ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ރައްދު ކުރުމުގެ ސިލްސިލާއެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ފައްޓަވާފައިވާ ކަމަށް ދިވެހި ގައުމީ ޕާޓީން ބުނެފިއެވެ. އެގޮތުން ރަސޫލާއަށް ފުރައްސާރަ ކުރެއްވި ކަމަށްބުނެ ދެކަމެއް ގައުމީ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.
ގައުމީ ޕާޓީން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ރަސޫލާގެ އީދުމީލާދު ދުވަސް ކަމުގައި މުސްލިމުން ފާހަގަ ކުރަމުން އަންނަ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހާ ބެހޭގޮތުން ރައީސްގެ ރޭޑިޔޯ ޚިތާބުގައި ދެއްކެވި ވާހަކަފުޅެވެ. އެގޮތުން އެދުވަހަކީ ރަސޫލާ ދުނިޔެއަށް އުފަންވެވަޑައިގަތުމުން މުސްލިމުން އެކަމުގެ އުފާ ފާޅުކުރާ ދުވަހެއް ކަމުގައި ބަލަމުން އަންނަނިކޮށް އެދުވަހަކީ ރަސޫލާ އަވަހާރަވި ދުވަސް ކަމުގައި ރައީސް ނަޝީދު ވިދާޅުވީ އެދުވަހަކީ މުސްލިމުންނަށް ހިތާމައިގެ ދުވަހެއް ކަމުގައި ސިފަ ކުރުމަށް ކަމުގައި ގައުމީ ޕާޓީން ވަނީ ބުނެފައެވެ.
"ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަސް މުސްލިމުން އަދި ޚާއްޞަކޮށް ދިވެހިން ފާހަގަ ކުރަމުން އަންނަނީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންދުވަހުގެ ގޮތުގައެވެ. ނަމަވެސް ނަޝީދުގެ ރޭޑިޔޯ ޚިތާބުގައި އެދުވަސް އޭނާ ފާހަގަ ކުރެއްވީ ކީރިތި ރަސޫލާ އަވަހާރަވި ދުވަހުގެ ގޮތުގައެވެ. މިއީ އޮޅިގެން ނުވަތަ ތަފާތު ވިސްނުމެއްގައި ކުރެއްވި ކަމަކަށްވުރެ ބޮޑަށް ސިފަ ކުރެވެނީ މުސްލިމުންނަށާ ރަސޫލާއަށް ކުރެއްވި ފުރައްސާރައެއްގެ ގޮތުގައެވެ. އެހެނީ ރަބީޢުލް އައްވަލުމަހުގެ 12 ވަނަ ދުވަހަކީ މުސްލިމުންނަށް އުފާވެރި ދުވަހެކެވެ. މުސްލިމުންނަށް ރަސޫލާ އަވަހާރައެއް ނުވެއެވެ. އެކަލޭގެފާނަކީ މުސްލިމުންގެ ހިތްތަކާއި ސިކުނޑި ތަކުގައި ތާއަބަދައްމެ ދިރިހުންނެވި ކައު ސާހިބާއެވެ. ނަމަވެސް އެފަދަ ދުވަހެއްގައި ކީރިތި ރަސޫލާ އަވަހާރަވެއްޖެކަމަށް މުސްލިމުންނަށް އަންގައިދޭން އުޅުމުން ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. އެއީ މިދުވަހަކީ އެމާތްސާހިބާ ރައްކައުވުމުގެ އުފާލިބިގަނެ އެކަމަށް މުސްލިމުން ޝުކުރުކުރަމުން ދާހިނދު ޣައިރު މުސްލިމުންނަން އައިސްފައިވާ ހިތާމައިގެ ދުވަހެއް ކަމުގައިވާތީ އެހިތާމަ ހަދާންކޮށްދީ އެ ހިތާމައިގާ ބައިވެރި ކުރަން އުޅުމެވެ." ގައުމީ ޕާޓީން ނެރެފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.
ރައީސް ނަޝީދު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެއްވުމުގެ ގޮތުން ދެން ކުރައްވާފައިވާ ކަމެއް ކަމުގައި ގައުމީ ޕާޓީން ބުނެފައި ވަނީ ނިމިގެންދިޔަ ޔޫތް ޗެލެންޖްގައި ދިވެހި ޒުވާނުންނާ މުޚާތަބް ކުރައްވައި ދެއްކެވި ވާހަކަފުޅެވެ.
އެދުވަހު ޤައުމުގެ ހުރިހާ ޒުވާނުންނާ މުޚާޠަބްކުރައްވާ ނަޝީދު ވިދާޅުވެފައިވަނީ ކީރިތި ރަސޫލާއަކީ ބަދުރު ވަންހައިގެ ބޭފުޅެއްކަމުގައެވެ. ކީރިތި ރަސޫލާ އަކީ ކޮން ވަންހައެއްގެ ބޭފުޅެއްކަން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 2 ގައިވެސް ކިޔަވައިދެއެވެ. މިފަދަ ވާހަކައެއް ނަޝީދު ވިދާޅުވެފައިއެވަނީ އެއްގޮތަކަށްވެސް އޮޅިވަޑައިގެން ނުވަތަ އެނގިވަޑައިނުގެން ހުންނަވައެއް ނޫނެވެ. ކީރިތި ރަސޫލާ އަކީ ބަދުރު ވަންހައިގެ ބޭފުޅެއްކަމުގައި ބައެއް މުސްތަޝްރިޤުން ސިފަކޮށްފައިވެއެވެ. އެހެން އެބުނާ ބަހުގެ މުރާދަކީ ކީރިތި ރަސޫލާ އަކީ ހަނގުރާމަވެރިއެކެވެ. އަދި އެއީ އިސްލާމް ދީން ފެތުރިފައިވަނީ ކަނޑީގެ ބާރުންނޭ ނުސީދާކޮށް ބުނުމަށް ޣައިރު މުސްލިމުން ބުނެއުޅޭ ވާހަކައެކެވެ. މިގޮތުން މުސްތަޝްރިޤުންގެ ބަހުރުވައިން އަލްފާޟިލް މުޙައްމަދު ނަޝީދު ވާހަކަފުޅުދެއްކެވުމަކީ އެމަނިކުފާނުގެ އެހެނިހެން ޢަމަލުފުޅުތައް ހުންނަ ގޮތަށްބަލާއިރު ދިވެހި މުސްލިމުން ކަންބޮޑުވާކަމެކެވެ." ގައުމީ ޕާޓީގެ ލިޔުމުގައި ބުނެފައިވެއެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










