ރާއްޖޭގައި އަރަބި އަދި އިސްލާމީ ތައުލީމް އެންމެ ފުޅާކޮށް ކިޔަވައިދެމުން އަންނަ ސްކޫލް ކަމުގައިވާ ކުއްލިއްޔަތުއް ދިރާ ސަތުލް އިސްލާމިއްޔާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ސަރުކާރުން ގެންދިޔުމާއި ގުޅިގެން އަދާލަތު ޕާޓީން ތެދުވެއްޖެ ކަމުގައި އެޕާޓީން ބުނެފިއެވެ. އެޕާޓީން ނިންމާފައި ވަނީ ސަރުކާރުން މިގެނައި ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށެވެ.
ފުރަތަމަ ޚިޔާލަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ކުއްލިއްޔާ ދިއުމަކީ ގެއްލުން ހުރި ކަމެއް ނޫންކަމަށާއި އޭގެ ސަބަބުން ކުއްލިއްޔާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި، ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި ވެސް ކުއްލިއްޔާ ކޮލެޖްގެ ދަށަށް ގެނައުމުގެ ވިސްނުން ގެންގުޅެފައިވާ ކަމަށާއި، އެއިރު އެކަން ނުވީ ވަކި ބައެއްގެ " މިލްކެއް" ގެ ގޮތު ން ކުއްލިއްޔާގެ ކަންތައްތައް ހިންގާފައިވާތީ ކަމުގައި މި ޚިޔާލަށް ތާއިދު ކުރެއްވި މެންބަރުން ވިދާޅުވިއެވެ. އަދި ވެސް އެބޭފުޅުން ވިދާޅުވީ ދިވެހިރާއްޖެއިން އިސްލާމީ ތަޢުލީމު ފޮހެލުމަކީ މުސްތަޙީލުކަމެއްކަމަށާއި މި ބަދަލު ހެޔޮ ބަދަލަކަށް ހެދުމަށްޓަކައި ޢަދާލަތުން މަސައްކަތްކުރަންޖެހޭނެ ކަމަށާއި މި ގޮތުން ކޮލެޖްގެ އިސްވެރިންނާ ބައްދަލުކޮށް ކުއްލިއްޔާގެ ކަންކަން މުސްތަޤްބަލްގައި ރާވައިހިނގުމާމެދު ޢަދާލަތުޕާޓީ އަށް ފެންނަ ރައުޔަކާ މަޝްވަރާއެއް ދިނުން މުހިންމު ކަމުގައެވެ.
ދެވަނަ ޚިޔާލު ހުށަހެޅުއްވި ބޭފުޅުން ވިދާޅުވީ މިބަދަލުގެ ސަބަބުން އިސްލާމީ ތަޢުލީމަށް ހަނިކަމެއް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތްކަމާއި މިބަދަލަކީ ކުއްލިއްޔާގެ ޝަޚްޞިއްޔަތު ގެއްލިގެން ދިޔަ ބަދަލެއްކަމަށާއި މިކަމާ ދެކޮޅަށް މަސައްކަތް ކޮށް ކުއްލިއްޔާ މުސްތަޤިއްލުކޮށް ހުރުމުގެ ފުރްޞަތު ހޯދުމަށް ޢަދާލަތުޕާޓީގެ ފަރާތުން މަސައްކަތްކުރަންޖެހޭނެކަމުގައެވެ. އަދި އެތަނުގެ މެނޭޖްމަންޓްގެ މައްސަލަތަކެއް ވެސް ވާ ކަމަށާއި އެތަން އިޞްލާޙްކުރުމަށް ބޭނުން ނަމަ މެނޭޖްމަންޓް ބަދަލުކުރުމުން އިޞްލާޙްކުރެވޭނެ ކަމުގައެވެ.
ތިންވަނަ ޚިޔާލު މެންބަރުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖްލީހުގައި ޤައުމީ ޔުނިވަރސިޓީގެ ބިލް އޮއްވާ، އަދި ކުއް ލިއްޔާގެ ކަންތަކުގައި ރައްޔިތުންގެ މަޖްލީހުގައި ބަޙުޘްކުރެވެމުން ދަނިކޮށް ރައްޔިތުންގެ މަޖްލީހުން ގޮތެއް ނިންމުމުގެ ކުރީން ސަރުކާރުން ކުއްލި ގޮތަކަށް މި ބަދަލު ގެނައުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖްލީހުގެ ނިންމު މަކަށް އިންތިޒާރުކުރުމަށް ސަރުކާރަށް ދެންނެވުމަށް މިރައުޔުގެ ބޭފުޅުން ތާއިދު ކުރެއްވިއެވެ. ރައްޔިތުންގެ މަޖްލީހުން ނިންމާ ގޮތަކީ އެއީ ކޮލެޖްގެ ދަށް ދިއުން ކަމަށް ވީ ނަމަވެސް ނުވަތަ ޤައުމީ ޔުނިވަރސީޓީގެ ދަށުގައި ހުންނަ ވަކި މުސްތަޤިއްލު ކޮލެޖެއް ގޮތަށް ކުއްލިއްޔާ ހުންނަން ނިންމި ކަމުގައި ވިޔަސް މިއިން ކޮންމެ ގޮތަކަށް ނިމުނަސް އެނިންމެވި ގޮތަކަށް ޕާޓީން ތާއިދުކުރުމަށް މި ޚިޔާލުގެ މެމްބަރުން ތާއިދު ކުރެއްވިއެވެ.
މިހުށަހެޅުންތައް ވޯޓަކަށް އެހުމުން އަޣްލަބިއްޔަތުން ފާސްވީ ފުރަތަމަ ހުށަހެޅުނު ގޮތެވެ. އެއީ ސަރުކާރުން ގެންނެވި ބަދަލަކީ ގެއްލުން ހުރި ބަދަލެއް ނޫންކަމާއި، މި ގެންވުނު ބަދަލު ހެޔޮ ބަދަލަކަށް ހެދުމަށް ޕާޓީން އެހީތެރިކަން ދިނުމަށެވެ. މަޝްވަރާ މަޖްލީހުގެ އެންމެހާ މެންބަރުން ވެސް އިއްތިފާޤުވެފައި ވަނީ ރާއްޖޭގައި ދެ ޔުނިވަރސިޓީ އެއް ޤާއިމު ކުރުމަކީ ދަތިކަމަކަށްވާނެ ކަމުގައެވެ.











