ސަރުކާރުގެ ނުފޫޒުން މީޑިއާ މިނިވަން ކުރުމަށާއި މީޑިއާ މޮނިޓަރ ކޮށް، ޒިންމާދާރު، ޕްރޮފެޝަނަލް ނޫސްވެރިކަމެއް އަށަގެންނެވުމަށްޓަކައި ރާއްޖޭގައި ސެލްފް-ރެގިއުލޭޓަރީ ނިޒާމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މީޑިއާ އޮގަނައިޒޭޝަންތަކަށް ހުށަހަޅައިފި.
އެމް.ޖޭ.އޭ އިން ރޭ އެޑިޓަރުންނާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އެމްޖޭއޭ އިން ވަނީ އަވަށްޓެރި ބައެއް ގައުމުތަކާއި ތަރައްގީވެފައިވާ ގައުމުތަކުގެ ސެލްފް-ރެގިއުލޭޝަން ތަޖުރިބާތައް، މީޑިއާގެ އިސް ފަރާތްތަކާއެކު ހިއްސާ ކޮށްފަ.
އެޑިޓަރުންގެ މި ފޯރަމްގައި އެމްޖޭއޭ އިން ބުނިގޮތުގައި މިނިވަން މީޑިއާއަކަށް ފުރުސަތު އޮންނާނީ، ހަރުދަނާ އުސޫލުތަކެއްގެ ދަށުން، މީޑިއާގެ ފަރާތްތަކުން ކަނޑައަޅާ މުއައްސަސާއަކުން މީޑިއާގެ ކަންކަން ބަލަހައްޓައިގެން ކަން ބޭރުގެ ބައެއް ގައުމުތަކުގައި ސާބިތުވެފައިވާކަމަށް. އަދި ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމުގައިވާ މީޑިއާ މޮނިޓަރ ކުރުމުގައި ޑިމޮކްރެސީއާ އެންމެ ދޯޅު ގޮތަކީ ވެސް ސެލްފް-ރެގިއުލޭޝަން ކަމަށް ވާއިރު އެފަދަ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް އެމްޖޭއޭ އިން ޝައުގުވެރިވާކަން އެ ޖަމިއްޔާ އިން ހާމަކޮށްފައިވޭ.
މީގެއިތުރުން، އެ ބައްދަލުވުމުގައި އެމްޖޭއޭ އިން ވަނީ މޭ މަހުގެ ތިން ވަނަ ދުވަހު ދުނިޔޭގެ ޕްރެސް ފްރީޑަމް ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔުން މުހިންމު ހަރަކާތްތަކާއި އެ ހަރަކާތްތައް ހިންގާނެ ގޮތްތަކާ ބެހޭގޮތުން އެޑިޓަރުންނާ ޚިޔާލު ބަދަލު ކޮށްފަ. އަދި އެމްޖޭއޭގެ ހިންގާ ކޮމިޓީން ދާދިފަހުން ސްރީ ލަންކާއަށް ކުރި ދަތުރުގެ ތަފްސީލް ވެސް މީޑިއާގެ އިސް ފަރާތްތަކަށް ދީފައިވޭ. އެ ދަތުރުގައި އެމްޖޭއޭ އިން ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ބައިނަލްއަގުވާމީ މުޖުތަމައަށް އަންގައިދީ، ދިވެހި ނޫސްވެރިންނަށް ތަމްރީން ފުރުސަތުތައް ހޯދައިދިނުމަށް އެމްބަސީތަކާއި ނޫސްވެރިކަމާ ގުޅޭ ގިނަ އިދާރާތަކަކާ ބައްދަލުކޮށް މަޝްވަރާތައްކޮށްފަ.











