ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން ލާމަރުކަޒީ އުސޫލުން ހިންގުމަށް ބާރުއަޅާ ބިލުގައި ހިމެނޭ ޕްރޮވިންސް ހެދުމުގެ ބައި އެބިލުން އުނިކޮށް އެބިލް ފާސްކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަ ރ ގާސިމް އިބްރާހިމް އާއި އިތުރު އަމިއްލަ މެމްބަރުންތަކެއްގެ ތާއީދުވެސް ލިބިވަޑައިގަންނަވާނެ ކަމަށް ޑީއާރުޕީން ބުނެފިއެވެ.
ޑީއާރުޕީގެ ނާއިބް ޒައީމެއް ކަމުގައިވާ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙީދު ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ލާމަރުކަޒީ ބިލުން ޕްރޮވިންސް ބައި އުނިކުރައްވާނެ ކަމަށެވެ. އެމްޑީޕީން ކިތަންމެ ވަރަކަށް އުޅުނަސް ޕްރޮވިންސް ހެދިޔަނުދެއްވާނެ ކަމަށެވެ. ޑީއާރުޕީން ފެށުނީއްސުރެވެސް ބުނަމުން އަންނަނީ ރާއްޖޭގައި ޕްރޮވިންސް ހެދުމުގެ ފުރުޞަތު ސަރުކާރަށް ނުދެއްވާނެ ކަމަށެވެ. އެގޮތަށް ލާމަރުކަޒީ ބިލް ފާސް ވިޔަނުދޭނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ދާދިފަހުންވެސް ވިދާޅުވެފައި ވަނީ ޕްރޮވިންސް ހެދޭގޮތަށް ލާމަރުކަޒީ ބިލް ފާސް ކުރައްވާނެ ކަމަށެވެ. އަދި ޕްރޮވިންސް ހެދުމަށް ބިލް ފާސްވިޔަ ނުދީފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރިޔާސަތުގައި ނުއިންނެވޭނެ ކަމަށެވެ.
މޫސަގެ މިވާހަކަފުޅަށްވެސް އަލީ ވަޙީދު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޕްރޮވިންސެއްވެސް ނުހެދޭނެ ކަމަށާއި އަބްދުﷲ ޝާހިދުވެސް މަގާމުގައި ހުންނަވާނެ ކަމަށެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










