Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ވެރިކަން ހިންގުމުގެ އޮނިގަނޑު މިހާރުވެސް ހިނގަނީ 30 އަހަރުގެ ސަރުކާރުން ހިންގި ގޮތަށް- ޑރ. ވަހީދު

ވެރިކަން ހިންގުމުގެ އޮނިގަނޑު މިހާރުވެސް ހިނގަނީ 30 އަހަރުގެ ސަރުކާރުން ހިންގި ގޮތަށް- ޑރ. ވަހީދު


president_and_vice_presidentރާއްޖޭގެ ވެރިކަން ހިންގުމުގެ އޮނިގަނޑު މިއަދުވެސް އޮތީ ފާއިތުވީ ތިރީސް އަހަރެކޭ އެއްގޮތަށްކަމަށާއި، އަމިއްލަ ތަޖުރިބާއާއި، ގާބިލް ކަމަށްބަލާއިރު މިސަރުކާރުން ނައިބް ރައީސްގެ ބޭނުން އެއްގޮތަކަށްވެސް ނުހިފާކަމުގައި އެމްޑީޕީ އިއްތިހާދު ސަރުކާރުގެ ނައިބް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ.

ވީޓީވީން އަލަށް ފެށި "ހޫނުގޮނޑި" ޕްރޮގުރާމުގައި އަމިއްލަފުޅު ސަރުކާރަށް ވަރަށްބޮޑަށް،

ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޑރ. ވަހީދު ވިދާޅުވީ، ތިރީސް އަހަރުގެ ވެރިކަން ބަދަލުކޮށް، މިހާރު ރާއްޖޭގައި އުފެދިފައިވާ ސަރުކާރަކީ ތިންބާރު ވަކިވެފައިވާ ސަރުކާރަކަށް ވީނަމަވެސް ހަގީގަތަކީ، މިއަދުވެސް ސަރުކާރު ހިންގުމުގެ އޮނިގަނޑުއޮތީ ނިމި ދިޔަ ތިރީސް އަހަރުގެ ސަރުކާރުގައިވެސް އޮތްފަދަ ގޮތަކަށް ކަމަށް.

މިސަރުކާރު ވެރިކަމަށް އައީ ބޮޑު އަދި ވާދަވެރި އިންތިޚާބެއްގައި، ވަތަން އެދޭގޮތަށް، ގިނަ ޕާޓީތަކަކާއި ގުޅި ކޯލިޝަނެއްގެ ގޮތުގައި ކަމަށް ވީނަމަވެސް މިއަދު ސަރުކާރުގެ ތެރެއިން ފެންނަމުންދާ މަންޒަރު ތަކުންނާއި، ހިނގަމުންދާ ކަންތައްތަކުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއަދު ސަރުކާރު ހިންގަމުންދަނީ އެމްޑީޕީން އެކަނި ކަމަށް ނާއިބް ރައީސް ވިދާޅުވި. މިއަދުގެ ސަރުކާރަށް އިއްތިހާދުގެ ސަރުކާރެކޭ ކީ ނަމަވެސް މިހާރު އެއިއްތިހާދެއް ނެތްކަމުގައި ޑރ. ވަހީދު ވިދާޅުވި.

ނައިބް ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ގައުމީ އިއްތިހާދަކީވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްކަމުގައި ވީނަވެސް ވަހީދު ވިދާޅުވީ، ކޯލިޝަނެއްގައި އޮވެގެން އެއްބަޔަކު އަނެއްބަޔަކަށް ކުރަންޖެހޭ މަޝްވަރާއާއި، ލަފާ ނުހޯދާކަމީ ހިތާމަ ކުރާކަމެއްކަމުގައި ޑރ ވަހީދު ވިދާޅުވި. އަދި ކޯލިޝަންގައި ހިމެނޭ މުހިންމު ބޭފުޅުންގެ ތެރެއިން ގާސިމް އިބްރާހިމާއި، ޑރ.ހަސަން ސައީދުފަދަ ބޭފުޅުން އިއްތިހާދުން ވަކިވެވަޑައިގެން ސަރުކާރުން އިސްތިއުފާދެއްވާފައިވާކަމީ ހިތާމަކުރައްވާ ކަމެއްކަމަށްވެސް ނާއިބް ރައީސް ވިދާޅުވި. މިސަރުކާރު ވެރިކަމަށް ގެނައުމަށް އިއްތިހާދުވި ފަރާތްތަކުން އިއްތިހާދު ވެފައިވަނީ ވަކި ބާރުތަކެއް ލިބިދޭ އެއްބަސް ވުންތަކެއްގެ ދަށުން ކަމުގައި ވީނަމަވެސް ހިތާމަޔަކީ އެބާރުތައް މިއަދު އެފަރާތްތަކަށް ލިބިދީފައިނެތުން ކަމުގައިވެސް ނަިއބް ރައީސް ވިދާޅުވި.

ރިޔާސީ އިންތިޚާބްގެ ދުވަސްވަރު ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވައުދަކީ ފުއްދަވައި ނުދެއްވޭނެ ވައުދެއްކަން މާކުރިންވެސް ގަބޫލުފުޅު ކުރެއްވޭތީ، އެކަމަށް ތާއީދު ނުކުރައްވާ ކަމުގައިވެސް ރައީސް ނަޝީދާއެކު ގައުމު ހިންގެވުމަށް އަހުދުވެ ހުވާ ކުރައްވައިގެން ހުންނެވި ޑރ. ވަހީދު ވިދާޅުވި.

