ސިޔާސީގޮތުން ރައީސް މައުމޫނު ދެއްވާ އެންމެ ފަހު ތަޤްރީރު، އަންނަ ބުދަދުވަގެ ރޭ، ޑީއާރްޕީގެ ޒައާމަތު ރަސްމީކޮށް ބަދަލުވާ ޖަލްސާގައި، އެމަނިކުފާނު ދެއްވާނެކަމަށް، ޑީއާރްޕީއިން ބުނެފި.
އިދިކޮޅު އެންމެ ބޮޑުޕާޓީގެެ ޒައާމަތު މިމަހުގެ ވިހިވަނަދުވަހު ރަސްމީކޮށް ބަދަލުވެގެންދާތީ، ޑީއާރްޕީން ބާއްވާ ޖަލްސާއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ޑީއާރްޕީގެ އިންތިހާބީ ނައިބް ލީޑަރު، އަދި ރައްޔިތުންގެ
މަޖިލީހުގެ ތޮއްޑޫދާއިރާގެ މެންބަރު އަލީ ވަޙީދު ވިދާޅުވީ، ޑީއާރްޕީގެ ޒައާމަތު ބަދަލުވުމާއި ގުޅިގެން، އެޕާޓީން އާރޓިފިޝަލް ބީޗްގައި ބާއްވާ ޖަލްސާއަކީމ ގައުމުގެ އުންމީދާ ގުޅިފައިވާ، އަދި ގައުމުގެ ތިރީސް އަހަރު ވެރިކަން ކުރައްވާފައިވާ ރައީސް މައުމޫނު، ސިޔާސީ ގޮތުން ރައްޔިތުންނަށް ދެއްވާ އެންމެ ފަހު ސްޕީޗަށް ވެގެންދާނެކަމަށް. އަދި މިޖަލްސާގައި، ޑިއާރްޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ޑީއާރްޕީގެ ޒައީމް ކަމުގެ ލަގަބު، ރަސްމީކޮށް އެމަނިކްފާނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އަލީ ވަހީދު ވިދާޅުވި. އޭނާ ވިދާޅުވީ މިޖަލްސާއަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ތާރީޚީ ޖަލްސާއަށް ވެގެންދާނެކަމަށް.
އަލީ ވަހީދު ވިދާޅުވީ ޑީއާރްޕީގެ ލީޑަރ ޝިޕް ރަސްމީކޮށް ބަދަލުވާ އަންގާރަ ދުވަހުގެ ރޭ، ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ބާއްވާ ޚާއްސަ ޖަލްސާގައި، އެޕާޓީގެ ހުރިހާ މެންބަރުންނާއި، އެޕާޓީއަށް ސަޕޯޓް ކުރާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށް. އަދި މި ޖަލްސާގައި އެއްވެސް ބޭފުޅަކަށް ވަކި ޚާއްސަ ދައުވަތެއް ދިނުމަށް ހަމަޖެހިފައިނުވާކަމަށް، އެޕާޓީން ހާމަކުރޭ. އޭނާ ވިދާޅުވީ ރައީސް މައުމޫނު ޑީއާރްޕީގެ ލީޑާރޝީޕާއި ދުރުވެވަޑައިގެންނެވިނަމަވެސް، އެމަނިކްފާނު އަބަދުވެސް ހުންނަވާނީ ޑީއާރްޕީއާއި އެއްކޮށް ކަމަށާއި، ޑީއާރްޕީ އަދިވެސް ހިގަމުންދާނީ ރައީސް މައުމޫނު އެޅުއްވި ބިންގާ މަތީގައިކަމަށް.











