އެމްޑީޕީގެ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރަށްވުރެ ހަރުދަނާ ދައުރެއް އަދާކުރުމަށް ދިވެހި ޤައުމީޕާޓީގެ ފަރާތުން ގޮވާލައިފިއެވެެ. މިޕާޓީގެ ފަރާތުން މިކަމަށް ގޮވާލީ
އެންޓިކޮރަޕްޝަންގެ މަސައްކަތްތައް ކުރިއަށް ދާގޮތާއި އެތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރިދަތިތަކާއި ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވުނު ބައްދަލު ވުމެއްގައެވެ. މިބައްދަލުވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއެކު ދިވެހި ޤައުމީ ޕާޓީގެ ފަރާތުން ބައިވެރިވެފައި ވަނީ ޤައުމީ ޕާޓީގެ ކައުންސިލް މެމްބަރުން ކަމުގައިވާ، ޢިމާދު ޞާލިޙު، މަލީހް ޖަމާލް، ޢަބްދުއްރަޙީމް ޙަސަން، އަދި ޢަބްދުލްމަތީނު މުޙައްމަދެވެ.
ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް ކަންކަމުގައި ކޮރަޕްޝަންގެ ކުލަވަރަށްބޮޑަށް ޖެހިފައިވާ ކަމަށާއި ޚާއްޞަ ގޮތެއްގައި ޕްރައިވެޓައިޒޭޝަން ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ހިނގާ އެކިކަންކަމުގައި ކަންބޮޑުވާ މިންވަރަށް ކޮރަޕްޝަނަށް މަގުފަހިވެފައި ވާކަމުގައި މިބައްދަލުވުމުގައި ޤައުމީޕާޓީގެ ފަރާތުން ހާމަކުރިއެވެ. މިގޮތުން އިޢުލާނު ކުރުމެއްނެތި ނުވަތަ ނުއަގުގައި ދައުލަތުގެ ހަރުމުދާ އެކިފަރާތްތަކަށް ދިނުމާއި ބިޑް އިޢުލާން ކުރާއިރު މަޢުލޫމާތު ދޭގޮތާއި ޚިލާފަށް ބިޑް ކާމިޔާބުކުރާ ފަރާތަށް އެކިކަހަލަ ޢިނާޔަތްތައް ދިނުން ފާހަގަކޮށްލެވޭ ކަމަށާއި މިފަދަ ބައެއް މައްސަލަތައް އޭ.ސީ.ސީ އަށް މިހާރު ހުށައަޅާފައިވާނެ ކަމުގައިވެސް ކައުންސިލް މެމްބަރުން ހާމަކުރެއްވިއެވެ.
މީގެއިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހަވާލު ކުރެވިފައިވާ ބައެއް މަސައްކަތްތަކާއި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ދާއިރު އޭސީސީގެ ފަރާތުން އެކަމާ ފިޔަވަޅު އަޅުއްވާތަން ނުފެންނަ ކަމަށާއި މީގެމިސާލެއްގެ ގޮތުން ސީ.އެޗް.އެސް.ސީގެ ކެންޓީންގެ މައްސަލަ އާއި އައި،ޖީ.އެމް.އެޗް އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލަށް ދިންމައްސަލަ އާއި ހަނިމާދޫ އެއަރޕޯޓު ޖީ.އެމް.އާރއަށް ދިނުން ފާހަގަ ކޮށްލެވުނެވެ. މިފަދަ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމުގައި އޭ.ސީ.ސީން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާނަމަ ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގައި އެކުލަވާލެވިފައިވާ ޤާނޫނީ އޮނިގަނޑާއި މެދު ރައްޔިތުންގެ އިތުބާރުކުޑަވެ ކުށްކުރާފަރާތް ތަކަށް އިތުރަށް ހިތްވަރުލިބެމުން ދާނެކަމެއް ކަމަށް ގައުމީ ޕާޓީން އޭސީސީއާއެކު ބޭއްވި ބައްދަލުވުމުގައި ބުނެފައެވެ.











