އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅާފައިވާ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބިލު ގައި ބަޔާންކޮށްފައިވާ ޕްރޮވިންސް މަފްހޫމް އަކީ ޤާނޫނު އަސާސީ އާއި ޚިލާފަށް ހުށަހެޅިފައިވާ ހުށަހެޅުމެއްތޯ މާނަ ކުރުމަށް ސްޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްދިނުމަށް އެދި އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިހުށަހެޅި ގަރާރާ ބެހޭ ގޮތުން ނޫސްވެރިންނަށް މަޢްލޫމާތު ދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ މެންދުރުފަހު އެ ޕާޓީގެ ސެކްރެޓޭރިއަޓް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މި ޤަރާރު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ މި ގަރާރު މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް 7 ޕްރޮވިންސް އަކަށް ބަހާލައިގެން ހިންގުމަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން ހޮވިފައިވާ އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަކަށް ވީހިނދު، މިއީ ރައްޔިތުން އެދޭ ގޮތް ކަމަށް ފެންނާތީ ކަމުގައެވެ.
ދިވެހިރައްޔިތުން ރައީސް ނަޝީދު ،ރައީސް ކަމަށް ހޮވާފައި ވަނީ އެމްޑީޕީގެ މެނިފެސްޓޯއަށް ތާޢީދު ކުރާތީ ކަން ތަކުރާރުކޮށް ވިދާޅުވަމުން ސަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ އިދިކޮޅު ފަރާތްތަކުންވެސް ގަދަބާރުން ކަންތައް ކުރުމުގެ ބަދަލުގައި ސްޕްރީމް ކޯޓަކީ ދުސްތޫރީ ގޮތުން މިޚިޔާލު ތަފާތުވުމަށް ހައްލެއް ގެނެވޭނެ އެންމެ ފަހު މަރުހަލާ ކަމަށްވާތީ މިމަރުހަލާއަށް ދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ. އަދި ސްޕްރީމް ކޯޓުން އަދުލުވެރި އިންސާފުވެރި ނިންމުމެއް ދިވެހި ތާރީޚަށްޓަކައި ނިންމަވައިދެއްވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ، ސްޕްރީމް ކޯޓުގެ ފަހު ބަސް އިއްވުމުގެ ކުރިން މަޖިލީހުން މިބިލާމެދު ގޮތެއް ނިންމުން މަޑުޖައްސަވައި ދެއްވާނޭ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ސަމީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު ޝިފާޒް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލުތައް ފާސްވިޔަ ނުދިނުމަށް ޑީއާރުޕީއާ ގުޅިގެން މަޖިލީހުގެ ރައީސް މަސައްކަތްކުރައްވާ ކަމުގައެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު ވިދާޅުވީ އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި ލާމަރުކަޒީ ބިލާ ދެކޮޅަށް ޑީއާރުޕީން މަސައްކަތް ކުރަނީ އެމްޑީޕީގެ ،މެނިފެސްޓޯގެ ސައްހަކަން ގެއްލުވާލުމަށް ކަމަށާއި ޑީއާރުޕީގެ މި ވިސްނުމަކީ އެއްގޮތަކަށްވެސް ބިނާކުރުވަނިވި ނިންމުމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައެވެ.
ހާމިދު އިތުރަށް ވިދާޅުވީ ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނަކީ ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ އުސޫލުތަކާ ހަމަތަކެއްގެ ތެރޭގައި ތާށިވެފައިވާ ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތައް ކުރިއަރައިގެން ދިއުމުގެ މައިގަނޑު ސަބަބަކީ ބޯދާ ގޮތް ދޫކޮށް ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގައި ޕްރޮވިންސްތަކަށް ބާރު ދިނުމުގެ ސަބަބުން އުފެދުނު ޕްރޮވިންސް ވާދަވެރިކަމުގެ ތެރެއިން ކަމުގައެވެ..
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










