ޔުނެސްކޯއާއި ޔޫއެންޑީޕީއާއި އިންފޮމޭޝަން ޑިޕާރޓްމެންޓާއި ގުޅިގެން ވޯލްޑް ފްރީޑަމް ޑޭ ރާއްޖޭގައި ފާހަގަކުރުމުގެ ޚިޔާލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ތަރައްގީކުރަމުން ދަނިކޮށް، ޒިންމާދާރުކަމެއްނެތި، ޚުދުމުޚްދާރު ގޮތަކަށް އިންފޮމޭޝަން ޑިޕާރޓްމެންޓުން އަމަލު ކޮށްފައިވާތީ، އެޑިޕާޓްމަންޓުން އެދުވަހާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި އެމް.ޖޭ.އޭ އިން ބައިވެރިނުވާގޮތަށް އެޖަމިއްޔާއިން ނިންމައިފި.
ރާއްޖޭގައި މަސައްކަތްކުރާ ގިނައަދަދެއްގެ ނޫސްވެރިން ހިމެނޭ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ޕްރެސް ފްރީޑަމް ޑޭ ފާހަގަ ކުރުމުގެ ނަމުގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގައި، އެޖަމިއްޔާއިން ބައިވެރިނުވިނަމަވެސް، ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރެވޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ
ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނޫސް އިދާރާތަކާއި ގުޅިގެން އެމް.ޖޭ.އޭ އިން ހަރަކާތްތަކެއް ހިންގުމަށް ތައްޔާރު ވަމުންދާކަމަށާއި، މިދުވަހުގެ އުފާ ލިބުމުން ދިވެހި ނޫސްވެރިން މަހުރޫމް ވިޔަ ނުދޭނެކަމުގެ ޔަގީންކަން ދޭ ކަމަށް. އަދި ވޯލްޑް ޕްރެސް ފްރީޑަމް ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ނިންމާ އެކަން ޔޫ.އެން.ޑީ.ޕީ އާއި އެމް.ޖޭ.އޭ އާއި ޔުނެސްކޯއާއި ގުޅިގެން 'ފްރީޑަމް އޮފް އިންފޮމޭޝަން- ދަ ރައިޓްސް ޓު ނޯ' މި ޝިޔާރުގެ މައްޗަށް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވިފައި ވަނިކޮށް، އެޖަމިއްޔާއިން ސްރީލަންކާއަށް ކުރި ދަތުރާއި ދިމާކޮށް އިންފޮމޭޝަން ޑިޕާޓްމަންޓުން ޔުނެސްކޯއާއި ގުޅިގެން ރާއްޖޭގައި ވޯލްޑް ފްރީޑަމް ޑޭ ފާހަގަ ކުރާކަން އިއުލާންކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަމެއްނެތި، ޚުދުމުޚުތާރު ގޮތަކަށް، ހިންގާފައިވާ އަމަލެއްކަމަށް އެމްޖޭއޭގެނޫސް ބަޔާނުގައި ބުނެފައިވޭ. މީގެއިތުރުން ކަންހިގާ ދިޔަ ގޮތް ބެލުމަށް ރާއްޖޭގައި ހުންނަ ޔުނެސްކޯގެ ފޯކަލް ޕޮއިންޓާއި، އެމް.ޖޭ.އޭ އިން މަޝްވަރާކުރުމުން އެފަރާތަށް، މިގޮތަށް، ކަންހިގާފައިވާކަން އެގިފައިނުވާކަމަށް ބުނެފައިވާ ކަމަށް ނޫސްބަޔާނުގައި ބުނެފައިވޭ. އަދި މިކަން ހިގައިދިޔަ ގޮތާއި ބެހޭގޮތުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނާއި މަޝްވާރާކޮށްލުމުން އެފަރާތުން މިކަމުގައި އެމް.ޖޭ.އޭ އާއި މަޝްވަރާކުރަން ނުފެނުނީކަމަށް ބުނެފައިވާކަމަށްވެސް އެޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނުގައިވޭ.
އދ. ގެ ޖަމިއްޔާ ޔުނެސްކޯއިން މިދިޔަ ޖެނުއަރީ މަހުގެ ނަވާރަ ވަނަދުވަހު އެމް..ޖޭ.އޭއާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނާއި، ސަފްމާއާއި، ޔޫ.އެން.ޑީ.ޕީ ހިމެނޭގޮތަށް ރާއްޖޭގައި ބޭއްވި ބައްދަލުވުމުގައި، މިއަހަރު ނޫސްވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ހުށެހެޅުމާއި ގުޅިގެން އެކަމަށް މަރުހަބާކިޔާ ރާއްޖޭގެ ހުރިހާ މީޑިއާތަކާއި ގުޅިގެންް 'ފްރީޑަމް އޮފް އިންފޮމޭޝަން- ދަ ރައިޓްސް ޓު ނޯ' ގެ ނަމުގައި އެދުވަސް ފާހަގަކުރުމަށް ނިންމިކަމަށް ނޫސްބަޔާނުގައި ބުނެފައިވޭ.











