
މީގެކުރިން މައުހަދުއްދިރާސަތުލް އިސްލާމިއްޔާގެ ނަމުގައި ހިންގަމުން އައުމަށް ފަހު އެންމެ ފަހުން ކުއްލިއްޔަތުއް ދިރާސަތިލް އިސްލާމިއްޔާގެ ނަމުގައި ހިންގަމުން އައި ތަން އުވާލައި އެތަނުގެ ދަރިވަރުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ނެރުއްވި ޤަރާރު ތަންފީޒު ވެގެންދާނީ ރައީސް ނަޝީދުގެ ބުރަކަށި ފުޅުން ކަމުގައި އިނދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ ކަމުގައި ޑީއާރުޕީން ބުނެފިއެވެ.
އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބުރާސްފަތި ވިލޭރޭ އޮތް ޑީއާރުޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ރައީސް ނަޝީދު އެޤަރާރު އުވާނުލައްވައި ތަންފީޒު ކުރައްވާނަމަ އެކަން ތަންފީޒު ކުރުމަށްޓަކައި ރައީސް ނަޝީދުގެ ބުރަކަށިފުޅުގައި ދިވެހި ރައްޔިތުން އަތް އަޅައި ރައީސް ކަމުން ކޮއްޕާ ވައްޓާލައްވާނެ ކަމަށެވެ. އެހެންކަމުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ޤަރާރު އުވާލުމަށް އަފްޜާޝީމް ވަނީ ގޮވާލައްވާފައެވެ.
މިޖަލްސާގައި ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ކުއްލިއްޔާ އުވާލުމަކީ އަރަބި އިސްލާމީ ތައުލީމް ރާއްޖެއިން ފޮހެލުމަށް ސަރުކާރުން ކުރެއްވި ޖެއްސުމެއް ކަމަށެވެ. ކުއްލިއްޔާ އުވާލަން ރައީސް ނަޝީދު ޤަރާރެއް ނެރުއްވުމުން ތަސްމީން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެފައެވެ.
މިޖަލްސާގައި ތަސްމީންގެ އިތުރުން ދެން ވާހަކަ ދެއްކެވި ބޭފުޅުންވެސް ވިދާޅުވީ ސަރުކާރުން ރާއްޖޭގައި އެހެން ދީންތައް އޮތުމަށް މަގު ކޮށަނީ ކަމަށާއި އެކަމުގެ ހެކި ސަރުކާރާއި ޙަވާލުވުމުގެ ކުރިންވެސް ސަރުކާރުގެ އެންމެ އިސްވެރިންގެ ކިބައިން ފެނިފައިވާ ކަމަށެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










