އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރުކަމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ނުކުންނަވަނީ މިސަރުކާރުން ކޮށްފާނެ ގޯނާއަކަށް ކުޑަވެސް ޖެހިލުމެއްނެތި، ކަމަށް ޑީއާރްޕީގެ ލީޑަރުކަަމާއި ހަވާލުވެ ވަޑައިގެންނެވި އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ސިޔާސީ ޒަޢާމަތު ބަދަލްވުމުގެ ރަސްމިއްޔާތުގައި ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަމުން ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބް ޒައީމެއްގެ ގޮތުގައި ހުންނެވި އަދި މިދިޔަ ރިޔާސީ އިންތިހާބުގައި މައުމޫނުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި އަހުމަދު ތަސްމީނު އަލީ ވިދާޅުވީ
މައުމޫނަކީ ގައުމަށް އެންމެ ބޮޑަށް ޚިދުމަތް ކޮށްދެއްވި އެންމެ ވަރުގަދަ ސިޔާސީ ބަތޮލު ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ރައީސް މައުމޫނަކީ ޑިމޮކްރަސީގެ ނަމޫނާ ލީޑަރެއްކަމަށް ތަސްމީން ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޑީއާރްޕީގެ ޕާލެމެންޓްރީ ގުރޫޕުގެވެސް ރައީސްކަން ކުރައްވަމުންގެންދަވާ ތަސްމީނު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނާމެދު ކަންތައްތައް ކުރަމުން ގެންދާ އުސޫލު ރަނގަޅު ކުރުމަށް ޑީއާރްޕީން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެކަމަށެވެ.
މިހާރު އެންމެ މެންބަރުން ގިނަ ޕާޓީގެ ލީޑަރުކަމާ އަލަން ހަވާލުވެޑައިގެންފައިވާ ތަސްމީނު އިތުރަށް ވިދާޅުވީ މިދިޔަ ފެބްރުއަރީމަހު ޑީއާރްޕިން ބޭއްވި ގައުމީ ޖަލްސާއަށްފަހު އެޕާޓީ ރޫޅިގެންދާނެކަމަށް އިދިކޮޅު ސިޔާސި ފަރާތްތަކުން ބުނަމުން ދިޔައީ އެޕާޓީގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސިގޮތުން ތަސައްރަފް ފުދިފައިވާ ބޭފުޅުންކަން އެގިވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ކޮންގްރެސްއަށްފަހު ޕާޓީގެ ކަންތައްތައް އިތުރަށް ވަރުގަދަކޮށް މަސައްކަތްކުރުމުގެ އަޒުމުގައި ޕާޓީގެ މެންބަރުން ތިއްބެވިކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
ސިޔާސީ ޒަޢާމަތު ބަދަލްވުމުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމްކަމުގެ ލަގަބު ތާއަބަދަށް ދެމިގެންވާ ގޮތަށް ދެއްވާފައިވާ މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވީ ޑީއާރްޕީގެ ސިޔާސީ ޒައާމަތާއި ދުރައްޖެހިވަޑައިގެން ނަމަވެސް އަބަދުވެސް ހުންނަވާނީ ޕާޓީގެ މެންބަރެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ޕާޓީން އެމަނިކްފާނާއި ހަވާލުކޮށްފައިވާ މަގާމުގެ ޝަރަފް ދެމެހެއްޓެވުމުގެ ގޮތުން ޑީއާރްޕީގެ ކުރިއެރުމާއި ތަރައްގީއަށް ކުރެއްވެން ހުރި ހުރިހާމަސައްކަތެއް ކޮށްދެއްވާނޭކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ މިވޭތުވެދިޔަ މުއްދަތުގައި ޑީއާރްޕީއަށް ތަހަމަލްކުރަން ޖެހުނު ހަމައެކަނި ނާކާމިޔާބީއަކީ މިދިޔަ ރިޔާސީ އިންތިހާބް ދިވެހި ރައްޔިތުންގެ ޕާޓީއަށް ކާމިޔާބު ނުކުރެވުންކަމަށާއި މިކަން މިހެން ދިމާވެފައިވަނީ ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވެގެންކަމަށެވެ.
ޑީއާރްޕީގެ ސިޔާސީ ޒައާމަތު ބަދަލުވި މިޖަލްސާގައި އެޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޑީއާރްޕީގެ ޒައީމް ކަމުގެ ލަގަބު ރައީސް އަލްއުސްތާޒު މައުނަށް ވަނީ ރަސްމީކޮށް އަރުވާފައެވެ.











