ކުރީގެ ސަރުކާރުގެ ހިޔާނަތުގެ މައްސަލަތައް ބެލުމަށް ރައީސް ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް، ސަރުކާރުން ނަހަމަގޮތުގައި ނުފޫޒު ފޯރުވަމުންދާކަމަށް ވިދާޅުވެ، އިދުހާމް މުއިޒް އަދުނާނު ރިޔާސީ ކޮމިޝަނުން މިއަދު އިސްތުއުފާދެއްވައިފި.
އިދުހާމް މުއިޒް ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ކޮމިޝަނުގެ މެންބަރުންކަމުން އިސްތިއުފާދެއްވުމަށް މިއަދު ހުށަހަޅުއްވާފައިވާނެކަމަށާއި، އިސްތިއުފާ ދެއްވީ ގަބޫލްނުކުރެވޭކަންތައްތައް ހިނގަމުންދާތީ ކަމަށް. އޭނާ ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަމުންދާކަމަށާއި،
އެފަދަ ތަނެއްގައި ހުންނަންބޭނުންފުޅުނުވާކަމަށް. އިދުހާމް ވިދާޅުވީ އިސްތުފާދެއްވުމުގެ ފަހަތުގައި ވަކިމައްސަލައެއްވެސް ހިމެނޭކަމަށާއި، ނަމަވެސް އެއީ ކޮންމައްސަލައެއްކަން ހާމަކުރެވެން ނެތްކަމަށް.
ނަމަވެސް ދުވަހު ނޫސް ހަވީރުގައި ބުނެފައިވަނީ، އިދުހާމް އިސްތިއުފާދެއްވީ، އެކޮމިޝަނުން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު ހާމަ ނުކުރުމަށް ރައީސް އޮފީހުން އެންގުމުންނާއި، އޭގެ ކުރިންވެސް ކޮމިޝަނުގެ މައްސައްކަތް ކުރުމުގައި ދިމާވެފައިވާ ބައެއް މައްސަލަތަކުގެ ސަބަބުންކަމަށް. ދިޓީވީއަށް މައުލޫމާތުލިބިފައިވާ ގޮތުގައި ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު މިއަދު ހާމަކުރުމަށް ހަމަޖައްސާފައިވަނިކޮށް، އެމައުލޫމާތު ހާމަނުކުރުމަށް ރައީސް އޮފީހުން އަންގަވާފައިވޭ. އަދި ރިޔާސީ ކޮމިޝަނުން މިމައުލޫމާތު ހާމަކުރުމަށް ދަރުބާރުގޭ ފަންސަވީސް ވެސް ހޯދާފައިވޭ.
ދުވަހުނޫސް ހަވީރުގައި ބުނެފައިވަނީ، ރިޔާސީ ކޮމިޝަނުން ހާމަކުރަން އުޅުނު މައުލޫމާތަކީ، ކުރީގެ ރައްޔިތުން މަޖިލީހުގެ ގއ.މެންބަރު އަބްދުﷲ ޖާބިރާއި މުލަކުދާއިރާގެ މެންބަރުން އަބްދުﷲ ޔާމީނާއި ގުޅޭގޮތުން އެކޮމިޝަނުން ބެލި މައްސަލައެއްގެ މައުލޫމާތުތަކެއްކަމަށް. އަދި އެމައުލޫމާތު ހާމަކުރުމަށް ކޮމިޝަނުން ތައްޔާރީތަކެއް ވެފައިވާކަމަށްވެސް ދުވަހުނޫސް ހަވީރުގައި ބުނެފައިވޭ.
މިމައްސަލަ ފެންމަތިވެފައިވާ މިދަނޑިވަޅުގައި ޖާބިރު އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކެއްވެސް ފެތުރެމުން އެބަދޭ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން އަދި ކަށަވަރު ކޮށްދީފައެއްނުވޭ.











