ކޫއްޑޫގައި މިހާރު ހިންގަމުންދާ ހަޅުތާލުގައި އެކަން ކުރަމުންދާ މުވައްޒަފުން ބޭނުންވަނީ މިފްކޯގެ މެނޭޖިންޑިރެކްޓަރ ޢަލީފާއިޒާއި، ޑެޕިޔުޓީ މެނޭޖިންޑިރެކްޓަރ ޢަލީ ރިޒާ އިސްތިއުފާ ދިނުމަށެވެ. އެމީހުން މިގޮތަށް ބޭނުންވީ ރަށްރަށުގައި ތިބޭ ލީސިންއޮފިސަރުން ވަކިކުރުމަށެވެ. އެމީހުން އެގޮތަށް ބޭނުންވީ ބައިމުސާރަ ދީފައި ހަފްތާއިން ހަފްތާއަށް ޑިޔުޓީ ބަދަލުވާ ގޮތަށް ރަށަށް ފޮނުވާލަން އުޅުމުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިމައްސަލައިގައި މިހާރުވެސް ކޫއްޑުގެ މުވައްޒަފުން ގެންެދަނީ ހަޅުތާލު ކުރަމުންނެވެ. އެކަން ހުއްޓާނީ އެމްޑީ އިސްތިއުފާ ދެއްވުމުން ކަމަށްވެސް އެމީހުން ބުނެއެވެ. އެމީހުން މިހާރުވަނީ އެތައް ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނެއްވެސް ހުށަހަޅާ ގޮތަށް ނިންމާފައެވެ.
މިމައްސަލާގައި މިފްކޯގެ އިސްބޭފުޅަކަށް ގުޅޭ ގޮތެއް ނުވިއެވެ. އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢާދިލް ސަލީމް ވިދާޅުވީ މިފްކޯގެ މުވައްޒަފުންނަކީ ވަރަށް ހަމަ ގަބޫލު ކުރާ ބައެއް ކަމަށެވެ. އެހެންވީމާ އެމީހުންނަށް ކަންކަންވާ ގޮތް ރަނގަޅަށް ކިޔައިދިނުމުން އެމީހުން ބަސް ގަބޫލުކުރާނެ ކަމަށެވެ.
“އަޅުގަނޑު އެތަން މެނޭޖުކުރިއިރު ކޮންމެ ތިންމަހުން ތިންމަހުން ހުރިހާ މުވައްޒަފުންނަށް ވާނުވާ އަނގަމުން ގެންދިޔައީ. މަސްބޭނީ މިހާވަރުކާމައި، ލިބުނީ މިހާވަރުގެ އާމްދަނީއެއްކަމާއި، އިތުރަށް ކުރަންޖެހެނީ ކޮންކަމެއް ކަމާއި، މިހުރިހާ އެއްޗެއް ހުރިހާ މުވައްޒަފުންނަށް ކިޔައިދެމުން އައީ. އެހެންވީމާ ކަމެއް ދިމާވާ ވެގެން ފިޔަވަޅެއް އަޅަންޖެހުނަސް އެންމެންގެ އެއްބާރުލުން ލިބޭ. އެެހެންވީމާ އެމީހުންނާ މަޝްވަރާ ކޮށްގެން މިހާރުވެސް ތިޔަކަންކަން ހައްލުވާނެ” ކުރީގެ މެނޭޖިންޑިރެކްޓަރ މުޙައްމަދު ޢާދިލް ސަލީމް ވިދާޅުވިއެވެ. މަސްނުބާނާ ޙާލަތުގައި ކަންތައް ކުރަންވީ ގޮތްވެސް ވަރަށް ރަނގަޅަށް އާދައިގެ މުވައްޒަފުންނާއެކުވެސް މަޝްވަރާ ކުރައްވާ ކަމަށް ޢާދިލް ވިދާޅުވިއެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










