ޓީވީމޯލްޑިވްސް އިން ފޮނުވާ، މާއްދާ ހަތާވީސް ޕްރޮގްރާމުގައި ފޮނުވި ރިޕޯޓެއްގެ މައްސަލަ ބަލަމުންދާކަމަށް، ރައީސް އޮފީހުން ބުނެފި.
ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޮނުވި، މާއްދާ ހަތާވީސް ޕްރޮގްރާމުގައި، ރައީސް ނަޝީދާއި ރައީސް މައުމޫނަށް ބަލާލާ ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، ދޮގުމައުލޫމާތުތަކެއް ހުރިކަމަށް ގަބޫލް ކުރެވޭތީ އެ މައްސަލަ ބަލަމުންދާކަމަށް. ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް، ސަރުކާރުގެ
މަގާމްތައް ދެއްވިކަމަށް ރިޕޯޓުގައި ބުނެފައިވާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށާއި، ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅެއްގެގޮތުގައި ހެލްތު މިނިސްޓަރ، ޑރ. އާއިމިނަތު ޖަމީލްގެ ނަންފުޅު ފާހަގަކޮށްފައިވަނީ، ހަގީގަތާ ޚިލާފަށް ކަމަށް ވެސް، ޕްރެސް ސެކްރެޓަރީ ވިދާޅުވި.
އައިމިނަތު ޖަމީލަކީ ރައީސް ނަޝީދުގެ އާއިލާއާ ސީދާގޮތުން ގުޅުން ހުރި ބޭފުޅެއް ނޫންކަމަށް ޒުހައިރު ވިދާޅުވި. ޒުހައިރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމް.އެން.ބީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަަލީލާ ބައްދަލުކުރައްވާފައިވާކަމަށް. އަދި މިކަމުގައި އެތަނުގައި އިދާރީ ތަރުތީބް ގެންގުޅޭ ގޮތްސާފުކުރަންވެސް ހުށަހެޅުއްވިކަމުގައި ޒުހައިރު ވިދާޅުވި.
ޚަލީލާއެކު ބޭއްވި ބައްދަލުވުމުގައި އެދެވޭ ނަތީޖާތަކެއް ލިބުނު ކަމަށާއި، ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅު ކުރައްވާނެކަމަށް ޚަަލީލް ވިދާޅުވިކަމަށްވެސް ޕްރެސް ސެކެރެޓަރީ ފާހަގަކުރެއްވި. ހަލީލް ވިދާޅުވީ މާއްދާ ހަތާވީހުގައި ފޮނުވި ރިޕޯޓެއްގެ މައްސަލާގައި ޕްރެސް ސެކެރެޓަރީއާ ފޯނުން ވާހަކަ ދެއްކެވިކަމަށް. އަދި މީޑިޔާއަށް މިނިވަންކަން ލިބިފައިވާއިރު ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ޒުހައިރު އެދިވަޑައިގެންނެވިކަމަށްވެސް ޚަލީލް ވިދާޅުވި. އަދި މިނިވަންކަމާއެކު ޒިންމާދާރުގޮތުގައި މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމް ކުރެއްވުމަށް މަސައްކަތްކުރައްވާ ކަމަށްވެސް ހަލީލް ވިދާޅުވި.
ޒުހައިރު ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ގެނެސްދިން މާއްދާ ހަތާވިސް ޕްރޮގްރާމުގައި ކުރީގެ ރައީސް މައުމޫނަށް ވެސް ހައްޤުނޫން ބަސްތަކެއް ރައްދުކޮށްފައިވާކަމަށް. ކުރީގެ ރައީސާއި މިހާރުގެ ރައީސްގެ ވާހަކަ ރިޕޯޓް ކުރާއިރު، ރައީސް ނަޝީދުގެ ސަރުކާރަށް މިވީ ދުވަސްތަކަށް ބަލާލައިގެން ރިޕޯޓްކުރާ ނަމަ، ކުރީގެ ރައީސް މައުމޫނަށް ވެސް ބަލާލަން ޖެހޭނީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ސަތާރަވަރަކަށް މަސް ދުވަހަށް ކަމުގައި ޒުހައިރު ވިދާޅުވި.
މިސަރުކާރުން ކަންކަން ކުރަމުން ގެންދަނީ ދެފުށްފެންނަ ގޮތަށް ކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް މާއްދާ ހަތާވީސް ޕްރޮގްރާމްގައި ގެނަސްދިން މި ރިޕޯޓްގައި ފެންކުންފުނީގެ ހިއްސާ ވިއްކާލުމާއި އައިޖީއެމްހޮސްޕިޓަލް އެޕޯލޯ ކުންފުންޏާ ހަވާލުކުރުމާއި ދިރާގުގެ ހިއްސާ ވިއްކާލުމުގެ މުއާމަލާތްތައް ހިނގާފައިވަނީ އަޑިނޭގޭ ފަދަ ގޮތަކަށް ކަމަށް ރިޕޯޓްގައި ބުނެފައިވޭ.
ރައީސް ނަޝީދުގެ ސަރުކާރުން ދައުލަތުގެ މީޑިޔާގެ ކޮންޓެންޓަކާމެދު ސުވާލުކޮށް މައުލޫމާތު ސާފުކޮށް ވަކިގޮތަކަށް ބައްޓަން ކުރުމަށް ވިދާޅުވެފައި މިވަނީ ސަރުކާރުން ދައުލަތުގެ މީޑިޔާ ކޮންޓްރޯލްކޮށް ދައުލަތުގެ މީޑިޔާގެ އެޑިޓޯރިއަލްއަށް ބާރާއި ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކުން ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި. މިގޮތުން މާއްދާ ހަތާވީސް ޕްރޮގްރާމްފެށި އިރު އެ ޕްރޮގްރާމްގައި ހުރި ސިޔާސީ ރަހަތަށް މިހާރަކަށް އައިސް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނޭ.











