އިދާރީ ދާއިރާތައް 7 ޕްރޮވިންސަށް ބަހައިގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ސިޔާސީ އެއްވެސް ބޭނުންފުޅެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލެ އަތޮޅު މާފުށީގައި ޤާއިމް ކުރެވިފައިވާ އެމް.ޑަބްލިޔޫ.އެސް.ސީ.ގެ "ޕްރޮޑަކްޝަން ސެންޓަރ" ރަސްމީކޮށް އިއްޔެ އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަތް ޕްރޮވިންސަކަށް ބަހާލައިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަކީ، ސިޔާސީ އެއްވެސް ބޭނުމެއް އެކަމުގައި އޮވެގެން ކުރައްވާ މަސައްކަތެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ އަތޮޅުތައް ސަރަޙައްދުތަކަށް ބައްސަވާލައްވައިގެން ރާއްޖޭގެ އަތޮޅުތައް ހިންގެވުމުގެ ވިސްނެވުމެއް ސަރުކާރުން މި ގެންގުޅުއްވަނީ، ރާއްޖޭގެ ތަރައްޤީ މިހާރަށްވުރެ ފަހިގޮތުގައި ކުރިއަށް ގެންދަވަން ކަމަށާއި، ލާ މަރުކަޒީ ފިކުރަކީ ކުރީގެ ސަރުކާރުންވެސް ގެންގުޅުއްވި ފިކުރެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރަށެއް ނުވަތަ އަތޮޅެއްގެ މިންވަރަކީ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް އިޤްތިޞާދީގޮތުން މާ ކުޑަ މިންވަރެއް ކަމަށާއި، އަތޮޅެއްގެ މިންވަރަކީ އިދާރީ ހިންގުމަށް މާ ކުޑަ މިންވަރެއް ކަމަށް، ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ލަފާ ދެއްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، "ރައްޔިތުންގެ މަޖިލީހުގައި ޒުވާބުކޮށް ތަޅާފޮޅާ އަރާރުންވެގެން ކުރަން ބޭނުން އެއްވެސް ކަމެއް ނެތް" ކަމަށާއި، ސަރުކާރުން އަބަދުވެސް ބައްލަވާނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަބަދުވެސް ފަހަތަށް ޖެހެން ސަރުކާރަށް އެނގޭނެ ކަމަށާއި، އިދާރީ ދާއިރާތައް ހަތް ސަރަޙައްދަކަށް ބެހުމުން "އެކަމުގައި ތަރައްޤީއަށް އޮތް ހުރަހެއް ނުވަތަ އިޤްތިޞާދަށް އޮތް ހުރަހެއް ސާފުކޮށްދެއްވައިފިނަމަ ފަހަތަށް ޖެހެން އަޅުގަނޑުމެން މިތިބީ ތައްޔާރަށް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










