ރައްޔިތުން މަޖިލީހުން އިތުބާރުނެތް ކަމުގެ ވޯޓަކުން މަގާމުން ވަކިކުރުމުން ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރީގެ އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް، އަލީ ރަޝީދު އުމަރުގެ ނަން މަޖިލީހަށް ފޮނުއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ އެންމެ ލަސްވެގެން މިއަދުގެ
ވަގުތެއްގައި މަޖިލީހަށް އަލީ ރަޝީދުގެ ނަން ފޮނުއްވޭ ވަރުވާނެ ކަމަށެވެ. އަދި މިހާރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަން މިއަދު މަޖިލީހަށް ފޮނުއްވާނެ ކަމަށް ޒުހައިރު ވިދާޅުވިއިރު ވޭތުވެ ދިޔަ ހަފްތާގައި މަޖިލީހަށް ނަން ފޮނުއްވާނެ ކަމަށްވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ.











