މި އަދުގެ ސަރުކާރުން އިސްލާމީ ތަޢުލީމު ފުޅާކޮށް ކުއްލިއްޔާ ޔުނިވަރސިޓީއެއްގެ ހިޔަލަށް ގެންދިޔައީ ކަމަށް ބުނާ ވާހަކައަކީ ރައީސް ނަޝީދު ދަމާލި ގުއިރޯނެއް ކަމުގައި ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ޢުމަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ފުނޑުފުނޑު ކޮށްލާނީ، ފަހަރަކު ގަލެއް ނައްޓަމުން ރައްޔިތުންނަށް މި ވަނީ ކީއްކަން ނޭނގޭވަރަށް ވަރަށް މަކަރުވެރި ގޮތެއްގަ އެވެ. މި ރޭ ހެދިގޮނޑު ދޮށުގައި ޑީ. އާރު. ޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ފުޅު ދައްކަވަމުން، ޢުމަރު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އިސްލާމީ ތަޢުލީމާމެދު ނަޝީދުގެ ހިތްޕުޅުގައި އުފެދިފައިވާ ދުޝްމަންކަން ފާޅު ކުރައްވައިފައިވާކަމަށެވެ. ދުނިޔޭގެ މަޝްހޫރު ޚަބަރު ޗެނަލެއްކަމުގައިވާ، އަލްޖަޒީރާގެ ޕްރޮގްރާމެއްގައި ޢުމަރު ނަޞީރާއި، އަލްއުސްތާޛު މުޙަންމަދު ނަޝީދާއި، މި ހާރުގެ ރައީސް މުޙަންމަދު ނަޝީދާ ކުރެވުނު ސުވާލުތަކެއްގެ ތެރޭގައި މި ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ހައްދު ފަހަނަ އަޅައިފައިވާ މީހުން ތަމްރީނުކުރާ މައިމަރުކަޒަކީ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާކަމަށެވެ. މީގެ އިތުރަށް، ސައުވީގަޑި އިރު ހަމައިގައި ތިބެން ނުޖެހޭކަމަށް ވިދާޅުވުމާއި، ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ފައްޅިއެއް އެޅޭތޯ ރަސްމީކޮށް މަސައްކަތް ކުރައްވަމުން ގެންދެވުމާއި، ޤުރުއާނާ ބެހޭ މަރުކަޒު އުވާލުމަށް، ސިޓީފޮނުއްވުމާއި، ރޯދަމަހު ދުވާލު ރެސްޓޯރަންޓުތަކުން ޚިދުމަތް ލިބޭގޮތް ފުރަތަމަ ފަހަރަށް މިވެރިކަމުގައި ހަމަޖެހިގެން ދިޔުމާއި، މީހުން ދިރިއުޅޭ އާންމު ރަށްރަށާއި، ވެރިކަންކުރާ ރަށުގައި ބަނގުރާގެ ވިޔަފާރި ޢާންމުކުރުމަށް ބާރު އެޅުމާއި، މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ މިސްކިތް އުވާލައްވައިފައިވުމާއި، އަދި ކުރިން ކޮންމެ އަހަރަކު 40 ދިވެހިން ސަރުކާރު ޚަރަދުގައި ޙައްޖަށް ފޮނުއްވަމުން ގެންދެވި ގެންދެވުން، 10އެއްގެ އަދަދަކަށް ދަށްކުރެއްވުމަކީ ފެންނަން ހުރި ސާބިތު ހެކިތައްކަމަށް އުމަރު ވިދާޅުވި އެވެ.
އިތުރަށް އުމަރު ވިދާޅުވީ، ކުއްލިއްޔާގައި ކިޔަވަ ކިޔަވައި ތިބި ޔުނީފޯމުލީ ކުދިން، ޢަރަބިއްޔާއަށް ބަދަލުކުރީވެސް ވަރަށް ފޮނި ހުވަފެން ދައްކަވައިފައި ކަމަށާއި، ނަމަވެސް މި ހާރު އެކުދިން ވަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އަދި އެޑިޔުކޭޝަނުން މިހާރު އެކުދިންގެ ބެލެނިވެރިންނަށް ލަފާދީފައިވަނީ އެކި ކުދިން އެކި މަދަރުސާތަކަށް ބަހައިލުމަށްކަމަށް ޢުމަރު ވިދާޅުވި އެވެ. އެހެންކަމުން ކުއްލިއްޔާ ޔުނިވަރސިޓީގެ ދަށަށް ގޮސް އެތަނަށް މާމޮޅު ގޮތްތަކެއް ވާނެ ވާހަކަ އަކީ، މި ކަހަލަ ދޮގު ހުވަފެނެއްކަމަށާއި، އެއީ ރައީސް ނަޝީދު ދަމާ ގުއިރޯނެއްކަމަށްވިދާޅުވި އެވެ. އެފަދަ ގުއިރޯނެއްގައި ނުޖެހުމަށް ރައްޔިތުން ސަމާލުވުމަށް ޢުމަރު ވިދާޅުވި އެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










