އަވައްޓެރި ގައުމުތަކުން ފައްސާލާފައިވާ މީހަކު ރާއްޖެ ކަހަލަ ސައްތައިން ސައްތަ މުސްލިމް ގައުމަކުން ބަލައިގަތުން އެއީ، އެއްވެސް ގޮތަކަށް ގަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ އޭކަން ޝޯ ބޭއްވުމަށް ސަރުކާރުން މަރުހަބާ ކިޔާފައި ވާތީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައްޝޭހް މުހައްމަދު ޝަހީމް އަލީ-ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގެ ބޮޑެތި މުއައްސަސާ ތަކުން މިފަދަ ފާހިޝް އަމަލުތަކަށް ހިތްވަރުދީ ،އެފަދަ ކަންކަމަށް ސްޕޮންސާ ކުރަމުންދާ ދިއުމަކީ، އެމިނިސްޓްރީން ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް ކަމަށް.
މި އެޕްރީލް މަހުގެ ސައުވީސް ވަނަ ދުވަހުގެރޭ، "އޭކަން" ރާއްޖޭގައި ކޮންސެޓެއް ބާއްވާ ގޮތަށް ހަމަޖެހުމާ ގުޅިގެން، ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހައިރުވަނީ، "އޭކަން" ރާއްޖެ އައުމަށް ހަމަޖެހުމާ ގުޅިގެން، އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށް ވިދާޅުވެ، ސީދާ ރައީސުލް ޖުމްހޫރިއްޔާ އެކަމަށް ތާއިދު ކުރައްވާކަން ހާމަކޮށްފަ.
ސަރުކާރު ހިންގާ ކޯލިޝަންގައި އަދާލަތު ޕާޓީ އޮވެ، ސަރުކާރުން ތަރުހީބު ދެއްވާ މިފަދަ ކަންކަމަށް ފާޑު ކިޔަމުންދާ ދިއުމަކީ، އެމްޑީޕީން ވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ކަމެއް. އަދުގެ ސަރުކާރުން ލާދީނީ ކަންކަމަށް މަގުފަހި ކުރުމަށްޓަކައި، މިފަދަ ތަފާތު ދޮރުތައް ހުޅުވަމުންދާ ކަމަށާ، އަދާލަތު ޕާޓީ، ސަރުކާރު ހިމެނޭ ކޯލިޝަންގައި އޮވެ، ސަރުކާރުން މިފަދަ އަމަލުތައް ހިންގަމުންދާ އިރުވެސް، އެއްވެސް ކަމެއް ނުކުރެވޭކަން އެއީ ކޯލިޝަންގައި އަދާލަތު ޕާޓީއަށް އެއްވެސް ބާރެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް ބުނެ، އަދާލަތު ޕާޓީ ކޯލިޝަންނުން ވަކިވުމަށް އިދިކޮޅު ފަރާތަކުންދަނީ އަދާލަތު ޕާޓީއަށް ގޮވާލަމުން.
މަޝްހޫރު އިނގިރޭސި ލަވަކިއުންތެރިޔާ، އޭކަން ލަންކާގައި ދިނުމަށް ހަމަޖެއްސި ޝޯ، ލަންކާގައި ނުބޭއްވުނީ، ބުދުދީނުގެ ފާދިރީން، އޭނާގެ ޝޯ ބޭއްވުމަށް ދެކޮޅު ހެދުމާ ގުޅިގެން.











