އެމްޑީޕީގެ ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެކަށިގެންވާ ސަމާލު ކަމެއް ދެވިފައި ނުވާ ކަމަށް، ހިއުމަން ރައިޓްސް ކޮމ ިޝަން އޮފް ދަ މޯލްޑިވްސްއިން ހާމަކޮށްފި.
ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގައި ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކާ ގުޅުން ހުރި ކަންތައްތަކުގެ ހާލަތު ދެނެގަތުމަށް ކުރި ދިރާސާ ރިޕޯޓް ނެރުމަށް މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެރިޕޯޓް އެކުލަވާލުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި
ތަޖުރިބާކާރެއް ކަމަށްވާ ޑރ ސިމާދު ސައީދް ވިދާޅުވީ، އެމްޑީޕީން އެކުލަވާލާފައިވާ އޮނިގަނޑުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކޮންމެވެސް ވަރަކަށް ސަމާލުކަން ދެވިފައިވާ ކަމަށް. ނަމަވެސް އެމްޑީޕީގެ އެކްޝަން ޕްލޭންގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވާހަކަ ގެނެވިފައިވާ ގޮތުން، ދެވިފައިވާ ސަމާލުކަން ކުޑަ ކަމަށް ފެންނަ ކަމަށް ވެސް ޑރ ސިމާދު ވިދާޅުވި.
ޑރ ސިމާދު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެއްވަމުންއައި އެހީތައް ދެހާސް ދިހަވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށް ފަހު، މަދަނަ ޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކަށް އެއެހީ ދޭ ގޮތަށް ހަމަޖެއްސެވުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް. އަދި އެގޮތަށް އެހީ ދޭން ހަމަޖެއްސެވުމަށް ފަހުވެސް އެކަންކަމާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް އާއްމުންނަށް މައުލޫމާތު ދެވިފައި ނުވާ ކަމަށް ސިމާދު ވިދާޅުވި.
ރާއްޖޭގައި މިވަގުތު ތިބީ އެންމެ ދެ ސައިކެޓްރިއޭޓިސްޓުންކަން ފާހަގަކޮށް މުސްތަގުބަލުގައި ރާއްޖެ ހަތް ޕރޮވިންސަކަށް ބެހިގެން ދާއިރު، މުސާރައަށް ފަސްދޮޅަސް ހާސް ލިބޭ އެތައް ބަޔަކަށް ވަޒީފާދޭއިރު، ސައިކެޓްރިއޭޓިސްޓުންނަށް މުސާރަ ދޭނެ ފައިސާ ނެތުން އެއީ ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ ކަމަށް ވެސް ސިމާދު ވިދާޅުވި. ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ރިޕޯޓްގައި ސާދަ ކަމެއް ފާހަގަކޮށް އެކަންތަކަކީ މިއަދުން މިއަދަށް ވެސް ފިޔަވަޅު އެޅުން މުހިންމު ކަންތައްތަކެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވޭ.











