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ދީފައި ނުވާއިރު ރައީސުލްޖުމްހޫރިއްޔާގެ މިފަދަ ޢަމަލްތަކަށް ތަބަޢަނުވުމަށެވެ.
"މިއަދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު ނަޝީދު ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުގެ ހުރަމަތަށާއި ކަރާމާތައް އަރައިގަނެ، ސުޕްރީމްކޯޓްގެ ތެރެއަށް އެމަނިކުފާނުގެ ސިޔާސީ މުޝީރުން ވައްދާ، ސުޕްރީމްކޯޓުގައި ހިނގަމުންދާ ނުވަތަ ބަލަމުންދާ ރައްޔިތުންގެ މައްސަލަތަކާއި، އެމައްސަލަތަކާއިގުޅުން ހުރި ލިއެކިއުންތަކަށް ވާސިލްވުމީ ދިވެހި އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމާއި، ޙައްޤުތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ސިޔާސީބޭފުޅުންގެ އަތްމައްޗަށް ދިއުންކަމާއި މިއީ ޤައުމެއްގެ ހައިސިއްޔަތުން ދިމާވާނެ އެންމެ ހިތާމަވެރިދުވަސްކަން ފާހަނގަކޮށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދުގެ ޣައިރުޤާނޫނީ މިޢަމަލުތަކަށް ތަބަޢަނުވުމަށް ރައްޔިތުންނަށާއި ސަލާމަތީބާރުތަކަށް މިޕާޓީންގޮވާލަމެވެ." ގައުމީ ޕާޓީން ބުނެފައިވެއެވެ.