ދީނީ ކަންކަމުގައި ރައީސްނަޝީދު ގެންގުޅުއްވާ ސިޔާސާމެދު ސުވާލު ދެންނެވުމުން ނައިބް ރައީސް ވިދާޅުވީ، ދީނީ ބައެއްކަންކަމުގައި ރައީސް ނަޝީދުގެ ނިންމެވުންތަކަށް ތާއީދު ކުރެއްވި ކަމުގައި ވީނަމަވެސް އެއްބަސްވެވަޑައި ނުގެންނެވޭ ކަންތައްތައްވެސް އެބަހުރި ކަމަށް.

އިތުރަށް ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވުމުގެ ކުރިން އިއްތިހާދުވެފައިވާ ފަރާތްތަކުން ސްޓިއަރިންގ ކޮމިޓީއެއް އުފައްދައިގެން މަސައްކަތްތައް ކުރަމުންދިޔަ ނަމަވެސް ވަކި ހިސާބަކުން އެމަސައްކަތް ހުއްޓި އަވަހަށް ސަރުކާރު ހިންގަން އުޅުމުން އެދަތިކަން މިއަދު އިހްސާސް ކުރަންޖެހިފައިވާ ކަމަށް. އިއްތިހާދުން ވެރިކަމަށް އައީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައިކަމަށް ވީނަމަވެސް މިއަދު އެއިއްތިހާދު ރޫޅި ބެހިގެންގޮސްފައިވާކަމަށް ޑރ ވަހީދު ވިދާޅުވި. އަދި މިސަރުކާރު ވެރިކަމަށް އައިއިރު އޮތް ބޮޑު އިއްތިހާދު އޮތްނަމަ މިއަތްވުރެ ރަނގަޅަށް ކަންތައް ކުރެވޭނެކަމުގައިވެސް ނައިބް ރައީސް ވިދާޅުވި.

ރައީސް ނަޝީދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު، ސަރުކާރުގެ އެންމެ މަތީވެރިއެއްގެ ގޮތުގައި ހުންނަވައި، އަދި ރާއްޖޭގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވައިގެން މީޑިޔާގައި ފާޅުކަންބޮޑު ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަމުން ނައިބްރައީސް ވިދާޅުވީ، ގާނޫނު އަސާސީ ބުނާގޮތުން އެމަނިކުފާނު ކުރައްވަންޖެހެނީ ރައީސްދައްކަވާ މަސައްކަތްތައް ކަމަށާއި، އެގޮތުން މިހާތަނަށް ދެއްކެވި ކަމެއްވިއްޔާ ސާބިތުކަމާއިއެކު ކުރައްވާފައިވާނެކަމަށް. އެހެންނަމަވެސް އެމަނިކުފާނުގެ ގާބިލްކަމާއި ތަޖުރިބާގެ ބޭނުން ކުރުމަށް މިސަރުކާރުން ފުރުސަތު ނުދޭކަމަށް ވިދާޅުވެ ނައިބް ރައީސް އެކަމާ ވަރަށް ބޮޑަށް ހިތާމަ ފާޅުކުރެއްވާކަން ހާމަކުރެއްވި.

ސަރުކާރުގެ ނާއިބް ރައީސްގެ މަގާމުގައި ހުންނަވައިގެން އަމިއްލަފުޅު ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވަނީ ކޮން ސަބަބަކާ ހުރެތޯ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރަށް ދަންނަވާލުމުން ވިދާޅުވީ ޑރ. ވަހީދު ވީޓީވީގެ އެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވީ މި ސަރުކާރުގެ ނާއިބް ރައީސްގެ ހައިސިއްޔަތުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް. އަދި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި ނަމަވެސް ރައީސް ނަޝީދާއި ނާއިބް ރައީސާ ދެމެދު އެފަދަ މައްސަލަ ތަކެއް ޖެހިފައި ނުވާކަމަށް ޒުހައިރު ވިދާޅުވި.

އެމްޑީޕީ އުފަންވެގެން އައި ދުވަސްވަރު އަލިފުދާލުގެ މަގާމެއްގައި ހުންނެވި ޑރ ވަހީދަކީ އެމްޑީޕީގެ ޅަފަތުގައި އެޕާޓީއާއި ގުޅި ވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް. އެހެން ނަމަވެސް ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވުމަށްފަހު އެމަގާމަށް ހޮވިވަޑައި ނުގެންނެވުމުން އަނެއްކާވެސް ޕާޓީ ދޫކޮށްލައްވައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވިކަން ފާހަގަ ކޮށްލެވޭ. ރާއްޖޭގެ ސިޔާސީ މައިދާނާ ދުރުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ޑރ ވަހީދު އަލުން ރާއްޖެއަށް ވަޑައިގެންނެވީ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް. އަދި ރާއްޖެ އެނބުރި ވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވުމަށްފަހު ޑރ ވަހީދު އެމްޑީޕީ ކޯލިޝަނާއި ގުޅިވަޑައިގެންނެވީ ރައީސް ނަޝީދުގެ ރަނިންގ މޭޓުގެ މަގާމާއެކުގައިކަން ފާހަގަކޮށްލެވޭ. ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރައްވަމުން ގެންދެވިއިރު ރައީސް ނަޝީދަކީ ޑިމޮކްރެސީއާއި އިސްލާހީ މަސައްކަތުގެ ބާނީ ކަމަށް ވިދާޅުވެ ތަފާތު އެކި ޕޯޑިއަމް ތަކުގައި ޑރ ވަހީދު ވާހަކަ ދައްކަވާފައިވާކަން ފާހަގަކޮށްލެވޭ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 06:20 ބުދަ, 14 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް