ރާއްޖޭގައި ވަކި ޖަމާއަތް ހަދައިގެން ހުކުރު ކުރުމާ ނަމާދު ކުރުމާ، ހުއްދަ ނެތި ތަގުރީރު ކުރުމާ، ޚުތުބާ ދިނުންފަދަ ދީނީ އެއްބައިވަންތަކަށް ގެއްލޭފަދަ ހަރަކާތްތައް ހިންގަމުން ގެންދާ ފަރާތްތަކުން އެކަންކަން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގޮވާލައިފި.
މިކަމަށް ގޮވާލާ މިއަދު އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ އަމުރު ވެރިކަމުން ބޭރުވެ، ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުމާ ނަމާދު ކުރުމާ، ހުއްދަ ނެތި ތަގުރީރު ކުރުމާ، ހުތުބާ ދިނުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ކަމެއް. އިސްލާމިކް
މިނިސްޓްރީން ނެރެފައިވާ މިބަޔާނުގައި އެމިނިސްޓްރީގެ މަޝްވަރާއާ ނަސޭހަތް ގަބޫލުކޮށް ވަކި ޖަމާއަތް ހެދުމާ ދީނީ ހިޔާލު ތަފާތުވުންތަކާ ދެބަސްވުމުން އެއްކިބާވެ، މިހާރު ރާއްޖެ ދެކެމުން މިދާ ދީނީ އެއްބައިވަންތަކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހުރިހާ ޖަމާއަތްތަކާ ޖަމިއްޔާތަކަށް ވަނީ ގޮވާލާފައި. އަދި ދީނީ ކަންކަމުގައި އަރައިރުން ނުވުމަށާ، މަޒްހަބީ ޚިލާފުތަކުގެ ތެރެއަށް ނުވަނުމަށާ، ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި އުންމަތުގެ އިމާމުންނާ ދަންނަބޭކަލުންގެ ފަތުވާތަކަށް ރުޖޫޢަ ވުމަށް ވެސް، ވަކިން ޖަމައާތް ހަދައިގެން އުޅޭ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާލާފައި.
އިސްލާމިކް އެފެއާޒުން މިފަދަ ނޫސް ބަޔާނެއް ނެރެފައި މިވަނީ، އއ ހިމަންދޫގައި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިޔަ މީހުން، އެގޮތް ދޫކޮށްލާފައިވާކަން އެމިނިސްޓްރީން އިއުލާން ކުރިފަހުން.
ދާދިފަހުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ދީނީ ގޮފީގެ މެންބަރު އަދި އިސްލާމިކް މިނިސްޓްރީގެ މުރުޝިދު ހާފިޒު އަހުމަދު ޒަކީ ވަނީ ރާއްޖޭގެ ދީނީ ޖަމާއަތްތަކާއި އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ދެމެދު އޮންނަ ގުޅުން ކުޑަކަމަށް ވިދާޅުވެ މިނިސްޓްރީގެ އިސް ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ.











