މި އިސްލާހަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 77 ވަނަ ޖަލްސާގައި، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު، ކެންޑިޑޭޓުންނަށް ދެވޭ ޤަވައިދަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ހުށަހަޅުއްވައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ތާއީދުކުރެއްވި އިސްލާހެކެވެ. މި އިސްލާހް ފާސްވުމުގެ ކުރިން އެގަވާއިދުގައިވާގޮތުން ” ސެލެކްޝަން ކޮމިޓީން ޕާޓީގެ ފަރާތުން ކައުންސިލް ދާއިރާއަކަށް ކުރިމަތިލުމަށް ކެންޑިޑޭޓުންނަށް ޓިކެޓުދޭނީ ކުރު ލިސްޓުގައިވާ ފަރާތްތައްކުރެން، ޕާޓީގެ ޓިކެޓުގައި ހޮވުމުގެ ފުރުޞަތު އެންމެ ބޮޑުކަމަށް ފެންނަ” ފަރާތްތަކަށެވެ.
ހޯމަދުވަހު ހަވީރު ބޭއްވުނު ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ލޯކަލް އިންތިޚާބުގެ ޓިކެޓް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ފަންޑްރައިސިންގ ކޮމިޓީގެ ޓީއޯއާރ އަށް ގޮތެއް ނިންމުމާއި، ކޮންގްރެސް އިންތިޒާމް ކޮމިޓީ އެކުލަވާލުމާއި، ޕަބްލިކް ރިލޭޝަންސް ކޮމިޓީއެއް ނެގުން ފަދަ މުހިއްމު ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުނެވެ.
މިގޮތުން މި ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޓިކެޓް ދެވޭ ޤަވާއިދަށާއި، ފަންޑްރައިސިންގ ކޮމިޓީން ކުރަން ގަސްތުކޮށްފައިވާ ކަންތައްތަކަށް އިތުރު ބައެއް އިސްލާހު ގެނެސް އެމްޑީޕީގެ ކޮންގްރެސް އިންތިޒާމްކުރުމަށް 35 މެންބަރުންގެ ކޮމިޓީއަކާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޕަބްލިކް ރިލޭޝަންސް ކޮމިޓީ އެއް އައްޔަންކުރެވުނެވެ.
ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން އައްޔަން ކުރެވުނު ޕަބްލިކް ރިލޭޝަންސް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދިދީ އާއި، ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ރައީސް އޮފީހުގެ ޕްރެސް ސެކްރަޓަރީ މުހައްމަދު ޒުހައިރުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










