މިބިލަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވިދާޅުވެފައިވަނީ މިބިލުގެ ސަބަބުން، ރާއްޖޭގައި ހުޅުވާލެވިފައިވާ މިނިވަން ވިޔަފާރިއަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެން ކަމުން ބިލުގައި ހުރިއެފަދަ މާއްދާތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. މީގެ އިތުރަށް މިބިލް ބޮޑަށް ޚާއްސަކުރެވިފައިވަނީ މާލެއަށް ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ރައްޔިތުންގެ މައްޗަށް ތަންފިޒު ކުރެވޭ މިފަދަ ގާނޫނެއް ހެދުމަށް ހުށަހަޅާ ބިލް މާލޭގެ އިތުރަށް ރަށްރަށަށްވެސް އަމާޒުކުރެވެންވާނެ ކަމަށް ދެކެވަޑައިގަންނަވާ މެންބަރުން އެބަތިއްބެވިއެވެ. މިބިލުގައި ދިރިއުޅޭ ތަންތަނުގެ އިތުރަށް ކުއްޔަށްދޭ އެހެންތަނުގެ ވާހަކަވެސް ބިލުގައި ހިމެނުމަށް މެންބަރުންވަނީ ގޮވާލާފައެވެ. ކުއްޔަށްދޭ ތަންތަން ހުންނަންޖެހޭނެ ގޮތާއި ސާފުތާހިރުކަމަށާއި، ސިއްހީގޮތުން ބަލާއިރުވެސް މިފަދަ ތަންތަން ހުންނަން ޖެހޭނެ ގޮތް ބިލުގައި ކަނޑަ އެޅުމަށް ބައެއް މެންބަރުންވަނީ ގޮވާލާފައެވެ.
ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލަކީ ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމާ ބެހޭ އުޞޫލުތައް ކަނޑައައަޅައިދޭ ބިލެކެވެ. މިބިލުގައި ދެފަރާތުގެ ޙައްޤުތައް ކަނޑައަޅައިފައި ވެއެވެ. ބިލުގައި ވާގޮތުން ކުއްޔަށް ދިނުމުގައި ސެކިއުރިޓީގެ ޑިޕޮސިޓްގެ ގޮތުގައި ނެގޭނީ ދެމަސް ދުވަހުގެ ކުއްޔަށްވާ ފައިސާ އެވެ. ކުއްޔަށް ދޭ ފަރާތުން ގަސްތުގައި ގެއްލުމެއް ދީފިނަމަ ޖުރިމަނާގެ ގޮތުގައި ނެގޭނީ ދެހާސް ރުފިޔާކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނާ ގޮތުން ބިލު ޤާނޫނަކަށްވުމުން ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާއެއް އުފުލަންޖެހޭނީ ކޮމިޝަނަރ އޮފް ޓެނެންސީ އެވެ. އެމަޤާމަކީ ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާ މަޤާމެކެވެ. ކުއްޔަށް ދޫކުރާ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު އުފެދޭ މައްސަލަތައް ޙައްލުކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓެނެންސީ ޓްރައިބިއުނަލެއް އުފައްދަން ޖެހޭނެކަމަށް ބިލުގައި ބުނެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައިވަނީ ޓްރައިބިއުނަލް އުފައްދައިފައި ވަނީ ކޯޓްގެ މަރުޙަލާއަށް ނުގޮސް އަވަހަށް މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ކަމަށެވެ.
މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ އާ ޙަޤީޤަތަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ވެސް ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް، އަދި ޚާއްޞަކޮށް އެ ނޫން ޤައުމުތަކުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި ހަމައެކަނި މިނިވަން ވިޔަފާރި އެއް ދޫކޮށްލައިގެންނެއް ނުތިބޭ ކަމެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










